ދުނިޔޭގައި އެންމެ ބޮޑަށް އިންސާނީ ހައްގަށް އަރައިގަންނަ ސަރަހައްދަކީ މެދުއިރުމަތި ކަމަށާއި އަދި އެކަމުގައި އުޅެނީ އެމެރިކާއިން ކަމަށް ޗައިނާއިން ބުނެއެވެ. ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ނޫސް، ގްލޯބަލް ޓައިމްސްއިން ބުނެފައި ވަނީ އަރަބި ބައެއް ގައުމުތަކުން ވަނީ މި ވަގުތު މަސްލަހަތަށްޓަކައި ފަލަސްތީނުން އަތް ދޮވެލާފައި ކަމަށެވެ.

ގިނަ އަރަބި ގައުމުތަކުން ވަނީ އިޒްރޭލާ ގުޅުން ބަދަހިކޮށް، ފަލަސްތީނާ އެކު އެމީހުން ގެންގުޅު ރަސްމީ ހައިސިއްޔަތު ދަށްކޮށްލާފައި ކަމަށެވެ. އަދި އެމެރިކާގެ ޓްރަމްޕް، ގުދުސްއަށް އެމްބަސީ ބަދަލު ކޮށް އެޅި ފިޔަވަޅަށްވެސް މި އަރަބި ގައުމުތަކުން ތިބީ ރުހިގެން ކަމަށެވެ. ގްލޯބަލް ޓައިމްސްއިން ބުނިގޮތުގައި މިއިން ދައްކައި ދެނީ، ގަދަކަމުން ފަލަސްތީނުގެ މީހުންގެ ހައްގުތައް ފޭރިގަންނަ އިރުވެސް، ރައްދުގައި ހަނގުރާމަ ކުރުމުގެ ބާރު ފަލަސްތީނު މީހުންނަށް ގެއްލިގެންދާ ކަމަށެވެ.

އިންސާނާގެ ހިތަކީ ހަމަޔާ އިންސާފާ ގުޅިފައިވާ އެއްޗެއް ކަމުން، ފެނިގެން ދަނީ ފަލަސްތީނު މީހުންނަށް ގަނާކޮށް، އެމީހުންގެ ހައްގުތައް ނިގުޅައި ގަންނަ ކަމެވެ. ނިކަމެތި ހާލުގައި ފަލަސްތީނު މީހުން އުޅޭ އިރު އެމީހުންނަށް ބަައިނަލްއަގްވާމީ މުޖުތަމައިން ހަމްދަރްދީ ވާން ޖެހޭނެ ކަމަށެވެ.

ގްލޯބަލް ޓައިމްސްގެ އެޑިޓޯރިއަލްގައި އިތުރަށް ބުނަނީ، ފަލަސްތީނު މީހުންގެ ހާލަތުން ފެންނަނީ އެމރިކާއިން މުސްލިމުންނާ މެދު ކަން ކުރަމުންދާ ގޮތެވެ. ފަލަސްތީނު މީހުންނާ ދެކޮޅަށް ބާރާއި ބުބައްދަލު މިންވަރަށް ހަމަލަދީ ބޮން އަޅަމުން ދާއިރު އެމެރިކާއިން އިޒްރޭލަށް ތާއީދު ކުރުމުން ދައްކައި ދެނީ އެމެރިކާގެ މުނާފިގު ކަމެވެ!

ޝިންޖިއާންގެ ވާހަކަ ދައްކައި އެމެރިކާއިން ޗައިނާ ބަދުނާމު ކުރާ އިރު ފެންނަނީ، އެމެރިކާއިން ގިނަ އަދަދެއްގެ މުސްލިމު ސިވިލިއަނުން މެދުއިރުމަގތީގައި މަރަމުންދާ ތަނެވެ. އަދި އިޒްރޭލުން ފަލަސްތީނު މީހުން މަރައި ފިއްތަމުންދާއިރު އެމެރިކާއިން ތާއީދު ކުރަމުންދާ މަންޒަރެވެ. އެމެރިކާގެ މުނާފިގުކަން ފޮރުވޭކަށް ނެތްކަމަށް ގްލޯބަލް ޓައިމްސްއިން ބުންޏެވެ.