އައްސުލްޠާން ހަސަން ނޫރައްދީނަކީ ދިވެހި ތާރީޚުގައި އެންމެ ފަހުން ރަސްކަމަށް ކޮލިލެވުނު ރަދުންނެވެ. އެ މަނިއްޕުޅކީ މުއީނުއްދީން 2، ކުޑަ ބަންޑާރައިންގެ ބޭފުޅެކެވެ.

ރަސްކަމަށް އިސްވެ ވަޑައިގެންނެވީ 22 ފެބްރުއަރީ 1935 ގައެވެ. އެހެނަސް ކޮލިލެވުނީ 20 އޮގަސްޓް 1938 ގައެވެ. ދުނިޔޭގެ 2 ވަނަ ބޮޑުހަނގުރާމަ ސެޕްޓެމްބަރ 1939 ގައި ފެށުމާ ގުޅިގެން އެ މަނިއްޕުޅުގެ ބާރުތައް ހަނިވެގެންދިޔައެވެ. އެންމެ ފަހުން އިސްތިއުފާދެއްވީއެވެ.

އެ ރަދުން އަވަހާރަވީ 15 އެޕްރީލް 1967 ގައެވެ. އެ މަނިއްޕުޅުގެ އިސްތިއުފާގެ ސިޓީފުޅު މުޚާތަބު ކުރައްވާފައިވަނީ އެއިރުގެ ޚާއްސަ މަޖުލީހަށެވެ. ސިޓީއިން އެނގޭގޮތުން އެ ސިޓީ ލިޔުއްވާފައި ވަނީ 8 އެޕްރީލް 1943 ގައެވެ. ހަމަ އެދުވަހު ހަމަ އެ އިބާރާތުން ބޮޑުވަޒީރު އަލްއަމީރު މުހައްމަދު ފަރީދު ވެސް އިސްތިއުފާ ހުށަހެޅުއްވިއެވެ. އެ ސިޓީގައި ވާގޮތުން އޭނާ އިސްތިއުފާދެއްވި ސަބަބަކީ "މިވެއަތުވެދިޔަ ދުވަސްތަކުގެ ތެރޭގައި މެދުވެރިވި ސަބަބުތަކާއި އުފުލަން ޖެހުނު މަސްއޫލިއްޔަތުތަކާއި ހިނގި ކަންތައްތަކުގެ ތަޖުރިބާއިން ދިވެހިރާއްޖޭގެ އެންމެ މަތީ ވަލީއާއިމަތިވެ، މިކަން ބޮލުގައި އަޅައިގެން ހުރުމީ، އެއްގޮތަކަށް ވެސް އަހުރެންނާ އެކަށީގެންވާ ކަމެއްނޫންކަން" އެ މަނިއްޕުޅުގެ 'ޢަޤުލަށް' ވިސްނިވަޑައިގެންނެވުމެވެ.

މިހެން ލިޔުއްވާފައި އޮތުމުން އުފެދޭ ސުވާލެއް އެބައޮތެވެ. އެއީ އެކަން ވިސްނިވަޑައިގެންނެވުމަށް އެހާ ގިނަދުވަސްވީ ކީއްވެބާވައެވެ؟ އެ އިޝާރާތް ކުރެއްވީ އެ މަނިއްޕުޅުގެ ރަސްކަމުގެ ދުވަސް ވަރަށްކަމުގައި ވާނަމަ އެ ރަސްކަމަށްވަނީ 8 އަހަރުވެފައެވެ. އިޝާރާތް ކުރެއްވީ ބޮޑުހަނގުރާމައަށް ކަމުގައިވާނަމަ އެ ހަނގުރާމަ ފެށިގެން އުޅޭތާ 3 އަހަރާއި 7 މަސްވަނީ ވެފައެވެ. ސުވާލުތަކުގެ ޖަވާބު ހޯދަން އެ އިސްތިއުފާގެ ކުރީންނާއި ފަހުން، އެ ހާދިސާއާ ދާދި ގާތުގައި ހިނގި އެހެން 2 ހާދިސާއަކަށް ބަލައިލާން ޖެހެއެވެ. ފުރަތަމަ ހާދިސާއަކީ އެ އަހަރުގެ މާރޗް 5 ގައި ނިމިދިޔަ އުތުރުގެ ގަޑުބަޑެވެ. އެ ހާދިސާގައި ރާއްޖޭގައި އަބްދުލް މަޖީދު ރަންނަބަނޑޭރިކިލެގެފާނަށް ތާއީދު އޮތްކަން ހާމަ ވެގެން ދިޔައެވެ. ދެވަނަ ހާދިސާއަކީ 12 އެޕްރީލް 1943 ގައި އަބްދުލް މަޖީދު ރަންނަބަނޑޭރިކިލެގެފާނު ރާއްޖޭގެ ތަޚުތަށް އިންތިޚާބުވުމެވެ. ދެން ތިރީގައިވާ ތިން ތާރީޚުގެ ތަރުތީބަށް ބައްލަވައިލައްވާށެވެ.

5 މާރޗް އުތުރުގަޑުބަޑުގެ ހާދިސާއިން ރަންނަބަނޑޭރިކިލެގެފާނުގެ މަޤްބޫލުކަން ހާމަވެގެން ދިޔުން؛ 8 އެޕްރީލް ހަސަން ނޫރައްދީނު ރަދުން އިސްތިއުފާ ދެއްވުން؛ 12 އެޕްރީލް ރަންނަބަނޑޭރި ކިލެގެފާނު ދިވެހި ތަޚުތަށް އިންތިޚާބުވުން އެ ތަރުތީބަށް ބައްލަވާފައި ދޭކާއިދޭކާއި އެއްކޮށްލެއްވީމާ އިސްތިއުފާގެ އަސްލު ސަބަބު އެނގިގެން ދާނެއެވެ. އިސްތިއުފާއަށްފަހު ހަސަން ނޫރައްދީނު ދުވަސްކޮޅަކު ވަލީ ކޮމިޓީގެ ރައީސްކަން ކުރެއްވިއެވެ. އެ މަޤާމު ދޫކުރެއްވުމަށްފަހު ދައުލަތުގެ މަޤާމެއް ނުފުރައްވައެވެ. އޭނާގެ ހަޔާތުގެ ބާކީ ބައި ހޭދަކުރެއްވީ އޭނާގެ ގެކޮޅު މއ. މާންދޫގޭގައެވެ.