ީނީ ގޮތުން ހައްދުފަހަނައަޅައި ދިއުން އަދި އެއާ ގުޅިފައިވާ ހަމަލާތައް ނިމިގެން ދިޔަ ދުވަސްތަކުގެ ތެރޭގައި އަފްޣާނިސްތާނާއި ރާއްޖެއިން ފެނިގެން ގޮސްފައި ވެއެވެ. އަފްޣާނިސްތާންގައި އަންހެން ކުދިންގެ ސްކޫލަކަށް ހަމަލަދީ، އެތައް ކުދިންނެއް މަރާލިއެވެ. އަދި ރާއްޖޭގައި ކުރީގެ ރައީސް އަވާހަކަ ކޮށްލަން ހަމަލަ ދެވުނެވެ. ގުޅުމެއް ނެތް ދެ ހާދިސާ ކަމުގައވިއަސް، ޑިމޮކްރެސީއާ ބީރައްޛެހި ބަޔެއްގެ ހަމަލައެއްކަން ސާފެވެ.

އަފްޣާނިސްތާންގައި ދީފައިވާ ހަމަލާއަކީ، ސައްޔިދުއްޝުހަދާ ސްކޫލަށް އަމާޒުކޮށްދިން ހަމަލާއެކެވެ. މިއީ އެންމެ ބޮމަކުން ދީފައިވާ ހަމަލައެއް ނޫނެވެ. އުމުރުން 10 އަހަރާއި 16 އަހަރުގެ 85 ކުދިންނެއް މި ހަމަލާގައި މަރުވިއެވެ. 147 ކުއްޖަކު ޒަޚަމް ވިއެވެ.

އަފްޣާނިސްތާންގައި އެތައް ޒަމާނަކަށް ދެމިގެން ދިޔަ ހަނގުރާމައިގެ ސަބަބުން މިފަދަ އަނިޔާވެރި ހަމަލަތަކަކީ، މި ގައުމުގެ ރައްޔތުންނަށް ބީރައްޓެހި ކަމެއް ނޫނެވެ. އަންހެން ކުދިންގެ ތަޢްލީމަށް ހަމަލަ ދިނުމަކީވެސް އަފްޣާނިސްތާނަށް ބީރައްޓެހި ކަމެއް ނޫނެވެ. އެކަމަކު، ސްކޫލަކަށް ޓެރަރިސްޓް ހަމަލައެއް އަމާޒުވާންވީ ކީއްވެގެން ހެއްޔެވެ؟ އަފްޣާނިސްތާންގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ އދން މި މައްސަލަ ތަހްގީގު ކުރުމަށް ގޮވާލާފައެވެ. އަފްޣާނިސްތާންގައި ތާލިބާންގެ އެތެރޭގައި އެއްބަޔަކު އަނެއް ބަޔަކަށް ދޭ ހަމަލާތަކާއި ތާލިބާނާއި ސަރުކާރާ ދެމެދު ބަދަލު ކުރާ ހަމަލާތަކުގައި ބައެއް ބައެއް ފަހަރު ހަމަލާތަކަށް ޒިންމާ ނަގާނެ ފަރާތެއް ނެތި އެއްބަޔަކު އަނެއް ބަޔަކަށް ހަމަލަ ދިނުމަކީ އާންމު ކަމެކެވެ.

ސައްޔިދުއް ޝުހަދާ ސްކޫލަށް ދިފައިވާ ހަމަލާ އަމާޒުކޮށްފައިވަނީ ބައިމަދު ޝީއީ ހަޒާރާ ޖަމާއަތުގެ މީހުން ދިރިއުޅޭ އާބާދީއަކަށެވެ. ސުންނީ ހަމގުރާމަވެރިންގެ ހަމަލާތައް ޝީއީންނަށް އަމާޒު ކުރެވެއެވެ. ތާލިބާން ޖަމާއަތުގެ މީހުންނަކީ ސުންނީންނެވެ. އަދި އައިއެސްއައިއެސްގެ މީހުންނަކީވެސް ސުންނީންނެވެ. އަފްޣާނިސްތާންގައި ހަރަކާތްތެރިވާ އައިއެސްއައިގެ މީހުން މަޝްހޫރުވެފައިވަނީ އިސްލާމިކް ސްޓޭޓް އޮފް ޚުރާސާންގެ ނަމުންނެވެ.

