ޗައިނާގެ ފޮރިން މިނިސްޓަރ ވަންގ ޔީ ވަނީ ސަލާމަތީ މަޖިލީހުގައި ކުރެވެމުންދާ މަސައްކަތަށް އެމެރިކާއިން ދެ ފަހަރުމަތިން ހުރަސްއަޅާފައިވާ އެކަން ކުށްވެރި ކުރައްވާފައެވެ.

އޭނާ ވިދާޅުވީ، ޗައިނާއިން ކަމާ ގުޅުން ހުރި ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުންދާއިރު އެއް ގައުމުން ދަނީ އެކަމަށް ހުރަސް އަޅަމުންނެވެ. އޭނާ އެމެރިކާއަށް ގޮވާލެއްވީ، އެމެރިކާއިން ޒިންމާދާރު ވުމަށެވެ. އަދި ސިޔާސީ ޙައްލެއް ހޯދުމަށް ބައިނަލްއަގްވާމީ މުޖުތަމައާއި ސަލާމަތީ މަޖިލީހުން ކުރަމުންދާ މަސައްކަތުގައި އިންސާފުވެރި ހަމައެއް އެމެރިކާއިން ގެންގުޅުމަށެވެ.

ޗައިނާއަކީ މިދައުރުގެ ސަލާމަތީ މަޖިލީހުގެ ރައީސެވެ.

ތިން ވަނަފަހަރަށް ސަލާމަތީ ބައްދަލުވުމުން ބޭއްވި ޖަލްސާގެ ނިންމުމަށްވެސް އެމެރިކާއިން ވަނީ ހުރަސް އަޅައިފައެވެ. އިޒްރޭލްއާއި ޙަމާސްއިން ވަހުތުން ހަމަލާތައް ހުއްޓާލުމަށް ގޮވާލާ ގަރާރެއް ހުށަހެޅީ، ނޯރވޭއާއި ތޫނުސްއާއި ޗައިނާއިންވެ.

ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން އެމެރިކާގެ މަންދޫބު ލިންޑާ ތޯމަސް ގްރީންފީލްޑް ވަނީ ހަމާސްއިން އިޒްރޭލަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލައްވާފައެވެ. އިޒްރޭލުން އަމިއްލަ ދިފާއުގައި ކަމަށް ބުނެ ދެމުންދާ ހަމަލާތަކާ ބެހޭ ގޮތުން އޭނާ އެއްޗެއް ވިދާޅެއް ނުވެއެވެ.

ސަލާމަތީ މަޖިލީހުގެ 15 މެމްބަރުންގެ ތެރޭން 14 މެމްބަރުން ގުޅިފައިވާ ބަޔާނަކަށް ތާއީދު ކުރި އިރު އެމެރިކާއިން ވަނީ ވީޓޯގެ ބާރު ބޭނުން ކޮށްފައެވެ. އެމެރިކާއިން ބުނެފައިވާ ގޮތުން އެމެރިކާއިން ހިންގާ ޑިޕްލޮމެޓިކް މަސައްކަތަށް އިތުރު ވަގުތު ބޭނުން ވެއެވެ.

އެމެރިކާއިން ތިން ފަހަރަށް ސަލާމަތީ މަޖިލީހުގެ މަސައްކަތް ނާކާމިޔާބު ކޮށްލުމުން، ބައިޑެންގެ ޚާރިޖީ ސިޔާސަތާ މެދު ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒު ވެފައި ވެއެވެ. އޭނާ ވެރިކަމަށް ވަޑައިގަތީ އިންސާނީ ހައްގުތައް ހުރިހައި ހިސާބެއްގައިވެސް ދަމަހައްޓާނެ ކަމަށާއި، އުސޫލުގެ މައްޗަށް ގާއިމްވެފައިވާ ނިޒާމެއް ގެންގުޅުއްވާނެ ކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް އިޒްރޭލުގެ އުދުވާންތަކަށް އޭނާ ބީރު ކަންފަތެއް ދެއްވާތީ ބައިޑެންގެ ސީރިއަސް ކަމާ މެދު ސުއާލު އުފެދެއެވެ.

ސަލާމަތީ މަޖިލީހުގެ ރޭގެ ބައްދަލުވުމުގައި، އުރުދުންއާއި މިސްރުންވެސް ގެސްޓުސްޕީކަރުންގެ ގޮތުގައި ބައިވެރިވިއެވެ.

އިޒްރޭލް ޙަމާސްގެ ހަމަލަތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އެމެރިކާ ފިޔަވައި ހުރިހައި ގައުމަކުންވެސް ވަނީ އިޒްރޭލުން ދެމުންދާ ހަމަލަތަކާއި ކުޑަ ކުދިން މަރުވުމާއި މީޑިއާ ބިލްޑިންގއަށް ދިން ހަމަލަ ކުށްވެރިކޮށްފައެވެ. އަދި ޝެއިޚް ޖައްރާހް އަވަށުން ފަލަސްތީނު މީހުން ބޭރުކުރަމުންދާތީ އެކަންވެސް މެންބަރުން ކުށްވެރި ކުރިއެވެ.