ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ހުޅުވާލައިގެން ކުރިޔަށް އޮތް ރަމަޟާން މަހު ޤުރުއާން މުބާރާތެއް ބާއްވަން ލަންކާގައި ހުންނަ މޯލްޑިވިއަން އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ (އެމްއީސީސީ) ނިންމައިފިއެވެ.
ސޯސަންވިލާގައި ދިވެހި ސަރުކާރުން ހިންގަމުން އަންނަ އެމްއީސީސީގެ ޤުރުއާން މުބާރާތް ކުރިޔަށް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ރަމަޟާން މަހުގެ ފަސް ވަނަ ދުވަހުއެވެ. ހަތަރު ދުވަހަށް ދިގު ދެމިގެންދާ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ. މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 4 ވާ އާދީއްތަ ދުވަހުގެ 12:00 އެވެ.
ސޯސަންވިލާގައި ތައުލީމް ޙާސިލް ކުރަމުން އަންނަ ދަރިވަރުންގެ އިތުރުން ލަންކާގައި ދިރިއުޅޭ އާންމުންނަށްވެސް ބައިވެރި ވެވޭގޮތަށް އޮތް މިމުބާރާތް ކުރިޔަށް ދާނީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ހިތުން ކިޔެވުމުގެ ގޮފިވެސް ހިމެނޭ ގޮތަށެވެ. މިއިން ކޮންމެ ގޮތްޕެއްގައި 6 ޢުމުރުފުރާއަކުން ބައިވެރި ވެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
މުބާރާތުގައި ހިމެނޭ ޢުމުރުފުރާ ތަކަކީ 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި، 12 އަހަރުން ދަށާއި، 15 އަހަރުން ދަށުގެ އިތުރުން 18 އަހަރުން ދަށާއި 21 އަހަރުން ދަށުގެ އުމުރުފުރާއެވެ. މިއިން ކޮންމެ ޢުމުރު ފުރާއަކުން ދެގޮފީގައިވެސް އެކަކަށް ބައިވެރި ވެވިދާނެއެވެ.
މުބާރާތުގެ ދެގޮފީގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން ކޮންމެ އުމުރުފުރާއަކުންވެސް 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމުގެ އިތުރުން ދެ ގޮފީގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން ކޮންމެ ގޮތްޕަކުންވެސް ގަދަ 5 ހޮވާ ގޮތަށްވެސް ސޯސަންވިލާއިން ވަނީ ހަމަޖައްސާފައެވެ. އަދި ދެގޮފި ވަކިން މުޅި މުބާރާތުން 1 ވަނަ، 2 ވަނަ އަދި 3 ވަނަވެސް ހޮވޭނެއެވެ.
ސޯސަންވިލާއަކީ ލަންކާގައި ދިރިއުޅޭ ދިވެހި ކިޔަވާ ކުދިންނަށް ޤުރުއާން މާއްދާވެސް ކިޔަވައިދޭ ސެންޓަރެކެވެ. މީގެއިތުރުން އެ ގައުމުގައި ދިރިއުޅޭ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް އަމާޒުކޮށް، ރާއްޖޭގައި ހުންނަ ކީރިތި ޤުރުއާނާބެހޭ މަރުކަޒާއި ގުޅިގެން ޤުރުއާން ކޯސްތަކާއި އެނޫންވެސް ބަޔެއް ޕްރޮގްރާމްތައް އެ ސެންޓަރުން މީގެކުރިންވެސް ވަނީ ހިންގާފައެވެ.