މިއަހަރުގެ ވަރލްޑް ޕްރެސް ފްރީޑޮމް ޑޭގެ މައުޟޫއަކީ، އާންމު ފައިދާއަށް މަޢްލޫމާތު ފެތުރުމެވެ. ނިމިގެން މިދާ ނޫސްވެރިކަމުގެ އަހަރަކީ، އާންމުންގެ ފަރާތުން މަޢްލޫމާތު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ އަހަރެއްކަން ފާހަގަ ކުރެވެއެވެ. ނިދާފައި އޮތް އިންފޮމޭޝަން ކޮމިޝަނަށް ސަރުކާރުން ދިރުމެއް ދިން އަހަރެއްކަން ވެސް ފާހަގަ ކުރެވެއެވެ.

ޕްރެސް ފްރީޑޮމް ޑޭގެ މުނާސަބާގައި، ރާއްޖޭގެ ހީވާގި ނޫސްވެރިންނަށް ހަލި ނިއުސްގެ ފަރާތުން ހޫނު މަރުހަބާއެއް ކިޔަމެވެ. މިއަރުގެ ޕްރެސް ފްރީޑޮމް ޑޭ ކުރިމަތިވެފައި ވަނީ ޕްރޮންޓް ލައިންގައި ހާދިސާތައް ކަވަރު ކުރުމަށް މަސައްކަތް ކުރާ ނޫސްވެރިންނަށް ދިމާވާ ފުރައްސާރައާއި ތުރާތައް މީހުންގެ ސަމާލުކަމަށް އައިސްފައިވާ ވަގުތެއްގައެވެ.

ނޫސްވެރިކަމަކީ، ހަލަނިކަމާނުލައި ކުރެވޭނެ މަސައްކަތެއް ނޫނެވެ. މުރާލިކަމާއި ތޫނު ފިލިކަމަކީ، ނޫސްވެރިޔާގެ ހިއްސަށް އިތުރު ކުރަން ޖެހޭ ޚާއްސަ ސިފަތަކެވެ. ނޫސްވެރިޔާގެ ހަރަކާތްތަކުން، އޭނާގެ ވާހަކަތަކާއި ރިޕޯޓް ކުރުމާއި ލިޔުންތަކުންވެސް ޖަޒުބާތު ކައްކާލާނެއެވެ. މަގާމަށް އައިސް، މަގްސަދު ހާސިލު ކުރުމަށް ބޭނުންވާ މީހާ، އެފަދަ ވާހަކަތަކާ އެއިރަކު، ނިކަން ގަޔަވާނެ ވާހަކަތަކެވެ. ހަމަ އެހެން ފައްތަރެއްގައި، ފިނި ކޮޓަރީގައި، އެމީހާގެ އެތެރޭގައި އެވާހަކަތައް، ނޭދެވޭ، ރުޅިވެރި ޖަޒުބާތުތަކެއްވެސް ކައްކައި ލަފާނެއެވެ. އެއް ވައްތަރެއްގެ ރިޕޯޓުތަކެކެވެ. ތަފާތަކީ އެރިޕޯޓްތައް ބަލައިގަތް މީހާގެ ނަފްސާނީ ހާލަތެވެ. ނޫސްވެރިކަމުގެ ބެލެންސަކީ، ބަލައި ގަންނަ މީހާގެ މިޒާޖާ ގުޅިފައިވާ ކަމެކެވެ.

ނޫސްވެރިޔާއަކީ، ރައްޔިތު މީހާގެ ލޮލެވެ. އޭނާއަށް ފެންނަ ކަންކަން، ފެންނަ ގޮތަށް ރިޕޯޓްކޮށްދިނުމަށް އޭނާ ހަރަކާތްތެރި ވަނީ، އާންމު މީހާއަށް އެއިން މާނަހުރި މަންޒަރެއް ނުވަތަ ވާގިއާއެއް ނުވަތަ ސްޓޯރީއެއް ގެނެސް ދިނުމަށްޓަކައެވެ.

ބަލާމީހުންނާއި ކިޔުންތެރިން އެ ހާދިސާއެއް ބަލައިގަނެ، އެ ސްޓޯރީއަކަށް ޖަޖުކުރާ ގޮތަކުން ނޫސްވެރިޔާ ކުށްވެރިއެއް ނުކުރެވޭނެއެވެ. އޭނާ ގެނެސްދިން ވާގިއާ، ތަރުޖަމާކޮށް، އެއިން މާނަ ހުރި މަންޒަރެއް ބަލާމީހާ ނުވަތަ ކިޔުންތެރިޔާގެ ސިކުނޑީގައި ކުރަހާދީފައި ވަނީ، އެ މަޢްލޫމާތު ލިބިގަތް މީހާގެ ސިޔާސީ އަގީދާއާއި އޭނާގެ ފިކުރު ބައްޓަންވެފައިވާ މަފްހޫމުތަކުންނެވެ.

ފަނޑިޔާރަކަށް ނުވަތަ ޕާލަމެންޓް މެމްބަރަކަށް ގާނޫނުގެ ހިމާޔަތް ލިބިގެންވާނަމަ، ނޫސްވެރިޔާއަކީ އެފަދަ ހިމާޔަތެއް ލިބުމުގައި މާ އައުލާކަން ބޮޑު މީހެކެވެ. ޖެހިލުމަކާ ނުލައި ނޫސްވެރިންނަށް މަސައްކަތް ކުރެވޭފަދަ މާހައުލެއް ސިޔާސީ ލީޑަރުން، ބިރަކާ ނުލައި ހަމަޖައްސައި ދޭން ޖެހެއެވެ.

