މިދިޔަ އަހަރު ނިމެން ދިޔައިރު ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމުއިއްޔާތަކުން އިސްނަގައިގެން ފަގީރު ގައުމުތަކަށާއި މެދު ފަންތީގެ ގައުމުތަކަށް ވެކްސިން ލިއްބައި ދިނުމަށްޓަކައި ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާގެ ކޯވެކްސް އިނިޝިއޭޓިވް ފެށިއެވެ.
މިއަދާ ހަމައަށް އައި އިރު އަދި، ދުނިޔޭގެ 130 ގައުމަކަށް ވެކްސިންގެ އެންމެ ޑޯޒެއްވެސް ލިބިފައެއް ނުވެއެވެ. ވޫހާން އިން އުފެދުނު ވައިރަސް މުޅި ދުނިޔެ އިނދެޖައްސާލި އިރު، ޗައިނާއިންވެސް ވެކްސިން ދެނީ ޝަތުރުތަކާއެކު ގައެވެ. ވިޔަފާރި އުސޫލުންނެވެ.
ދުނިޔެއިން ސާބިތު ކޮށްދިނީ، ކާރިސާގައި އަޚުލާގްވެސް ބައްޓަން ވަނީ ކެޕިޓަލިސްޓް އުސޫލުތަކުގެ މައްޗަށް ކަމަށެވެ.
ދުނިޔޭގެ ފަގީރު ގައުމުތަކަށް ވެކްސިން ނުލިބިގެން އުޅެނީ ވެކްސިން ނެތިގެނެއް ނޫނެވެ. މުއްސަނދި ގައުމުތަކުން ވެކްސިން ބައްކުރުމުގެ ސަބަބުންނެވެ.
ކެނެޑާއިން އާބާދީއަށް ބޭނުންވާ ވަރަށް ވުރެން ފަސް ގުނަ އިތުރަށް ވެކްސިން ގަތުމަށް ނިންމާފައި ވެއެވެ.
އާބާދީގެ ހަތަރު ގުނަ އިތުރަށް އިނގިރޭސިވިލާތުން ވެކްސިން ބޭނުން ވެއެވެ.
އެމެރިކާއިން އާބާދީގެ ދެގުނަ އިތުރަށް ވެކްސިން ބޭނުން ވެއެވެ.
މުއްސަނދި ގައުމުތަކުން ވެކްސިން ގިނަ އަދަދަކަށް ގަންނަނީ، ޑަބަލްކޮށް އޯޑަރު ޖަހައިގެންނެވެ. މީގެ މަގްސަދަކީ، އެއް ފަރާތަކުން ނުލިބިއްޖެނަމަ، އިތުރު އެހެން ފަރާތަކުން ލިބުން ޔަގީން ކުރުމުގެ ގޮތުންނެވެ.
މުއްސަނދި ގައުމުތަކުގެ މި ވެކްސިން ސިޔާސަތަށް މުހައްލިލުން ދީފައިވާ ނަމަކީ، ވެކްސިން އަޕަތެއިޑް: ވެކްސިން ލިބއްބައި ދިނުމުގައިވެސް ނަސްލީ ތަފާތުކުރުން މިއެވެ.
ދުނިޔޭގައި 1.5 މިލިއަން މީހުން ކޮވިޑް19 ޖެހިގެން މަރުވެފައި ވާއިރުވެސް ވިޔަފާރި އުސޫލުން ވެކްސިން ވިއްކުމަކީ މި ގައުމުތަކުގެ ކެޕިޓަލިސްޓް ވިސްނުމެވެ.
މި ގައުމުތަކުން ވަނީ ވެކްސިން އުފެއްދުމަށް ހުއްދަ ދިނުމުގެ ކުރިންވެސް އޯޑަރު ޖަހައި ކުރިއަށް ފައިސާ ގެރެންޓީކޮށްދީފައެވެ.
ދުނިޔޭގެ ވިޔަފާރި ޖަމުއިއްޔާގައި އިންޑިއާއާއި ދެކުނު އެފްރިކާއިން ހުޅުވާލާފައިވާ ބަހުސަކީ، ވެކްސިންގެ އިންޓެލެކްޗުއަލް ޕްރޮޕަޓީ ރައިޓްސްއަށް ލުޔެއް ދިނުމަށެވެ. 58 ގައުމަކުން ވަނީ މިކަމަށް ތާއީދު ކޮށްފައެވެ.
މިހާރު ގާނޫނުތައް ހަމަ ޖެހިފައި ހުރި ގޮތުން ވެކްސިން އީޖާދު ކުރާ ފަރާތަށް އެއިން މަންފާ ނެގުމަށް އޭނާގެ ފިކުރީ ހައްގު ރައްކާތެރި ކުރުމަށް 20 އަހަރު ލިބެއެވެ. މިއިން ވެކްސިން އުފެއްދައި ވިއްކުމުގައި މޮނޮޕޮލީ ލިބިދެއެވެ.
އީޔޫއާއި ޔޫކޭއާއި އޮސްޓްރޭލިއާ، ޖަރމަނީ އަކީ ޑަބްލިއުޓީއޯ އިން ކުރަމުންދާ މަސައްކަތާ ދެކޮޅު ހަދާ ގައުމުތަކެވެ.
ވެކްސިންގެ ވިޔަފާރީގައި ޑަބްލިއުއެޗްއޯގެ ކޯވެކްސިން ޕްރޮގްރާމުގެ ދަށުން އަގު ހަދާފައިވާ ގޮތަކީވެސް ސިއްރެކެވެ. ފަގީރު ގައުމުތަކަށް މި ޕްރޮގްރާމުގެ ދަށުން ވެކްސިން ދެނީ ސަބްސިޑައިޒް އަގެއްގައެވެ.
އެސްތްރާޒެނެކާގެ ވެކްސިން، އީޔޫއަށް ލިބެނީ، 2.19 ޑޮލަރަށެވެ. ނަމަވެސް ދެކުނު އެފްރިކާއަށް ހަމަ އެ ވެކްސިން ވިއްކަނީ، 5.25 ޑޮލަރަށެވެ.
މިސާލަކަށް މޮޑާނާ އިން ވެކްސިން ވިއްކައިގެން މިއަހަރު ބޮޑު ފައިދާއެއް ލިބި ކުންފުނީގެ ފައިދާ 18 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ވެއެވެ.