އެވިޑް ކޮލެޖު ސްޓޫޑެންޓް ކައުންސިލް މިއަހަރަށް އިފްތިތާހުކޮށްފި އެވެ. އިފްތިތާހީ ރަސްމިއްޔާތު އޮތީ މި މަހު 22 ވަނަ ދުވަހުގެރޭ އެވިޑްކޮލެޖުގެ މައި އިދާރާ ޑައިމްޑް ކެމްޕަސް ގައެވެ.

މި ޚާއްސަ ހަރަކާތުގައި އެވިޑް ކޮލެޖުގެ ޗެއަރމަނާއި، އެކި ފެކަލްޓީތަކުގެ ޑީނުންނާއި ޜެކްޓަރ އިންނާއި ވައިސްރެކްޓަރުންނާއި، އަލަށް އިންތިޚާބުވި ކައުންސިލްގެ މެމްބަރުންނާއި ކޮލެޖުގެ މުވައްޒަފުން ބައިވެރިވިއެވެ. މި ރަސްމިއްޔާތުގެ ޝަރަފުވެރިމެހުމާނަކީ ޗެއަރމަން މުޝްތާގު ރަޝާދެވެ. ކައުންސިލްގެ މެންބަރުންނަށް އިގުރާރު ލައިދެއްވީ ޑރ. ރަމީލާ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮލެޖުގެ ޗެއަރމަން ވިދާޅުވީ ކޮންމެ ކަމެއް ވެސް އެންމެ ރަނގަޅު ގޮތުގައި ހާސިލް ކުރެވޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ވިދާޅުވިއެވެ. އެގޮތުން ކުދިންގެ ޚިޔާލާ އެއްގޮތަށް ކޮލެޖުގެ ކަންކަން ބައްޓަންކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. މީގެއިތުރުން ޗެއަރމަން ވަނީ ހުރިހާ ލެކްޗަރާއިން ވެސް ހުރިހާ ކުދިންނާ ދޭތެރޭގައި އޯގާތެރިކާމާއި އިންސާފުވެރިކާމާއެކު މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ކައުންސިލްގެ ފަރާތުން ވާހަކަދެއްކެވީ ކައުންސިލްގެ ރައީސް އިބްރާހީމް އިމްލާގެވެ. އިމްލާގްގެ ވާހަކައިގައި ހުރިހާކުދިންގެ ޚިޔާލާއި މަޝްވަރާއާއެކު ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ. އަދި ހުރިހާ ފެކަލްޓީއަކުން ވެސް ކައުންސިލަށް އެއްބާރުލުން ބޭނުންވާކަމަށް ވެސް ބުންޏެވެ.

މި ރަސްމިއްޔާތުގައި ވަނީ ނިމިދިޔަ އަހަރު ކައުންސިލްގެ ރިޕޯޓް ކޮލެޖާ ހަވާލު ކޮށްފައެވެ. އެރިޕޯޓާ ކޮލެޖުގެ ފަރާތުން ހަވާލުވެލެއްވީ ޑރ ރަމީއެވެ.

ކައުންސިލަށް އައްޔަނުކުރެވުނު މަގާމުތައް:

ރައީސް

ނައިބުރައީސް (އަންހެން/ފިރިހެން)

ސެކްރެޓަރީ (2)

ޓްރެޝަރަރ

އެސިސްޓެންޓް ޓްރެޝަރަރ

އެކްޓިވިޓީ ކޯޑިނޭޓަރ (3)

މީޑިއާ ކޯޑިނޭޓަރ (3)

ވޯޓުލުން ކުރިއަށް ގެންދެވިފައިވަނީ އޮންލައިން ކޮށެވެ.