އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަމުން އިންޑިއާއިން ފަލަސްތީނަށް ތާއީދު ކުރާ ކަން ހާމަ ކޮށްފިއެވެ. އިންޑިއާގެ ދާއިމީ މަންދޫބު އިއްވެވި ހަތަރު މިނެޓްގެ ތަގްރީރުގައި ނަންގަވާފައިވަނީ ފަލަސްތީނަށް ތާއީދު ކުރާކަން ދެއްކުމުގެ ޕޮޒިޝަނެކެވެ. ނަމަވެސް އިންޑިއާގެ ބަޔާނުގައި ތަފްސީލެއް ނެތެވެ. ގުދުސްއާ މެދު އިންޑިއާއިން ދެކޭ ގޮތް ނުވަތަ އަރަބި އިޒްރޭލުގެ ބޯޑަރާ ބެހޭ ގޮތުން އިންޑިއާއިން ދެކޭ ގޮތް ބަޔާން ކޮށްފައެއް ނުވެއެވެ.
ޓީ އެސް ޓްރިމުރުޓީގެ ބަޔާނުގައި ވަރަށް މުހިންމު ދެ ކަމެއް ފާހަގަ ކުރައްވާފައި ވެއެވެ. ފުރަތަމަ ކަމަކީ، ހަމަނުޖެހުން އުފެދުނީ ހަފްތާއެއް ކުރިން ހިފާފައިވާ ގުދުސްއިން ކަމަށެވެ. މާނައަކީ، ހަމަނުޖެހުން ފެށުނު ހިސާބަކީ ހަމާސްގެ ރޮކެޓް ހަމަލަދިނުމުން ނޫން ކަމަށް އިންޑިއާ ގަބޫލުކުރާ ކަމެވެ.
ދެވަނަ ކަމަށް ފާހަގަ ވެގެން ދަނީ އިންޑިއާގެ ބަޔާނުގައި، ގުދުސްގައި ޚާއްސަކޮށް މަސްޖިދުލްއަގްސާގައި ރަމަޟާން މަހު ހިނގާދިޔަ ހަނމަނުޖެހުމާއި، ޝެއިޚް ޖައްރާހް އަވަށުން މީހުން ގަދަކަމުން ބޭރުކުރުން ސާފުބަހުން ފާހަގަ ކޮށްފައިވާ ކަމެވެ. އަދި ޣުދުސްގައި ކުރިން ހާލަތު އޮތް ގޮތަށް ރުޖޫއަ ކުރުމަށް އިންޑިއާއިން ވަނީ އެއްވެސް ފަރާތެއްގެ ނަން ނުގަނެ، ގޮވާލާފައެވެ.
އިންޑިއާގެ ކުރީގެ ޑިޕްލޮމޭޓެއްކަމަށްވާ ތިލްމީޒް އަޙުމަދު ފާހަގަ ކުރެއްވި ގޮތުގައި އިންޑިއާއިން ވަނީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމަށް ކުރިން އިންޑިއާއިން ބުނަމުން އައި ބުނުން މިހާރު އުނިކޮށްފައެވެ. އޭނާ ވިދާޅުވިގޮތުގައި މިއީ ސިޔާސަތަށް އައިސްފައިވާ ބަދަލެކެވެ.
އިންޑިއާއިން ވަނީ ފަލަސްތީން އިޒްރޭލުގެ ހަމަނުޖެހުންތައް ކުށްވެރިކޮށްފައެވެ. އަދި ދެމެހެއްޓެނިވި ހައްލަކަށް އިޒްރޭލާއި ފަލަސްތީނުން މަޝްވަރާއަށް ދިއުމަށްވެސް ގޮޥާލާފައި ވެއެވެ،
އިންޑިއާގެ ބަޔާނަކީ ފަރަށް ފަރުވާތެރިކަމާއެކު އެކުލަވާލާފައިވާ ބަޔާނެކެވެ. އިޒްރޭލަކީ އިންޑިއާގެ ގާތް އެކުވެރިއެކެވެ. އަދި އަރަބި ގައުމުތަކުންވެސް އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވައި އިންޑިއާގެ ކޮވިޑް ކާރިސާގައި ދީލަތި ކަމާއެކު އެހީތެރިވެ ދިނެވެ.