އެމެރިކާއިން ބާއްވާ މޫސުމާބެހޭ ސަމިޓަށް ދުނިޔޭގެ 40 ގައުމެއްގެ އެންމެ އިސް ވެރިންނަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން ދައުވަތު ދެއްވައިފިއެވެ.

މި ސަމިޓް އޮންނާނީ މި ފެށޭ އޭޕްރީލްމަހުގެ 22-23 އަށް ވާޗުއަލްކޮށެވެ.

މިސަމިޓަށް އެމެރިކާގެ ރައީސް ދައުވަތު ދެއްވި ބޭފުޅުންގެ ތެރޭގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް، ޗައިނާގެ ރައީސް ޝީ ޖިންޕިން، ރަޝިޔާގެ ރައީސް ލަޑިމިއަރ ޕުޓިން، ބަނގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ، ބޫޓާންގެ ބޮޑުވަޒީރު ޑރ. ލޮޓޭ ޓްޝަރިންވެސް ހިމެނިވަޑައި ގަންނަވައެވެ.

ޔޫރަޕްގެ ގައުމުތަކުން ސަމިޓަށް ދައުވަތު އެރުވުނު ބޭފުޅުންގެ ތެރޭގައި، ޖަރުމަނުގެ ޗާންސެލަރ އެންޖެލާ މާކެލް، ފްރާންސްގެ ރައީސް އިމެނުއެލް މެކްރޯން، ޔޫކޭގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ އިތުރުން ދެކުނު އެމެރިކާ ސަރަހައްދުން ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯއާއި، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާންވެސް ހިމެނިވަޑައި ގަންނަވައެވެ.

މިއީ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް އަޅަންޖެހޭ އަވަސް ފިޔަވަޅުތައް ފާހަގަކޮށް، ގޮތްތަކެއް ނިންމުމަށް ބާއްވާ ސަމިޓެއް ކަމަށް ވައިޓްހައުސްއިން ބުނެއެވެ.

މިސަމިޓް ކުރިއަށްދާއިރު ސަމިޓްގައި ބަހުސްކުރެވޭ ކަންކަމާއި ނިންމާ ނިންމުންތައް އާންމުންނަށް ފެންނާނޭހެން ލައިވްސްޓްރީމް ކުރެވޭނޭ ކަމަށްވެސް ވައިޓްހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

އެމެރިކާގެ އެތެރެއާއި ބޭރުގެ ސިޔާސަތުގައިވެސް މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަކީ އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ވައުދެކެވެ.

މިއަހަރުގެ ޖެނުއަރީމަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ޖޯ ބައިޑެން އެންމެ އަވަހަށް އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި މޫސުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާ، ޕެރިސް އެގްރީމެންޓްގައި އެމެރިކާ އަލުން ބައިވެރިވުން ހިމެނެއެވެ.

ޕެރިސް އެގްރީމެންޓްގައި ހުރި ބައެއް ކަންކަމުގެ ސަބަބުން އެމެރިކާއަށް ގެއްލުންވާ ކަމަށް ވިދާޅުވެ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ، އެ އެއްބަސްވުމުން އެމެރިކާ ވަކިކޮށްފައެވެ.

ޖޯ ބައިޑެންގެ ސަރުކާރުން މިހާރު ގެންދަނީ މޫސުމާބެހޭ މައްސަލަތަކާއި ދުނިޔޭގެ އެހެންވެސް ބޮޑެތި މައްސަލަތަކުގައި އެމެރިކާގެ އިސްނެގުން އޮތްކަން ދައްކަމުންނެވެ. ޓްރަމްޕްގެ ވެރިކަމުގައި ދުނިޔޭގެ ކުރިމަތީގައި އެމެރިކާއަށް ގެއްލިގެންދިޔަ އިހްތިރާމް އަލުން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.