ރަމަޟާންމަހުގައި އަޅުގަނޑުމެންނަށް، ﷲ ތަޢާލާގެ ޙަޟްރަތުން ލިބުނު އެންމެ ބޮޑު ނިޢްމަތަކީ މީސްތަކުންނަށް ތެދުމަގު ދައްކަވައި ޙައްޤާއި ބާޠިލު ވަކިކޮށްދޭނެ ފޮތެއް ބާވައިލެއްވުމެވެ. އެއީ، ކީރިތި ޤުރްއާނެވެ. ނުވަތަ ﷲ ގެ ކަލާމްފުޅެވެ.

ކީރިތި ރަސޫލާ ﷺ ވަނީ، ކީރިތި ޤުރްއާނުން ކިޔެވޭ ކޮންމެ އަކުރަކަށް ޘަވާބެއް ލިބޭނެކަމަށާއި އަދި އެ ޘަވާބު 10 ގުނައަށް އިތުރުވެގެންދާނެކަމަށް އަންގަވައި ޤުރްއާންކިޔެވުމަށް އަޅުތަކުންނަށް ހިތްވަރު ދެއްވާފައެވެ.

ޝައްކެއްނެތްގޮތުގައި މި މަތިވެރި ދަރުމަ ލިބިގަތުމަށްޓަކައި، ޚާއްޞަކޮށް ރަމަޟާން މަހުގެތެރޭގައި ކީރިތި ޤުރްއާން އެތައް ފަހަރެއްގެ މަތިން ޚަތިމްކުރައްވާ ބޭފުޅުން ވަރަށް ގިނައޭ ދެންނެވިދާނެއެވެ.

ނަމަވެސް ސުއާލަކީ، ޤުރްއާނުގެ މާނައާމެދު ވިސްނާނުލައި، ނުވަތަ ތަދައްބުރު ނުކޮށް ކިޔެވުމުން އެއިން އަޅުގަނޑުމެންނަށް ތެދުމަގު ލިބި، ޙައްޤާއި ބާޠިލު ވަކިވާނެތޯއެވެ؟

މި ސުއާލުގެ ޖަވާބު، ކީރިތި ޤުރްއާނުން ލިބެން އެބައޮތެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. أَفَلَا يَتَدَبَّرُونَ الْقُرْآنَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَا ‎﴿٢٤﴾سورة محمد. މާނައީ: [ފަހެ، قرآن އާމެދު އެއުރެން ވިސްނައި فكر ނުކުރަނީހެއްޔެވެ؟ ނުވަތަ (އެއުރެންގެ) ހިތްތަކުގައި ތަޅުތަކެއް ލެވިފައިވަނީ ހެއްޔެވެ؟]

ކަން މިހެން ހުރުމާއެކު، ޤުރްއާނުން ތެދުމަގު ލިބިގަނެ، ދެޙަޔާތް ބާއްޖަވެރިކުރުމަށްޓަކައި، ޤުރްއާން ކިޔަވާއިރު، ތަސްބީޙައެއް ކިޔާހެން ކިޔައި ބޭލުމުގެ ބަދަލުގައި، އޭގެ މާނައާމެދު ވިސްނައި ފިކުރުކޮށް އެއިން ތެދުމަގު ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރެއްވުމަށް ދަންނަވަމެވެ.

ﷲ ތަޢާލާ، އެކަމުގެ ތައުފީޤް އަޅުގަނޑާއި ތިޔަ ބޭފުޅުންނަށް މިންވަރުކުރައްވާށިއެވެ. އާމީން!

-ޤުރްއާނުގެ ދިވެހިތަރުޖަމާ އަތްޕުޅުގައި ނެތްނަމަ ތިރީގައި މިވާ ލިންކަށް ވަޑައިގެން ދިވެހި ބަހުން ތަރުޖަމާ އިޚްތިޔާރު ކުރައްވާށެވެ! އަދި އިނގިރޭސިބަހުންނާއި އެހެނިހެން ބަސްތަކުންވެސް، ބަސް އިޚްތިޔާރުކުރުމުން ބައްލަވައި ލެއްވޭނެ ގޮތް މި ލިންކުން ފެނިވަޑައިގަންނަވާނެއެވެ.

ލިންކް:https://tanzil.net/