އަހަރަމެން މި ވެސް ބޭނުން ކުރީމެވެ! މިހާރުގެ މީހުނަށް މިއަށް ކިޔާނަމެއް ނޭނގިދާނެއެވެ. އެއީ އަހަރަމެން ނިކަން ލޯބިން ގެންގުޅުނު ފްލޮޕީ ޑިސްކް އެވެ. އަހަރަމެންގެ ކޮމްޕިއުޓަރ ކައިރީގައި މީގެ ފޮށްޓެއް ހުންނާނެއެވެ. އަދި ގެއަށް ދާއިރު ޖީބުގައިވެސް އެއް ފްލޮޕީ އޮންނާނެއެވެ.

މިހާރު މިފެންނަ ޕެން ޑްރައިވް އެއިރަކު އަދިއެއް ނާދެއެވެ.

މި 3.5 އިންޗީގެ ފްލޮޕީ އަހަރަމެނަށް ކުޑަވީ މެގަޕިކްސަލް ކެމެރާ އަހަރަމެން އަތު ޖެހުމާއި އެމްޕީ3 މިއުޒިކް ލިބެން ފެށުމުންނެވެ.

މެގަޕިކްސަލް ކެމެރާގެ މޮޅު ކަން ކިޔައިދޭން ވެގެން ރަހްމަތްތެރިއަކު އެއްފަހަރު ބުނީ، "އިނގޭ ހޭ؟ މީގެން ނަގާ ފޮޓޯތައް ޕްލައިވުޑް ފިލައަކާ އެއްވަރަށް ބޮޑު ކޮށްލިއަސް ނު ރޫޅޭނޭ؟"

ޖަވާބް ގައި ބުނެވުނީ، "ނާ ހަމަ ތެދެއް ހެއްޔެވެ!"

މި މެގަޕިކްސަލް ކެމެރާ އައުމުން ދެން ހޯދަން ބޭނުން ވީ އަޔޮމެގާ ޒިޕް ޑިސްކް ތަކެވެ. ޒިޕް ޑިސްކެއް ފެނިފަ ހުރިނަމަ އަޅެ، ނިކަން އަތް މައްޗަށް ނަގާ ބަލާށެވެ!