ކާބުލްގައި ޝީއީ ހަޒާރާ ދަރިކޮޅުގެ މީހުންނަށް 2020 މެއި މަހު ދީފައިވާ ހަމަލައެއް އަމާޒު ކޮށްފައި ވަނީ ހަސްފަތާލަކަށެވެ. 24 މަޔަކާއި، އަލަށްވިހޭ އެތައް ކުދިންނެއް މަރުވި މިހަމަލާ ދިރާސާ ކުރުމަށްފަހު އެމެރިކާއިން ބުނެފައިވަނީ، ސަރުކާރުން އެކަށީގެންވާ ސަލާމަތީ ފިޔަވަޚުތަކެއް ހަޒާރާއިންގެ ރައްކަލަށް އަޅާފައި ނުވާ ކަމުގައެވެ.

ތާލިބާނުން މިއިން ހަމަލާއެއްގެ ޒިންމާ އުފުލާފައެއް ނުވެއެވެ. ނަމަވެސް ތާލިބާންގެ މާޒީގެ ރެކޯޑަށް ބަލައި، އެމީހުންގެ ވާހަކަތައް ގަބޫލު ކުރަން ދައްޗެވެ.

ބޭރުގެ ފަރާތްތަކާއި އަފްޣާނިސްތާން ސަރުކާރުން ދެކޭ ގޮތުގައި ތާލިބާންގެ ބައިވެރިވުމަކާ ނުލައި މިފަދަ ހަމަލަތަކެއް ނުދެވޭނެއެވެ. އަންހެނުންނާއި ކުޑަ ކުދިންނަށް އަމާޒު ކުރުމުގައި ތާލިބާން ހަނގިރާމަވެރިން ފަސް ނުޖެހޭކަން މާޒީގެ ހަމަލަތަކުން ސާފުކޮށް ފެންނާން އެބަހުއްޓެވެ.

އަފްޣާނިސްތާންގައި ތާލިބާންގެ ވެރިކަމުގައި ގެއްލިގެން ދިޔަ އަންހެނުންގެ ހައްގުތައް، މިދިޔަ 20 އަހަރުގެ ތެރޭގައި އަނބުރާ ހޯދުމަށް މަސައްކަތްތަކެއް ކޮށް އެކަން ކާމިޔާބު ވެފައި ވެއެވެ. 2001ގައި ތާލިބާންގެ ވެރިކަން ވައްޓާލުމަށް އެމެރިކާއިން ދިން ހަމަލައަށްފަހު، އަންހެނުން ވަނީ މިނިވަންކަމާއެކު ތަފާތު އެކި މައިދާންތަކަށް ނިކުމެފައެވެ. އަފްޣާނިސްތާން ޕާލަމެންޓްގައި އަންހެނުންގެ ނިސްބަތަކީ، 27 އިންސައްތައެވެ. މިއީ އެސަރަހައްދަށް ބަލާއިރު ވަރަށްވެސް މަތީ އަދަދެކެވެ. އެމެރިކާ ސިފައިން ފައިބައިގެން ދިއުމުން އެންމެ ބޮޑަށް ގެއްލުން ދައްކާނެ އެއް ބަޔަކީ އަފްޣާން އަންހެނުންނެވެ. 20 އަހަރުގެ ތެރޭގައި އެމީޙުން ހޯދާފައިވާ އިގްތިސާދީ އަދި ސިޔާސީ ކާމިޔާބީ ފޮހެވިގެން ދިއުމަކީ ދުރުކަމެއް ނޫނެވެ.

