ކޮންމެ ރޯދަ މަހަކީވެސް ކޮޕީ ފަތާއި ކުއްޅަފިލާފަތް އަދި އެހެނިހެން ބާވަތްބާވަތުގެ ފަތްޕިލާވެލީގެ ވައްތަރުތަކުން ސުފުރާމަތި ފަޅުފިލުވާލުމަށް ދިވެހިން ނުހަނު އިސްކަންދޭ މަހެކެވެ.
އެކަމަކު އެހެނިހެން ރޯދަމަސްތަކާއި ހިލާފަށް މިފަހަރު މާލޭ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި ފަތްޕިލާވެލީގެ ބާވަތްތައް ލިބެން ހުރީ މަދު އަދަދަކަށެވެ. މާރުކޭޓުގެ ގޮޅިތަކުގެ ތެރެއިން ކުއްޅަފިލާފަތް ލިބެން ހުރީ ވަރަށް މަދު ގޮޅިތަކުންނެވެ. މަސްހުނި މޮޑުމަށް ދިވެހިން އެންމެ ގިނައިން ބޭނުން ކުރާ ކޮޕީފަތްވެސް ގޮޅިތަކުގައި ލިބެން ހުރީ ނިސްބަތުން ވަރަށް މަދުކޮށެވެ.
ފަތްޕިލާވެލީގެ ވައްތަރުތައް އެންމެ ގިނައިން މާލޭ ބާޒާރަށް ގެންނަ އއ.ތޮއްޑޫ ދަނޑުވެރިން މިފަހަރު ބުނަނީ އެހެނިހެން ރޯދަމަސްތަކާއި ބަލާއިރު ކޮޕީ ފަތާއި ކުއްޅަފިލާފަތް، ޗައިނީސް ފަތް، ކަންކަން، މުރަނގަ ފަތް އަދި މައްސާގު ފަދަ ބާވަތްތައް މިފަހަރު މާލެ ފޮނުވަން ހުރި އަދަދު މަދު ކަމަށެވެ. މާލޭ ބާޒާރަށް އެންމެ ގިނަ އަދަދަކަށް ކޮޕީ ފަތް ފޮނުވާ ކ.ކާށިދޫ ދަނޑުވެރިންގެ ވާހަކަވެސް ހުރީ ހަމަ މިގޮތަށެވެ.
މިއަދު މާރުކޭޓުގައި ވަރަށް ކުދި ކުއްޅަފިލާފަތް ބޮނޑި ލިބެން ހުރީ ބޮނޑިއެއް 15 ރުފިޔާއަށެވެ. ކޮޕީފަތުގެ 3 ފަތުގެ ބޮނޑިއެއް 10 ރުފިޔާއަށް ލިބެން ހުރިއިރު ކަންކުން ބޮނޑިއެއް ލިބެން ހުރީ 5 ރުފިޔާއަށެވެ. މައްސާގު ބޮނޑިއެއް 10 ރުފިޔާއަށް ލިބެން ހުރިއިރު ޗައިނީސް ކެބެޖް ލިބެން ހުރީ ކިލޯއެއް 150 ރުފިޔާއަށެވެ.
އެހެނިހެން ތަކެތީގެ އަގުތަކަށް ބަލާއިރު ކަރާ ކިލޯއެއް 25-20 ރުފިޔާއާ ދެމެދު ލިބެން ހުރިއިރު ދިވެހި ގިތެޔޮ މިރުސް ކިލޯއެއްގެ އަގު މިއަދު ހުރީ 400-550 ރުފިޔާއާ ދެމެދުގައެވެ. 100 ގްރާމް މިރުސް ލިބެން ހުރީ 40-50 އަދި 55 ރުފިޔާއަށެވެ.
ކިއުކަމްބާ ކިލޯއެއް 40-45 ރުފިޔާއާ ދެމެދު ލިބެން ހުރިއިރު ބަށި ކިލޯއެއް ލިބެން ހުރީ 50-60 ރުފިޔާއަށެވެ. އަލަނާސިއެއް އެވްރެޖްކޮށް 40 ރުފިޔާއަަށް ލިބެން ހުރިއިރު ފޭރު ކިލޯއެއް ލިބެން ހުރީ 70 ރުފިޔާއަށެވެ.