ސަލަމާޚާންގެ "ރާދޭ" ފިލްމުގެ "ސީޓީ މާރޭ" ލަވަޔަށް ޑޮކްޓަރުންތަކެއް ނަށާ ވީޑިއޯ އަކަށް އިންޓަނެޓްގައި ސަމާލުކަން ލިބިއްޖެއެވެ. މި ލަވަޔަށް ނެށި ޑޮކްޓަރުން ތިބީ މާސްކް އަޅައިގެން ޑޮކްޓަރުންގެ ހެދުމުގައި ހޮސްޕިޓަލެއްގައެވެ. މިހާރު އިންޑިޔާގައިވެސް ކޮވިޑްގެ ހާލަތު ނާޒުކު ވެފައިވާ މި ދަނޑިވަޅުގައި ގިނަ މީހުން ބޭރަށް ނުނިކުމެ ގޭގައި ތިބޭއިރު މިފަދަ މަންޒަރުތައް ބަލާ މީހުންގެ އަދަދު ވަރަށް ގިނައެވެ.

އިންސަޓަގްރާމުގައި ހިއްސާކޮށްފައިވާ މި ވީޑިއޯ މިހާރު ތިރީސް ހާހަށްވުރެ ގިނަ މީހުން ބަލައިއެވެ. އަދި ވަރަށް ގިނަ ފަރާތް ތަކުން މި ވީޑިއޯ ހިއްސާކޮށް ކޮމެންޓް ކުރަމުން ވެސް އެބަ ދެއެވެ. މި ގޮތުން ކޮމެންޓް ކުރާ މީހުން މި ޑޮކްޓަރުންނަށް ވަރަށް ބޮޑަށް ތަޢުރީފު ކޮށްފައި ވެއެވެ. މިގޮތުން މީހަކު ލިޔެފައި ވެއެވެ. " ފުރާނަ އަތްމައްޗަށްލައިގެން އެހެންމީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ޑޮކްޓަރުން ތިޔަ ކުރާ މަސައްކަތައް ތަޢުރީފު ހައްޤެވެ. އަދި އެހެންމީހުން ހިނުތުންވެ ތިބުމަށް ތި ދޭ ހިތްވަރު ފާހަގަ ކުރަމެވެ. އެހެން މީހަކު ލިޔެފައި ވެއެވެ. މި ފަދަ ދަނޑިވަޅެއްގައި ޑްކްޓަރުން ތިޔަ ދައްކަވާ މިސާލުން ހިތްވަރު ލިބެއެވެ.

މި ގޮތުން އިނސްޓަގްރާމުގައި ވަރަށް ގިނަ ފަރާތްތަކު ޝުކުރާއި ތައުރީފު ގެ ބަސްތަކާއި އެމޯޖީތަށް މި ޑޮކްޓަރުން ފޮނުވާފައި ވެއެވެ.

ސަލްމާން ޚާންގެ ރާދޭ އަކީ ސަލްމާން އާއި ޑިޝާ ޕަޓަނީ ލީޑް ރޯލް އަދާކޮށްފައިވާ ފިލްމެކެވެ. މި މަހު 13 ވަނަ ދުވަހު ރިލީސް ކުރި މި ފިލްމް ޑައިރެކްޓް ކޮށްފައިވަނީ ޕްރަބޫ ދޭވް އެވެ. މިއީ ސަލަމާޚާން ގެ އާއިލާގެ މެންބަރުންތަކެއް ބައިވެރިވެގެން އުފެއްދި ފިލްމެކެވެ. މި ފިލްމުގެ އަސްލަކީ 2017 ގައި ނުކުތް ކޮރެއަން ފިލްމް "އައުޓްލޯސް" އެވެ.