އީރާންގެ ނަތަންޒް ނިއުކްލިއާ މަރުކަޒަށް އިޒްރޭލުން ހަމަލަ ދީފައިވާ ކަން ސާބިތު ވާނަމަ އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީން އެމައްސަލަ ތަހުގީގު ކުރަން ޖެހޭނެ ކަމަށް ރަޝިޔާއިން ބުނެފިއެވެ.
އިރާނުގެ ނިއުކްލިއަރ މަރުކަޒަށް ހަމަލަ ދިނީ އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާދުން ކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ.
އީރާނުން ސިފަ ކޮށްފައި ވަނީ މިއީ ޓެރަރިސްޓް އަމަލެއް ކަމަށެވެ. އަދި އިޒްރޭލަށް މުނާސިބު ވަގުތެއްގައި މުނާސިބު ގޮތަކަށް އީރާނުން ރައްދު ދޭނެ ކަމަށް އީރާނުން ވަނީ އިންޒާރު ދީފައެވެ.
އެމެރިކާއިން ބުނެފައި ވަނީ މި ހަމަލަގެ ރިޕޯޓްތައް ލިބިފައިވާ ކަމަށެވެ. އަދި މިކަމުގައި އެމެރިކާގެ އަތެއް ނުވާ ކަމަށެވެ.
ވިލާތު އިއްތިހާދުން ބުނެފައި ވަނީ އީރާނާއެކު ބާއްވާ ނިއުކްލިއަރ ވާހަކަތައް ފުށުން ޖަހާލުމަށް މިފަދަ ހަމަލަތައް ދީގެން ނުވާނެ ކަމަށެވެ. އަދި މި ހަމަލަ ކުށްވެރި ކުރަމުން ބުނެފައި ވަނީ މަޝްވަރާތައް ކުރިއަށް ދާނެ ކަމަށެވެ.
އީރާނުން ބުނެފައި ވަނީ މި މަރުކަޒަށް ދިނަ ހަމަލާގައި ތަނަކުން ކަރަންޓް ކެޑުނު ކަމަށެވެ. އަދި މިކަމުގައި ބައިވެރިވި އެކަކު ވަނީ ހައްޔަރުކޮށްފައި ކަމަށެވެ. މިކަމުގެ އިތުރު ތަފްސީލެއް ހެތެރާނުން ނުދެއެވެ.
އިޒްރޭލަކީ އާންމުކޮށް ސައިޒަށް ވުރެން ބޮޑުކޮށް ކަންދައްކައި ބިރުވެރިކަން އުފައްދާލުމަށް މަސައްކަތް ކުރާ ގައުމެކެވެ. އިޒްރޭލުން ބުނެފައި ވަނީ މޮސާދުގެ ހަމަލައިން އީރާންގެ ނިއުކްލިއަރ މަރުކަޒަށް ބޮޑު ގެއްލުމެއް ލިބިފައި ވާނެ ކަމަށެވެ.
ނިއުޔޯރކް ޓައިމްސްއިން ބުނިގޮތުގައި މި ހަމަލައިން ކަރަންތް ކަނދައިގެން އެކަނި ދިޔައީ ކަމަށެވެ.
ނިއުކްލިއަރ ޓެރަރިސްޓް ހަމަލާއިން ފައިދާ ނަގަމުން އީރާނުން ބުނެފައިވަނީ އިތުރަށްވެސް އީރާނުން ޔުރޭނިއަމް ފައްކާ ކުރާނެ ކަމަށެވެ. ބޮޑެތި ބާރުތަކުގެ އިންޒާރެއް ފަރުވާލެއް ބެހެއްޓުމަކާ ނުލައި އީރާނުން ބުނަމުން ދަނީ އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ހުރިހައި ފިޔަވަޅުތައްވެސް ޝަރުތަކާ ނުލައި އުވާލަން ޖެހޭނެ ކަމަށެވެ. އަދި އެއަށްވުރެން ކުޑަ މިންވަރަކަށް އީރާނުން ނުރުހޭނެ ކަމަށެވެ.