އެއްވެސް މުޖުތަމައެއް ނޫސްވެރިންނާ ނުލައެއް ނޯންނާނެއެވެ. އަދި އެއްވެސް ޖަމާއަތެއް ނޫސްވެރިންނާ ނުލައި ތަރައްގީ ވެގެނެއްވެސް ނުދާނެއެވެ. ނޫސްވެރިންނާ ހެދި އުނދަގޫވާ، އަދި އެމީހުންނާ ނުލައި މުޖުތަމައު ދަމަހައްޓަން ބޭނުންވާ މުޖުތަމައަކީ، ބޯދާ ވިސްނުމުގެ މީހުންގެ މުޖުތަމައެކެވެ. އެއީ ނޫސްވެރިންގެ ދައުރު ނުދަންނަ މީހުން ތިބޭ މުޖުތަމައެކެވެ.

ދިގު ވާހަކަ ކުރުކޮށްފައި ބުނަމެވެ!

ނުސްވެރިޔާއަކީ މުޖުތަމައުގެ ލޮލެވެ. ނޫސްވެރިޔާއަކީ، ތާރީޚްގެ ފުރަތަމަ ދެލިކޮޕީ ތައްޔާރު ކޮށްދޭ މީހާއެވެ. އޭނާގެ ބުރަ މަސައްކަތާއި ގުރުބާނީން އޭނާ ގެނެސްދީފައިވާ ރިޕޯޓަކީ އަންނާން އޮތް ދުވަސްތަކުގައި މީހުން ދިރާސާކޮށް، ހާދިސާއެއްގެ ވަށައިގެން ހުރި ކަންކަން ދަނެގަންނަން ބޭނުން ކުރާނެ ފަށްފުށްތަކެވެ. މަންޒަރުތަކެވެ!

ނޫސްވެރިންގެ ހާލަކީ ކޮބައި ހެއްޔެވެ؟

މިއީ ނުރައްކަލުން ފުރިގެންވާ މަސައްކަތެކެވެ. މާސްކު އަޅައިގެން ތިބެ ނޫސްވެރިންނަށް ބިރު ދައްކައި ދިމާކުރާ މީހުންގެ ބިރަށް ފަސް ޖެހުމަކާއި ނުލައި ކުރީ ސަފުގައި މަސައްކަތް ކުރާން ޖެހެއެވެ. ކަރުނަގޭހާއި ލަޓި ބުރިއާވެސް ބައެއް ފަހަރަށް ކުރިމަތި ލާން ޖެހެއެވެ. ފުރައްސާރައާއި ބިރު ދެއްކުމާ ވެސް ކުރިމަތިލާން ޖެހެއެވެ. ނޫސްވެރިޔާގެ އާއިލާވެސް ނުރައްކަލަށް ވައްޓާލެވެއެވެ.

ފްރީޑޮމް އޮފް ޕްރެސް އިންޑެކްސްގައި ދަރަޖައެއް މައްޗަށް ޖެހިލުމަކުން މަސްއޫލުވެރިންނަށް ސަނާކިޔުމަކުން ނުފުދޭނެއެވެ. ނޫސްވެރިކަން ވަނީ ކަސްތޮޅު އެޅުވިފައެވެ. ކުޑަ ވިޔަފާރިއެއް ހިންގަން ބޭނުންވާ މީހާއަށް ނިކަން ފަސޭހައިން އެކަން ކުރެވޭނެ މަގު ވަނީ ފަހިކޮށްދީފައެވެ. އެއީ، ވަރލްޑް ބޭންކް ގެ ޑުއިން ބިޒްނަސް އިންޑެކްސްގައި ކުރިއަށް އަރައިގެން ދިއުމަށް ބޭނުންވާތީ ފަސޭހައިން ވިޔަފާރި ރެޖިސްޓްރީ ކޮށް ހިންގުމަށް ހުރި ހުރަސްތައް ނައްތާލައިފައި ވާތީއެވެ.

ނޫސްވެރިކަން ކުރަން ނޫހެއް ރެޖިސްޓްރީ ކުރަން ބޭނުންވާ މީހާ ފުރާ ފޯމްތަކާއި ހޯދާ ރިޕޯޓްތަކަށް، އުފަން ނުވާ ކުއްޖެއްގެ ފޫޅެއް އިތުރުކޮށްލުމުން ފޯމްތައް އިތުރަށް ފުރިހަމަ ވާނެއެވެ. ހަމައަދިވެސް 19 ވަނަ ގަރުނުގެ ވިސްނުމުގައެވެ!

ނޫސްވެރިންގެ އަގު ވަޒަންކުރުމަކީ، ފިލާ ފޮއްޗެއް ދިއްކޮށްލުމެއް ނޫނެވެ. އެމީހުންގެ އަގު ވަޒަންކުރުމަށްޓަކައި އެމީހުންނަށް ގަދަރުވެރި ދިރިއުޅުމެއް އުޅެވޭ ގޮތަށް، ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރަން ފުރުސަތުދީ، ހުނަރުވެރިކަމާއެކު މަސައްކަތް ކުރެވޭނެ ފަދަ މާހައުލެއްވެސް ގާއިމް ކޮށްދޭން ޖެހެއެވެ. މިކަންކަން ކުރެވޭނީ ނޫސްވެރިން މިކަމަށް ގަދައަޅައި މަސައްކަތް ކުރުމުންނެވެ.