އެމެރިކާގެ ރައީސް ޖޯ ބައިޑެން މަކަރުވެރިގޮތަކަށް މުސްލިމުންނަށް ތާއީދު ކުރާ ކަމަށް ދައްކައިގެން އިޒްރޭލަށް ވާގިވާއިރު، ހީވެސް ނުކުރާ ގޮތަކަށް އޭނާއާ ދެކޮޅަށް ދެކޮޅުން މީހުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. މީހުންގެ ބަދު ދުއާއާއެކު ދޮށީ އުމުރުގެ މީހަކު ނިމިގެން ދިއުމަކީ ހިތާމަ ހުރި ކަމެކެވެ!
އިޒްރޭލަށް ބައިޑެން ތާއީދު ކުރުމުގެ ސަބަބުން އޭނާ ބާއްވަވަން އުޅުނު ވަރޗުއަލް އިފްތާރު ބައްދަލުވުން މުސްލިމުން ވަނީ ބޮއިކޮޓް ކޮށްފައެވެ. މުސްލިމު ޖަމާއަތްތަކުން ބުނެފައި ވަނީ ފަލަސްތީނު މީހުންގެ ވޭންތަކަކީ އޭނާގެ ބައިވެރިވުމާއެކު ދެވިފައިވާ ވޭންތަކެއް ކަމަށެވެ.
ވޮޝިންޓަން ޕޯސްޓުން ބުނާ ގޮތުގައި ބައިޑެން ވަނީ އޭނާގެ އިޒްރޭލަށް ތާއިދު ކުރައްވާ ޕޮޒިޝަން މަތި ޖެއްސެވުމުގެ ގޮތުން މަސައްކަތަކެއް ކުރައްވާފައެވެ. ޕޯސްޓުން ބުނާ ގޮތުން ކޮންގްރެސްގައި ފަލަސްތީނަށް ތާއިދު ކުރާ މީހުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ.
ނިއުޔޯރކް ޓައިމްސްގައި ސެނެޓަރ ބާނީ ސެންޑަޒް ލިޔުއްވި މަޒްމޫނުން ހައްދުފަހަނައަޅާފައިވާ ޔަހޫދީންގެ ބަޔަކު ގުދުސްގައި ހިންގާފައިވާ އުދުވާނީ އަމަލުތަކަށާއި ގަދަކަމުން ފަލަސްތީނު މީހންގެ ގެތަކުން ބޭރުކުރުމުގެ މަސައްކަތަށްވެސް ސަމާލުކަން ވަނީ ލިބިފައެވެ.
ބާނީ ސެންޑަޒް އަކީ މިވާހަކަ ދެއްކި ހަމައެކަނި ސިޔާސީ ލީޑަރެއް ނޫނެވެ. ކުރިން އިޒްރޭލަށް ތާއިދު ކުރި ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންވެސް ވަނީ އިޒްރޭލުގެ އަމަލުތަކާ އެމީހުން ގަޔާނުވާކަމަށް ބުނެފައެވެ. ކުރިން އިޒްރޭލަކީ ނަސްލީ ތަފާތު ކުރާ އެޕަތައިޑް ދައުލަތެއް ކަމަށް ބުނަން ޖެހިލުން ވެއެވެ. އެކަމަކު މިހާރު އެހެނެއް ނޫނެވެ.
ގެލޮޕް އިން އެންމެ ފަހުން ނަގާފައިވާ ޚިޔާލު ހޯދުމުންވެސް އެމެރިކާގެ 52 ޕަސެންޓް މީހުން ފަލަސްތީނު ގެ މިނިވަން ދައުލަތެއް އުފެއްދުމަށް ތާއީދު ކުރެއެވެ. އަދި ފަލަސްތީނު މީހުން ދެކޭ ރުހޭ ނިސްބަތް ވެސް އިތުރު ވެފައިވާ ކަމަށް މިއިން ދައްކައެވެ.
ބައިޑެންގެ ޕޮޒިޝަނުން އެނގިގެން ދިޔައީ އެމެރިކާގެ އެންމެ ތަޖުރިބަކާރު ސިޔާސީ ލީޑަރު އަދިވެސް ހުންނެވީ އިންސާނީ ހައްގަށް ވުރެން ބޮޑަށް ހަނގުރާމައިގެ ޖަރީމާތައް ހިންގާ އިޒްރޭލަށް ވާގިވެރިވާން ހުރި ކަމެވެ.