ޕާކިސްތާންގެ ހަރުކަށި އިސްލާމީ ޕާޓީއެއްގެ ލީޑަރަކު ސަރުކާރުން ހައްޔަރުކުރުމާ ގުޅިގެން އެ ޕާޓީން ޕާކިސްތާންގެ ސިޓީތަކުގައި ހަޅުތާލް ކުރަން ފަށައިފިއެވެ. ތަޙްރީކޭ ލައްބައިކަ ޔާރަސޫލުﷲ ޕާޓީ (ޓީއެލްޕީ) ން ވަނީ ފަރަންސޭސިވިލާތުގައި ސަލާމާއި ސަލަވާތްލެއްވި ކިރިތި ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫނު ކުރެހި މައްސަލާގައި ހަޅުތާލު ކޮށްފައެވެ. އެޕާޓީގެ އެއިރުގެ ހަރުކަށި ލީދަރު ނިވެފައި ވީނަމަވެސް ޕާކިސްތާން ސަރުކާރުން ވަނީ މި ޕާޓީއާއެކު ހަޅުތާލު ހުއްތާލުމަށް އެއްބަސްވުމެއް އެކުލަވާލާފައެވެ.

ޓީއެލްޕީން ބުނާ ގޮތުގައި އެ ޕާޓީގެ ލީޑަރު، ސައުދު ޙުސައިން ރިޒްވީ ހައްޔަރުކޮށްފައި ވަނީ ސަރުކާރަށް، ކާޓޫނު މައްސަލާގައި އެޅުމަށް އެއްބަސްވެފައިވާ ފިޔަވަޅުތައް އެޅުމުގެ މުއްދަތު ހަމަވާން ކައިރިކޮށެވެ. 20 އެޕްރީލްއާ ހަމައަށް ސަރުކާރުން އެއްބަސްވެފައިވާ ކަންކަން ނުކުރަނީނަމަ ޓީއެލްޕީން ހަޅުތާލަށް ނިކުންނާނެ ކަމުގެ އިންޒާރު ދީފައި ވެއެވެ.

ޓީއެލްޕީއާއެކު ސަރުކާރުން އެއްބަސްވެފައިވާ ކަންކަމުގެ ތެރޭގައި ފަރަންސޭސިވިލާތާ ސިޔާސީ ގުޅުން ކަނޑާލުމަށް، ޕާލަމެންޓްގައި ހިމެނޭ ހުރިހައި ޕާޓީއަކާ މަޝްވަރާކޮށް ގޮތެއް ނިންމުމަށާއި، ފަރަންސޭސިވިލާތުގެ އެމްބެސެޑަރު ގައުމުން ބޭރުކުރުމަށާއި ފަރަންސޭސިވިލާތަށް ޕާކިސްތާނުން އެމްބެސެޑަރެއް އައްޔަން ނުކުރުން ހިމެނެވެ. އަދި އެންޓި ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ހައްޔަރުކޮށްފައިވާ ޓިއެލްޕީގެ މެންބަރުންނާ ދެކޮޅަށް ދައުވާ ނުކޮށް އެމީހުން މިނިވަން ކުރުމަށްވެސް ޝަރުތުކޮށްފައި ވެއެވެ.

ގުޅުން ހުރި ލިޔުންތައް:

ޓީއެލްޕީގެ ލީޑަރު ނިޔާވެއްޖެ

ޕާކިސްތާންގެ ހަރުކަށި އިސްލާމީ ފިކުރުގެ އައު ތަރި

ޓީއެލްޕީއަކީ ބައިމަދު ޕާޓީއެކެވެ. އެހެންނަމަވެސް ޕާކިސްތާންގެ ބޮޑު ވަޒީރާއި ބައެއް ގާތް ބޭފުޅުންނަކީ، ބައެއް ބްރޭލްވީ ފިކުރުގެ ދީނީ ޖަމާއަތްތައް ރުއްސުމަށް މަސައްކަތް ކުރާ ފަރާތްތަކެވެ. ވަލީވެރިންގެ ޒިޔާރަތްތަކަށް ނަދުރު ބުނުން ފަދަ ބްރޭލްވީ ފިކުރުގެ ކަންކަމަކީ އެގައުމުގައި އާންމު ކަންކަމެވެ.

ޓީއެލްޕީގެ ލީޑަރުންގެ އެންގުމަށް މީހުން ވަނީ މަގުތަކަށް ނިކުމެ ބޮޑެތި ސިޓީތަކުގެ ޓްރެފިކަށް ހުރަސް އަޅާފައެވެ. އަދި އެމީހުން ގެއަށް ވަންނާނީ އެމީހުންގެ ލީޑަރުގެ އެންގުމަށް ކަމަށްވެސް ބުނެފައި ވެއެވެ.

ޓީއެލްޕީގެ ލީޑަރަކީ އެމީހުން ގަބޫލުކުރާ ގޮތުގައި ރޫހާނީ ލީޑަރެކެވެ. އަދި އޭނާއަށް މުޚާތަބު ކުރެވެނީ އަމީރުގެ ނަމުންނެވެ.