މިއަދުން ފެށިގެން ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސް ޖުމްލަ 13 ތަނަކުން ރޯދަ ހަދިޔާ ދޫކުރާ ގޮތަށް ހަމަޖައްސާފައިވާ ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އާދަމް ޝަރީފް މިހެން ވިދާޅުވީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެެވެ.
މިނިސްޓަރ ވިދާޅުވީ ގްރޭޓަރ މާލޭގައި މަސްދަޅު ކޭސް އާންމުންނަށް ފޯރުކޮށްދިނުމުގައި އެންމެ ލުއިފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމުގެ ގޮތުން، މިދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށް ވުމާއިއެކު، މިއަދުން ފެށިގެން މަސްދަޅުކޭސް ދޫކުރާނީ ރޭގަނޑު އެކަނި ކަމަށެވެ.
އަދި މާލޭގެ ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބެންދެން މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ކިޔޫގައި ގިނަ ވަގުތު ހޭދަކުރަންނުޖެހޭނެހެން، އޮންލައިން ނިޒާމެއްގެ ތެރެއިން، ޓޯކަން ނެގޭނެ އިންތިޒާމު ހަމަޖައްސާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.. މި ނިޒާމުގެ ތެރެއިން ވަކި ރެޔަކަށް ވަކި މަރުކަޒަކުން ޓޯކަން ނެގުމުން، އެ ރެޔެއްގައި އެ މަރުކަޒަކުން އެ ބޭފުޅަކަށް މަސްދަޅުކޭސް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. ފޯނު ފަދަ ތަކެތި ބޭނުންކުރުމަށް ދަތިކަމެއް ދަތިކަމެއް ހުރެދާނެ ފަރާތްތަކަށްވެސް ދައްޗެއް ނެތި ކުރިއަށްގެންދެވޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
މަސްދަޅުކޭސް ދޫކުރާނެ ތަންތަނާއި ދޫކުރާނެ ޓޯކަންގެ އަދަދު:
- 1- މިފްކޯ ކޮމްޕްލެކްސް (މާފަންނު)- 200 ޓޯކަން
- 2- އެމް.ޓީ.ސީ.ސީ ސޯމިލް- 200 ޓޯކަން
- 3- ހެންވޭރު ދަނޑު- 100 ޓޯކަން
- 4- ގަލޮޅު ދަނޑު – ސެޓަޕް 1- 50 ޓޯކަން
- 5- ގަލޮޅު ދަނޑު – ސެޓަޕް 2- 50 ޓޯކަން
- 6- ގަލޮޅު ދަނޑު – ސެޓަޕް 3- 50 ޓޯކަން
- 7- ގަލޮޅު ދަނޑު – ސެޓަޕް 4- 50 ޓޯކަން
- 8- ސޯޝަލް ސެންޓަރު- 100 ޓޯކަން
- 9- ވިލިމާލެ – ވެމްކޯ ސައިޓް- 100 ޓޯކަން
- 10- ހުޅުމާލެ – އުމަރު ޒާހިރު ބިލްޑިންގ- 100 ޓޯކަން
- 11- ހުޅުމާލެ – ޕޮލްކޯ ޓަވރ (ސީ ބްލޮކް)- 10- 100 ޓޯކަން
- 12- ހުޅުމާލެ – ހިޔާ ޓަވަރު 10- 100 ޓޯކަން
- 13- ހުޅުމާލެ – ކާމިލްދީދި ޕްރީސްކޫލް- 100 ޓޯކަން
މީގެން ކޮންމެ މަރުކަޒަކުން ވެސް ރޭގަނޑު 8.00 އިން 12:00 އަށް މަސްދަޅު ކޭސް ދޫކުރާނެއެވެ.