އިންޑިއާއަށް އެންމެ ގިނައިން ލިކުއިޑް އޮކްސިޖަން ފޮނުވައިދޭ ގައުމުތަކުގެ ތެރޭގައި ކުވެއިތު ހިމެނިއްޖެއެވެ. ކުވެއިތުން 75 މެޓްރިކް ޓަނުގެ ލިކުއިޑް މެޑިކަލް ގްރޭޑް އޮކްސިޖަންއާއި އެއްހާސް ސިލިންޑަރ އިންޑިއާއަށް ފޮނުވައިފިއެވެ.

މިއީ ކުވެއިތުން ފޮނުވާ މިފަދަ ހަތަރުވަނަ ޝިޕްމެންޓެކެވެ. މި ތަކެތި އިންޑިއާއަށް ގެނައުމަށް ހަމަޖެހިފައި ވަނީ ކަނޑުމަގުން އިންޑިއާގެ މަނަވަރެއްގައެވެ.

ކުވެއިތަކީ، އިރާގަށާއި އުރުދުންއަށްވެސް ގިނަ އަދަދަކަށް އޮކސިޖަން އުފައްދައިދޭ ގައުމެކެވެ.

ކުވެއިތުގައި ހުންނަވާ އިންޑިއާގެ އެމްބެސެޑަރ ވިދާޅުވިގޮތުގައި އިންޑިއާއަށް އެންމެ ގިނައިން އޮކްސިޖަން ފޮނުވި އެއް ގައުމަކީ ކުވެއިތެވެ.

މީގެ ކުރިންވެސް ކުވެއިތުން ވަނީ 215 މެޓްރިކް ޓަނުގެ ލިކުއިޑް އޮކްސިޖަންއާއި 2600 އޮކްސިޖަން ސިލިންޑަރު އިންޑިއާ އަށް ފޮނުވާފައެވެ.