ތާލިބާންގެ އެތެރޭގެ ކޯޅުމުގައި އިސް ލީޑަކަށް ހަމަލަ ދީފިއެވެ. ތާލިބާންގެ އެއް ފެކްޝަންގެ ޑެޕިއުޓީ ލީޑަރު ކަމަށްވާ މުއްލާ އަބްދުލްމަންނާން ނިޔާޒީއަށް ދިން ހަމަލާއެއްގައި އޭނާގެ ދެ ބޮޑީ ގާޑުން މަރުވެ މުއްލާ ނިއާޒީ ވަރަށް ބޮޑަށް ޒަޚަމްވެ ފަރުވާ ދެމުންދާ ކަމަށް ބުނެފިއެވެ.

ހީރާތުގެ ގަވަރުނަރު އަބްދުލްވާހިދު ގިތާލީ ވިދާޅުވި ގޮތުގައި މުއްލާ ނިއާޒީގެ ހާލަތު ވަރަށް ސީރިއަސް އެވެ. އަދި އޭނާ މިހާރު އޮންނެވީ ހީރާތުގެ ސަރުކާރު ހޮސްޕިޓަލްގައެވެ.

ތާލިބާން ބައިބައި ވެފައި ވަނީ މުއްލާ އުމަރު މަރުވުމަށްފަހު އެވެ. ޕާކިސްތާންގައި އޮތް ތާލިބާން ފެކްޝަނުން ވަނީ އެމީހުންގެ އަމީރުލް މުއުމިނީނަކަށް އޚްތަރު މަންސޫރު ކިޔާ މީހަކު އައްޔަން ކޮށްފައެވެ.

އަފްޣާނިސްތާންގައި ތިބި ތާލިބާން މީހުން ވަނީ މުއްލާ ރަސޫލްމުހައްމަދު ކިޔާ މީހަކު އަމީރުލްމުއުމީން ކަމަށް އައްޔަން ކޮށްފައެވެ.

ހީރާތުގައި ޒަޚަމްވެފައިވާ މުއްލާ ނިއާޒީއަކީ، މުއްލާ ރަސޫލްގެ ޑެޕިއުޓީއެވެ.

ތާލިބާންގެ ދެ ފެކްޝަންގެ ދެމެދުގެ ހަމަލާތައް ބަދަލު ކރުމުގެ ތެރޭގައި އަފްޣާނިސްތާން ފެކްޝަނުން ވަނީ ޕާކިސްތާން ފެކްޝަންގެ ނާއިބް ލީޑަރު މުއްލާ އަޚޫންޒާދާގެ ކޮއްކޮ މަރާލާފައެވެ. މިކަމުގެ ޒިންމާ އުފުލީ މުއްލާ ނިއާޒީގެ ގްރޫޕުންނެވެ. އެއަށްފަހު މުއްލާ އަޚުންޒާދާ ވަނީ ބަދަލު ހިފާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

ނިއާޒީއަށް ދީފައިވާ ހަމަލާއަށް އަޚުންޒާދާ އަދި ޒިންމާ އުފުލާފައެއް ނުވެއެވެ.