އަންނަ އަހަރު ފެނަކަ ކޯޕަރޭޝަން ވެގެންދާނީ މިހާރަށްވުރެ ވެސް ވަރުގަދައަށް ހިނގާ ޚިދުމަތްތެރި ކުންފުންޏަކަށް ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ސަޢީދު އަޙުމަދު ވިދާޚުވެއްޖެއެވެ. އޭނާ ވިދާޅުވީ މިހާރުން ފެށިގެން ކުންފުނީގެ މެނޭޖުމެންޓާއި މުވައްޒަފުން ގެންދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

"އަބަދަކު އަޅުގަނޑު ވެސް މިތާކު ނުހުންނާނެ. ދެން ވަޑައިގަންނަވާ ބޭފުޅަކަށް ވެސް ކަންކަން ކުރިއަށް ގެންދަން ފަސޭހަ ގޮތަކަށް ހުރިހާކަމެއް ރާވައި ހިންގުމުގެ މަސައްކަތް މިކުރަނީ،" ސަޢީދު ވިދާޅުވިއެވެ.

ފެނަކަ ކުންފުންޏާ ސަޢީދު ޙަވާލުވުމަށްފަހު ވަނީ ކޮރަޕްޝަން ނައްތާލުމުގެ މަސައްކަތް ފަށްޓަވައިފައެވެ. އަދިވެސް އޭނާ އެމަސައްކަތް އެބަކުރައްވައެވެ. ނަތީޖާއަކަށް ވެގެންދިޔައީ ފުރަތަމަ ފަހަރަށް އެކުންފުންޏަށް ފައިދާ ވުމެވެ. އަދި ބައިނަލް އަގުވާމީ އެތައް އެވޯޑެއް ވަނީ ހާސިލް ކޮށްފައެވެ. އެއިން އެވޯޑެއް ހޯދުމަށް އެއްވެސް ވަރަކަށް ފައިސާ އެއް ހޭދަކޮށް ނުވާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެވޯޑަށް އެދި އަޚުގަނޑުމެން އީމޭލުން އެދުނީމާ އެބޭފުޅުން ބައްލަވާނެ ވަރަކަށް ބަލައްވާފައި އެވޯޑު ދެނީ. މި ލިބޭ އެވޯޑާ އެއްވަރަށް ތަނުގެ ޚިދުމަތުގެ ފެންވަރު ހިފެހެއްޓުމަކީ އެންމެ މުހިންކަން. އަޅުގަނޑުމެން ކުންފުނި މިހާރު ބައްޓަން ކޮށްފައިވާ ގޮތަށް ބައްލަވައިގެން ދެން އަންނަ ބޭފުޅަކު މަސައްކަތް ކުރައްވައިފިއްޔާ މިހާރު ލިބިފައިވާ ރީތި ނަމާއެކު ކުންފުނީގެ ޚިދުމަތް އިތުރަށް އަވަސްކޮށް ފުޅާ ކުރުމަށް ވަރަށް ބޮޑަށް ފަސޭހަވާނެ،" ސަޢީދު ވިދާޅުވިއެވެ.

ފެނަކައިން މިހާރުވަނީ ރަށްރަށުގައި ޒަމާނީ އިންޖީނުގެތައް އެޅުމުގެ މަސައްކަތް ވެސް ފަށައިފައެވެ. މިއަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގެ އިންޖީނުގެތައް ނިންމަން ފެނަކައިން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

ފެނަކަ އަރަނިވެރި ކުންފުންޏަކަށް ވެސް ހެއްދެވީ ސަޢީދާއި އޭނާގެ ފަހަތުގައިވާ އޭނާގެ ކުޅަދާނަ ޓީމުންނެވެ.