ޒަމާނީ މައިންނަކީ ދަރިންގެ ކަންކަން ވަރަށް ގާތުން ދެކޭ ބައެކެވެ. ދަރިފުޅަށް އަންނަ ކޮންމެ ބަދަލެއް ދަރިފުޅަށް ލިބޭ ކޮންމެ ކުރިއެރުމެއް އެމައިން ފާހަގަކުރެއެވެ. ދުޅަހެޔޮ ކާނާ އާއި އެކު އެކުދީންގެ ތައުލީމަށް ހާއްސަ އިސްކަމެއް ދެއެވެ. ދަރިފުޅު ގެ ދުވަހުގެ ތާވަލާ މަންމަގެ ދުވަހުގެ ތާވަލު ހަދާ ނިކަން ފަރުވާތެރި ކަމާއެކު ދުވަސް ނިންމަން ގިނަ މައިން ގަދައަޅައެވެ.
ދަރިފުޅު އަވަހަށް ނިންދެވުމާއި އަވަހަށް ތަންމަތިން ނަގާ ތަންމަތި ރީތިކުރުވާ މައިންވެސް އުޅެއެވެ. ދަރިފުޅު ގެ ހެނދުނުގެ ނާސްތާ އަށް ހަށިގަނޑަށް ފައިދާ ހުރި ކާނާ ތައްޔާރުކޮށް ދަރިފުޅާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމީ ގިނަ މައިންގެ އަޒުމެވެ. އެކަމަކު ގިނަ މައިންނަށް ދަރިފުޅު ނިދިން ހޭލާ ވަގުތު ދޭންވީ އެންމެ އަގުބޮޑު ހަދިޔާ ނުދެވެއެވެ.
ދަރިފުޅަކީ ވިސްނުންތޫނު ކިޔަމަންތެރި ހުނަރުވެރި ދަރިއަކަށް ހެދުމަށް ދަރިފުޅު ނިދާ ހޭލުމުން މިއާދަތައް ގެންގުޅޭށެވެ. ތިޔައިގެ ތެރެއިން ގިނަ މައިންނަކީ ދަރިފުޅު ފަތިސް ނަމާދަށް ނަގާ މައިންނެއް ނޫނެވެ. ދަރިފުޅު ނިދާ ހޭލާ ވަގުތު އިރުއެރުމުގެ ކުރިއަށް ބަދަލުކޮށްލުމަކީ ވެސް ގިނަ މައިންނަށް ގޮންޖެހުމެކެވެ. އެކަމަކު ކޮންމެ ދުވަހަކު ދަރިފުޅު ނިދާ ހޭލުމުން މިއާދަތައް ތިބާ ގެންގުޅޭނަމަ ދަރިފުޅަކީ ބަސްއަހާ ކިޔަމަންތެރި ކުއްޖަކަށް ހެދޭނެއެވެ. އަދި ދަރިފުޅަކީ ފަތިސް ނަމާދަށް ހޭލާ ހިތްވާ އަޙްލާޤް ރަނގަޅުކުއްޖަކަށް ހެދޭނެ ކަން ޔަޤީނެވެ.
އެކަހަލަ ދަރިއެއް ބޭނުންނަމަ އެންމެ ފުރަތަމަ ދަރިފުޅު ނިދާހޭލުމުން "ނިދިން ހޭލައިގެން ކިޔުމަށް" ހާއްސަކުރެވިފައިވާ ދުއާ ދަރިފުޅަށް ކިޔައިދޭށެވެ. އެގަޑީގައި ދަރިފުޅު ދުއާ ކިޔަން ބޭނުންނުވެ ނުކިޔާނަމަ ދަރިފުޅަށް އަޑު އިޥޭވަރަށް ދުއާ ކިޔާށެވެ. މި ވަގުތަކި ދަރިފުޅުގެ ސިކުނޑި ހަރަކާތް ކުރަން ފަށާ ވަގުތު ކަމަށްވުމުން ހަޅޭއްލަވައިގެން މަޖުބޫރުކޮށްގެން ދުއާ ކިޔުއްވަން މަސައްކަތް ކުރާ ނަމަ ދަރިފުޅުގެ ސިކުނޑިއާ ވިސްނުމުގެ ޤާބިލުކަމަށް ނޭދެވޭ އަސަރުކުރާނެއެވެ.
އެހެންކަމުން ދަރިފުޅު ދުއާ ނުކިޔާ ސަމާލުކަން ނުދިން ނަމަވެސް ދަރިފުޅަށް އަޑު އިވޭ ވަރަށް ދުއާ ކިޔާލާށެވެ. އަދި ހެނދުނު ވަގުތު ކިޔުމަށް ވާރިދުވެފައވާ އިތުރު ދުއާއެއް ނުވަތަ ޒިކުރެއް ދަރިފުޅަށް އަޑުއިވޭ ވަރަށް ކިޔަމުންދާށެވެ. އަދި ސޫރަތުލް ފާތިހާ ، ފަލަޤް ، ނާސި އިޙްލާސް ސޫރަތް ކިޔައިދޭށެވެ.
މިކަންކަން ދަރިފުޅަށް ފެންނަ ހިސާބުގައި ހުރެ ދަރިފުޅަށް ސަމާލުކަންދީގެން ކުރާށެވެ. ދަރިފުޅު އަދި މާ ކުޑައޭ ހިތާ މިކަން ދޫކޮށް ނުލާށެވެ. ދަރިފުޅު ދުނިޔެއަށް އުފަންވުމަށްފަހު މި ނަމޫނާ ދަރިފުޅަށް ދައްކާށެވެ. އަދި ދުއާ ކިޔޭވަރުގެ ކުދިން ނަމަވެސް ކޮންމެ ދުވަހަކު ދަރިފުޅު ނިދާ ހޭލުމުން ދަރިފުޅާއެކު މިކަން ކޮށްލާށެވެ. ދަރިފުޅު އަމިއްލައަށް މިކަންކަން ކުރަން ފެށިޔަސް ތަކުރާރުކޮށް މިކަންކަން ކުރާ ނަމަ ދަރިފުޅު ޝައިތާނާގެ ކިބައިން ރައްކާތެރިވެ، އެސްފީނާ ހަސަދައިިން ސަލާމަތްވެ ދިރިއުޅުމުގައި ކާމިޔާބު ކުއްޖަކަށް ވާނެއެވެ. މިފަދަ ދުއާތައް ދީނީ ވެބްސައިޓް ތަކުން ވަރަށް ފަސޭހައިން ފެންނަން ހުންނާނެއެވެ.
ކުރިންވެސް ފާހަގަ ކުރިހެން ދަރިފުޅު ނިދާ ހޭލާ ވަގުތު މިއާދަތައް ގެންގުޅޭނަމަ ދަރިފުޅަކީ ކިޔަމަންތެރި ވިސްނުންތޫނު ހުނަރުވެރި އަޙްލާޤް ރަނގަޅު ކުއްޖަކަށް ވާނެއެވެ. އަދިވެސް ވަގުތު އެބައޮތެވެ. އަވަސް ކުރާށެވެ. ތިބާ ނެތް ދުވަހުވެސް ތިބާ އަށް ފައިދާހުރި ދަރިއެއް ބިނާކުރުމަށް މިހާރު މަސައްކަތް ފަށާށެވެ. ދަރިފުޅު ނިދާ ހޭލާ ވަގުތު މިކަންކަމަށް ސަމާލުކަން ދީ މިއާދަތައް ގެންގުޅޭށެވެ.