ތާލިބާނުން އެމީހުންގެ ނިޔަތް ސޮއްރެއް ނުކުރެއެވެ. އެމީހުން ކުރިން ވެރިކަން ކުރި ގޮތަށް ވެރިކަން ކުރުމަށް ރުޖޫއަވާން ބޭނުންކަމަށް އެމީހުން ވަނީ ތަކުރާރުކޮށް ބުނެފައެވެ.

1996ން ފެށިގެން ތާލިބާނުން ވެރިކަން ކުރަން ފެށި ހިސާބުން އަންހެން ކުދިން ސްކޫލަށް ދިއުމަކީ މަނާކަމެކެވެ. އަންހެނުން ވަޒީފާއަށް ނިކުތުމަކީ މަނާ ކަމެކެވެ. އަންހެނުންނަށް ހެދުން އެޅުމުގެ ގޮތުން ޚާއްސަ ޔުނިފޯމެއް މަޖުބުރު ކުރިއެވެ. ތާލިބާންގެ އިރުޝާދާ ޚިލާފްވާކަމަށް ބެލެވޭ އަނެހުން މަގުމަތީގައި ދުއްރައިން ތަޅައި އަނިޔާ ކުރެވުނެވެ.

20 އަހަރު ފަހުން އެމެރިކާއިން އަފްޣާނިސްތާނުން ފައިބައިގެންދާއިރު، 3.5 މިލިއަން އަންހެން ކުދިން ސްކޫލުތަކަށް ކިޔަވަން ދެއެވެ. ތލިބާން ޒަމާނުގައި މިއަދަދު އުޅުނީ ސުމެއް ގައެވެ.

އެމެރިކާ ސިފައިން ފައިބައިގެން ދާން ތައްޔާރު ވެފައިވާ އިރު، އަންހެން ކުދިންގެ ސްކޫލަކަށް ދީފައިވާ ހަމަލަ މީހުންގެ ސަމާލުކަމަށް އައިސް ބޮޑުކަމަކަށް އެކަން ވަނީ މިސަބަބާ ހެދިއެވެ.

އެމެރިކާއިން އަފްޣާނިސްތާނުން ފައިބައިގެން ދާފަހުން، ތާލިބާނަށް ޕްރެޝަރ ކުރުމަށް ޕާކިސްތާން ބޭނުން ކުރނެ ބާވައެވެ؟ ސައްޔިދުއް ޝުހަދާ ސްކޫލަށް ދިން ހަމަލައަށްފަހު، ޕާކިސްތާން ސިފައިންގެ ވެރިޔާ، ޖެނެރަލް ގަމަރު ބާޖްވާ ވަނީ އަފްޣާނިސްތާނަށް ވަޑައިގެން، ރައީސް އަޝްރަފް އަބްދުލް ޣަނީއާ ބައްދަލު ކުރައްވާފައެވެ.

ރައިސް ޣަނީ ތާލިބާނަށް ގޮވާލައްވާފައި ވަނީ އަލްގައިދާއާ ގުޅުން ކަނޑާ ލުމަށެވެ. އަދި ޕާކިސްތާނާ ވެސް ދުރުހެލި ވުމަށެވެ.

ހަރުކަށި ކަމާއި ހައްދުފަހަނައަޅައި ދިއުމުގެ އޮއިވަރު ދެކުނު އޭޝިއާގެ ހުރިހައި ގައުމަކުންވެސް ފެނުގެން ދެއެވެ. ކޮންމެ ގައުމެއްގައިވެސް އެގައުމެއްގެ ބައިގިނަ މީހުންގެ ދީނީ ހަރުކަށި ކަމާއި ހައްދުފަހަނައަޅައި ދިއުމެވެ. ބައެއް ގައުމުތަކުގައި މި ހަރުކަށި ކަމަކީ ވެރިކަން ކުރާ މަތީ ފަންތީގެ ވާގިވެރިކަމާއެކު އަށަގެން، ހިތްވަރު ދެމުން ދާ ކަންތައްތަކެވެ.

