ކެނެޑާއިން އިންޑިއާއަށް 500 ވެންޓިލޭޓަރ ފޮނުވައިފިއެވެ. މިއީ އޮންޓޭރިއޯ ޕްރޮވިންސުން ފޮނުވަން ބުނެފައިވާ ތިންހާސް ވެންޓިލޭޓަރުން ބައެކެވެ.

އޮންޓޭރިއޯ ސަރުކާރުން ބުނެފައި ވަނީ އިންޑިއާގެ އެކި އެކި ސިޓީތަކުގައި ބައިބަޔަށް މި ތަކެތި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

މިވެންޓިލޭޓަރތަކަކީ، އޯ ޓޫ މެޑިކަލް ޓެކްނޮލޮޖީޒް އިން އުފައްދާފައިވާ ވެންޓިލޭޓަރތަކެކެވެ.

ކެނެޑާއަކީ އެގައުމުގައި ކޮވިޑް19 ފެށިގެން ދިޔައިރު، އިންޑިއާއިން ބޭހުގެ ދީލަތި އެހީއެއް ލިބުނު ގައުމެކެވެ. މިކަމާ ގުޅިގެން ކެނެޑާގައި އިންޑިއާގެ ބޮޑު ވަޒީރަށް ޝުކުރު އަދާކޮށް ބިލްބޯޑްތައް ބެހެއްޓިއެވެ.

ކެނެޑާއިން ވަނީ އިތުރު 10 މިލިއަން ޑޮލަރުގެ އިންސާނީ އެހީގެ ގޮތުގައި އިންޑިއާއަށް ދޭން ނިންމާފައެވެ. މި އެހީ ދޭން ހަމަޖެހިފައި ވަނީ ކެނެޑާގެ ރެޑްކްރޮސްއިން އންޑިއާގެ ރެޑްކްރޮސްއަށެވެ.