ހަމާސްއިން އިޒްރޭލާ ދެކޮޅަށް ދެމުންދާ ހަމަލާތަކުން އިޒްރޭލަށް ބޮޑެތި އިގްތިސާދީ ގެއްލުމާ ކުރިމަތިލާން ޖެހޭކަމަށް ޖެރޫސަލަމް ޕޯސްޓުން ބުނެއެވެ.
ހަމާސްއިން އިޒްރޭލާ ދެކޮޅަށް ފޮނުވާ ރޮކެޓެއްގެ އަގަކީ އެއް ހާސް އެމެރިކާ ޑޮލަރެވެ. ނަމަވެސް އެއިން ރޮކެޓެއް ގޮއްވާލުމަށް އިޒްރޭލުން ޕްރޮޕެގެންޑާއަށް ބޭނުން ކުރާ އަޔަން ޑޯމް، ދަނގނޑު ގުއްބުން ފޮނުވާލާ ރޮކެޓެއްގެ އަގަކީ ފަންސާސް ހާސް ޑޮލަރާ އަށްޑިހަ ހާސް ޑޮލަރާ ދެމެދުގެ އަގެއްގެ ރޮކެޓެކެވެ.
ހަމާސްގެ ހަމަލާތަކުގެ ސަބަބުން ދެކު އިޒްރޭލުގެ ސިނާއީ މަސައްކަތްތައް ވަނީ ހުއްޓިފައެވެ. ވައިގެ ދަތުރުފަތުރުތަކަށް ވަނީ ހުރަސް އެޅިފައެވެ.
އިޒްރޭލުން ވަނީ ރިޒާވް ފޯސްގެ ހަތް ހާސް މީހުން ވެސް ޚިދުމަތަށް ނެރެފައެވެ. މި މީހުންނަށްވެސް ޚަރަދު ކުރަން ޖެހޭނީ ނޭޝަނަލް އިންޝޫރެންސް ކުންފުނިން ކަމަށް ބުނެއެވެ.
ހަމާސްގެ ހަމަލާތަކުގެ ސަބަބުން އިޒްރޭލްގެ ޕަރްއިވެޓް ސެކްޓަރއަށް ދުވާލެއްގެ މައްޗަށް 180 މިލިއަން ޝޭކަލްގެ ގެއްލުމާ ކުރިމަތިލާން ޖެހެއެވެ. (ޑޮލަރަކަށް ލިބޭނީ ހަތަރު ޝޭކަލް އެވެ.)
އިޒްރޭލުން ފަލަސްތީނަށް ހަމަލަ ދިން ފުރަތަމަ ދިން ދުވަހުވެސް އިޒްރޭލުން 540 މިލިއަން ޝޭކަލް ހޭދަ ކޮށްފައި ވެއެވެ.
ޕޯސްޓުން ބުނާ ގޮތުން ކޮރޯނާއާ ހެހދި އާމްދަނީ ދަށްވެފައި ވެލްފެއަރއަށް ހޭދަ ކުރަން ޖެހިފައިވާ އިރު އިޒްރޭލަށް އާމްދަނީއެއް ނުލިބި އިތުރު ހޭދައާ ކުރިމތިލާން ޖެހުމަކީ ގެއްލުމެއް ކަމަށެވެ.
ހަމާސްއާ އިޒްރޭލުގެ ކުރިމަތި ލުމަކީ، އިޒްރޭލުގައި ސަރުކާރެއް އެކުލަވާ ނުލެވި ނަތަންޔާހޫގެ ކޮރަޕްޝަނާ ހެދި އޭނާ އުފެއދި ޚާއްސަ ހާލަތެއް ކަމަށް ބައެއް ސިޔާސީ ދެކޮޅުވެރިން ބުނެއެވެ. އަދި އިޒްރޭލުގެ އެތެރޭގައި އަރަބިންނާ ޔަހޫދީންނާ ދެމެދު ނުތަވަސްކަން މެދުވެރި ކުރީ ކަނާތުފިޔައިގެ ހައްދުފަހަނައަޅާފައިވާ ޔަހުދީން ކަމަށް ވެސް ފުލުހުންގެ ވެރިޔާ ބުނެއެވެ.