ރޯމާ ދުވާލު ކަރާޗީގައި ފޭރުމުގެ އަމަލެއް ހިންގައިފިއެވެ. ކަރާޗީގެ ގުލްޝަން ހަދީދު ސަރަހައްދުގައި ބަސް ދުއްވާ ކުންފުންޏެއްގެ މުވައްޒަފުންގެ އަތުން 1.15 މިލިއަން ރުޕީސް (64 ހާސް ދިވެހި ރުފިޔާ) ގެ ފައިސާ އާއި ހަތިޔާރާއި މޯބައިލް ފޯނުތައް ފޭރިގެންފައި ވެއެވެ.

ބަސް ޑްރައިވަރު ޝެރް ޖާން ބުނީ ވެހިކަލެއްގައި އައި 6 މީހަކު ހަތިޔާރު ދައްކައިގެން އެމީހުން ފޭރުނީ ކަމަށވެ. އަދި އެމީހުން ފިލަން ދިއުމުގެ ކުރިން ޓިކެޓް ފައިސާއާއި ގާޑެއްގެ ބަޑިއާއި ފޯނުތައްވެސް ގެންދިޔައީ ކަމަށެވެ.

ފުލުހުން ވަނީ ސީސީޓީވީ ފޫޓޭޖު ބަލައިގެން މައްސަލައިގެ ތަހުގީގު ފަށާފައެވެ.

ކަރާޗީގައި މަގުމަތީގައި ޖަރީމާ ހިންގުމަކީ އަދިވެސް ހައްލު ނުކުރެވިފައިވާ މައްސަލައެއް ކަމަށް މީޑިއާއިން ބުނެއެވެ. މިއަހަރު ޖެނުއަރީ މަހުން ފެށިގެން މަގުމަތީގައި ފޭރުމާއި ބަޑި ޖެހުމުގެ ޖަރީމާތަކުގައި 19 މީހަކު ވަނީ މަރުވެފައެވެ. ފުލުހުންގެ ރިޕޯޓެއްގައި ބުނެފައި ވަނީ ފެބްރުއަރީ މަހު 3،773 ސައިކަލާއި 195 ކާރު ވަގަށް ނަގާފައިވާ ކަމަށެވެ. އަދި 1،402 މޮބައިލް ފޯން ވެސް ވަގަށް ނަގާފައިވާ ކަމަށެވެ. މިދިޔަ މަހު ހިނގި ވަކިވަކި ހާދިސާތަކުގައި 36 މީހަކު މަރުވެފައިވެ އެވެ.