ޖަޕާނާއި އިންޑިއާގެ ޑިފެންސް މިނިސްޓަރުންނާއި ފޮރިން މިނިސްޓަރުންގެ ބައްދަލުވުމެއް މި މަހުގެ ފަހުކޮޅު ބޭއްވުމަށް ނިންމައިފިއެވެ. ދޭއް އެއްކުރަން ދޭއްގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެއްސައި އެކަން އިޢްލާން ކުރިއިރު ޗައިނާއިން ދަނީ ދެކުނު ޗައިނާ ކަނޑުގައި އާއި އިރުމަތީ ޗައިނާ ކަނޑުގައި އަސްކަރީ ހަރަކާތްތައް ވަރުގަދަ ކުރަމުންނެވެ.

ޖަޕާނުގެ ޚާރިޖީ ވަޒީރު ޓޮމިޝިމިޓްޒު މޮޓާގީއާއި ޑިފެންސް މިނިސްޓަރ ނޮބުއޯ ކީޝީއާއެކު އިންޑިއާއިން ބައިވެރިވެ ވަޑައިގަންނަވާނީ، އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޖަޔަޝަންކަރުއާއި ޑިފެންސް މިނިސްޓަރ ރާޖްނާތު ސިންގ އެވެ.

ދޭއް އެއްކުރަން ދޭއްގެ ބައްދަލުވުން ބޭއްވުމުގެ މަގްސަދަކީ އިންޑިއާއަށް ޗައިނާގެ ބޮޑު ވަޒީރު ޔޮޝިހިޑޭ ސޫގާ ކުރައްވާ ދަތުރުފުޅުގައި ބޮޑު ވަޒީރު ނަރެންދްރަ މޮދީއާ ބައްދަލުކުރެއްވުމުގެ ކުރިން މަޝްވަރާތައް ވިލަރެސް ކުރުމެވެ.

މި ދެ ގައުމަކީ ޗައިނާއަށް ފާރަވެރިވާ އިންޑޯ ޕެސިފިކްގެ ގުޅުމުގެ ހަތަރު ގައުމުގެ އިއްތިހާދުގެ މުހިންމު ދެ ބައިވެރިންނެވެ.

އިންޑިއާއާއި ޖަޕާނާ ދެމެދު ވަނީ ދެ ގައުމުގެ ސިފައިންނަށް އެއް ގައުމުން އަނެއް ގައުމަށް ކުރާ ދަތުރާއި ޒިޔާރަތުގައި ކާނާއާއި ސަޕްލައި ދިނުމަށް އެހީތެރިވެ ދިނުމުގެ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ.

ޖަޕާނުން ވަނީ މިފަހުން، އިންޑިއާގެ އަންޑަމާން ނިކޯބާރ އައިލެންޑަށް ދޭ ފުރަތަމަ އެހީ ދީފައެވެ. މިއީ މަލަކާ ކަނޑުއޮޅިން ނިކުންނަ އާގުބޯޓުތަކުގެ މޫނު ޖެހޭ ޖަޒީރާއެވެ. ޖަޕާނުން ބުނިގޮތުގައި މި އެހީއަކީ ޖަޕާނުން އެ ޖަޒީރާތަކުގައި ސްޓޭޝަންވުމުގެ މަގްސަދުގައި ދީފައިވާ އެހީއެއް ނޫން ކަމަށެވެ. ޗައިނާއިން މިކަމުގައި ނުތަނަވަސް ވެދާނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން ޗައިނާ ނުތަނަވަސްކޮށްލާފަދަ އަމަލެއްގައި ޖަޕާނުން ވަނީ ޗައިނާއާއި މިޔަންމާރއާއި އިންޑިއާގެ ބޯޑަރު މަތީގައި އޮންނަ ސަރަހައްދުތަކުން ދަތުރުކުރާ މަގުތައް ހެދުމުގައި އިންޑިއާއަށް އެހީތެރިކަން ފޯރުވައި ދޭން ފަށާފައެވެ. މި މަގުތަކަކީ ޗައިނާއިން ނުތަނަވަސްކަން ފާޅުކޮށްފައިވާ މަސައްކަތެކެވެ.