އެމެރިކާގެ ތައުލީމީ ވުޒާރާގެ ބަޖެޓުގެ ދެބައިކުޅަ އެއްބައި ޓްރަމްޕް އުނިކޮށް، އެ އިދާރާ ރޫޅާލުމުގެ މަސައްކަތް ފަށައިފި އެވެ. މީގެ ފަސް ދުވަސް ކުރިން މަގާމާ ހަވާލުވި އެޑިއުކޭޝަން ސެކްރެޓަރީ ލިންޑާ މެކްމަހޯން ބުނެފައި ވަނީ، ޓްރަމްޕްގެ ސިޔާސަތާ އެއްގޮތަށް އެ އިދާރާ އުވާލުމުގެ ފުރަތަމަ މަރުހަލާ މިހާރު ފެށިފައިވާ ކަމަށެވެ. އަދި އެ އިދާރާ އެއްކޮށް އުވާލުމަށް ކޮންގްރެސްއިން ރުހުން ދޭން ޖެހޭނެ ކަމަށެވެ.

ޓްރަޕްމްގެ ސަރުކާރުން ސިފަ ކުރާ ގޮތުގައި ތައުލީމީ ވުޒާރާއެއް ހުރުމަކީ ސަރުކާރު ހިންގުމަށް އެޅޭ ހުރަހެކެވެ. އަދި އެއީ ދައުލަތުގެ ފައިސާތައް ކާލާ މުއައްސަސާއެކެވެ.

އަންގާރަ ދުވަހުން ފެށިގެން މުވައްޒަފުން މަދުކުރަން ފަށާފައި ވެއެވެ. 4،100 މުވައްޒަފުން ހިމެނޭ އެމެރިކާގެ ތައުލީމީ ވުޒާރާއިން ގަދަކަމުން 600 މީހުން އިސްތިއުފާ ދިނުމަށް މަޖުބޫރުކޮށްފައި ވެއެވެ. އަދި ޖޫން މަހުގެ ނިޔަލަށް 1،300 މުވައްޒަފުން މުސާރަ ލިބޭ ޗުއްޓީގައި ގެއަށް ފޮނުވާލާނެއެވެ.

ޓްރަމްޕްގެ ސިޔާސަތުގައި، ތައުލީމީ ދާއިރާ ސަރުކާރުގެ ބާރުގެ ދަށުގައި އޮވެގެން ނުވާނެއެވެ.

އެމެރިކާ ކޮންގްރެސްގެ ބައެއް މެމްބަރުން ވަނީ ޓްރަމްޕްގެ ސިޔާސަތަށް ފާޑު ކިޔާފައެވެ. ސެނެޓަރު ޕެޓީ މުރޭ ފަދައިން ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ޓްރަމްޕް އެމެރިކާގެ ތައުލީމީ އިދާރާ ހަލާކު ކޮށްލަނީ، މުއްސަނދިންނަށް ޓެކްސް ކުޑަކުރުމުގެ ގޮތުންނެވެ.