ހައްދުންމަތީ ގަމުގެ އިޚްތިޞާޞްގައި އެ އަތޮޅު ބޮޑުފިނޮޅު ހިމެނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހަމަދު މުއިއްޒު ނިންމަވައިފިއެވެ.

އެ މަނިކުފާނު މިހެން ނިންމަވާފައިވަނީ، ގާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 1-56 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް ރައީސްއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން، އެމަނިކުފާނު މިއަދު ނެރުއްވި، ނަންބަރު 2025/5 ވަނަ ގަރާރުންނެވެ.

ގަމުގެ އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މި ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.