ރާއްޖޭގައިވެސް ހަރުކަށި ހަމާއި ހައްދު ފަހަނައަޅައި ދިއުން ފެނެއެވެ. އެހެން ތަންތަނާ ޚިލާފަށް ދައުލަތުގެ ހިއްސާއެއް ނެތިއެވެ. ރާއްޖޭގައި ކުރީގެ ރައީސް އަދި ރަޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު އަވަހާރަކޮށްލަން ދެވުނު ހަމަލާއަކީ، ޓެރަރިޒަމުން ރާއްޖޭގެ ދޮރުތަކުގައި ޓަކި ޖެހި މުހިންމު ހާދިސާއެކެވެ. މީގެ ކުރީގެ ހާދިސާތައް ބަލައިގެންފައިވަނީ ފަރުދީ ވަކި ވަކި ހާދިސާތަކެއްގެ ގޮތުގައެވެ. އަދި ބައެއް ފަހރަށް އޭގެ ނުރައްކާ ކުޑަ ކުރުމަށްޓަކައި ސިޔާސީ ވިސްނުމަކުން ކުލަޖެއްސިފައި އެބަހުއްޓެވެ.

ރައީސް ނަޝީދަށް ދިން ހަމަލައިން ކަމުގެ ސީރިއަސްކަން އެންމެނަށް އިހުސާސް ކުރެވިއްޖެއެވެ. އަދި ނުރައްކާ މުޖުތަމައުގައި އޮތް މިންވަރު ގަބޫލުކުރާން މަޖުބުރު ވެއްޖެއެވެ. މި ހަމަލާ އަމާޒު ކުރެވިފައިވާ ފަރާތަކީ ބަސް ބުނުމަށް ފަސްޖެހުމެއް ނެތް ލީޑަރެކެވެ.

މިހަމަލާއާއެކު، ކުރެވުނު ބަހުސްގައި މިވަރުގެ ނުރައްކާތެރި ހަމަލައެއް ތައްޔާރުކޮށް ދެވިދާނެ ފެންވަރުގެ މީހުން ދިވެހިންގެ މެދުގައި ތިބިކަންވެސް ވަނީ ސަލާމުކަކަށް އައިސްފައެވެ. މި ހަމަލައާ ބެހޭ ގޮތުން ލިބެން ހުރި މަޢްލޫމާތުން ސާފުވާ ގޮތުން ޝައްކެތް ނެތް މިންވަރަށް މިކަންވެސް ގުޅިފައި ވަނީ ހަރުކަށި ހައްދުފަހަނައަޅާފައިވާ ފިކުރާއެވެ. ރާއްޖޭގައި މިފަހަކަށް އައިސް މިހާގާތުން މމިހާ މަތީ ފެންވަރުގެ މަސްއޫލުވެރިއަކަށް މިވަރުގެ ހަމަލައެއް އަމާޒު ކުރެވިފައެއް ނުވެއެވެ. އަދި ރާއްޖޭގެ ތާރީޚްގައި މިވަރުގެ ބޮޑު ގެއްލުން ދެނިވި، އަނިޔާވެރި ހަމަލައެއް އެއްވެސް ސިޔާސީ ލީޑަރަކަށް ދެވިފައެއް ނުވެއެވެ.

ދެކުނު އޭޝިއާގައި މީޑިއާގެ މިނިވަންކަމާއި، އިންސާނީ ހައްގާއި ޑިމޮކްރެސީ ކޮންމެ ދުވަހަކުހެން ފަހަތަށް ފިޔަވަޅު އަޅަމުން ދާ ޒަމާނެއްގައި މިފަދަ ހަމަލައެއް މިނިވަން ފިކުރުގެ ޑިމޮކްރެޓިކް ލީޑަރަކަށް އަމާޒު ވެގެން ދިއުމަކީ، ދުނިޔެއިންވެސް އެއާމެދު ސަމާލުވާން ޖެހޭނެ ކަމެކެވެ.