ކަޒަޚިސްތާންގައި ރަޝިޔާއިން ހިންގާ ޖައްވީ ސްޓޭޝަން ބައިކަނޯރު ކުއްޔަށް ދިނުމުގެ މުއްދަތު 2050އާ ހަމައަށް ކަޒަޚިސްތާނުން އިތުރުކޮށްފިއެވެ. ރަޝިޔާއަށް މި ސްޓޭޝަން ކުއްޔަށް ދިނުމުގެ މުއްދަތު އިތުރުކުރުމަށް ކަޒާޚިސްތާނުން ނިންމީ 2018ގައެވެ. ޕާލަމެންޓުން ވަނީ ދެ އަހަރުި ވަންދެން މިއެއްބަސްވުމާ ބެހޭ ގާނޫނު އެކުލަވާލުމަށް މަސައްކަތް ކޮށްފައެވެ.

މީގެ ކުރިން އެއްބަސްވުން ހެދީ 1994 ގައެވެ. އެއިރު އެއްބަސްވީ 20 އަހަރަށް ކުއްޔަށްދޭ ގޮތަށެވެ.

ކަޒަޚިސްތާން ޕާލަމެންޓުން ވަނީ ބައިކަނޯރް ސްޓޭޝަން ކުއްޔަށް ދިނުމުގެ އެކިއެކި ކަންކަމާ ގުޅޭ ޖުމުލަ 70 އެއްބަސްވުން ރަޝިޔާއާއެކު ހަދާފައެވެ.

ރަޝިޔާއިން ކަޒަޚިސްތާނަށް އަހަރަކު ކުލީ ގެ ގޮތުގައި 115 މިލިއަން އެމެރިކާ ޑޮލަރު ދައްކައެވެ. އެގޮތުްނ މިދިޔަ 27 އަހަރުގެ ތެރޭގައި ގާތްގަނޑަކަށް ތިން ބިލިއަން އެމެރިކާ ޑޮލަރު ކަޒަޚިސްތާނަށް ލިބިފައި ވެއެވެ.

ރަޝިޔާއިން ފޮނުވި ފުރަތަމަ ސްޕްޓްނިކް ސެޓެލައިޓް މި ސްޓޭޝަނުން ޖައްވަށް ފޮނުވާފައި ވަނީ 1957 ގައެވެ. ޖައްވަށް ދިޔަ ފުރަތަމަ އިންސާނާ ޔޫރީ ގަގާރިންވެސް ފުރައިގެން ދިޔައީ މިސްޓޭޝަނުންނެވެ. ބައިކަނޯރް ސްޓޭޝަނަކީ ދުނިޔޭގެ އެންމެ ބޮޑު ޖައްވީ ސްޓޭޝަނެވެ.

6700 ކިލޯމީޓަރުގެ ބައިކަނޯރް ސަރަހައްދަކީ ރަޝިޔާގެ ގާނޫނުތައް ހިނގާ ސަރަހައްދެކެވެ. މިތަނަށް ވަދެ ނިކުމެ ހެދޭނީވެސް ރަޝިޔާގެ ހުއްދައާއެކުގައެވެ.