އިޒްރޭލުން ދެމުންދާ އުދުވާނީ ހަމަލާތައް ޑޮކިއުމެންޓްކޮށް ތަހްގީގު ކުރާ ފަރާތްތަކުން ދަނީ ޣައްޒާ މަތިން ފެންނަން ހުންނަ ސެޓެލައިޓް ފޮޓޯތައް ނުސާފުކަމުން އެކަމުގެ ޝަކުވާ ކުރަމުންނެވެ. ބީބީސީން ގެނެސްދިން ރިޕޯޓެއްގައި ހަނގުރާމައާ ގުޅޭ މައްސަލަ ޑޮކިއުމެންޓް ކުރާ ފަރާތްތަކުން ބުނެފައިވަނީ ޣައްޒާ މަތިންވެސް އަދި އިޒްރޭލު މަތިންވެސް ސާފު ފޮޓޯތަކެއް ގޫގްލް އަރތު މެދުވެރިކޮށްވެސް ލިބެން ނުހުންނަ ކަމަށެވެ.

މިފަދަ މައްސަލަތައް ތަހްގީގު ކޮށް ބެލިންކެޓްގައި ޑޮކިއުމެންޓް ކުރާ އެރިކް ޓުވޭލަރ ބުނިގޮތުގައި ޣައްޒާމަތިން ނަގާފައިވާ ގުގްލްގެ ފޮޓޯތަކަކީ 2016 ގައި ނަގާފައިވާ ފޮޓޯތަކެވެ. މިއާ ޚިލާފަށް ސޫރިޔާ މަތިން ނަގާފައިވާ ފޮޓޯތައް ނިކަން ރީއްޗަށް ބޮޑު ކޮށްލެވޭކަމަށް އޭނާ ބުނެއެވެ.

މިމައްސަލާގައި ގޫގްލްއާ ސުއާލުކުރުމުން އެކަށީގެންވާ ޖަވާބެއް ދީފައެއް ނުވެއެވެ.

މި ސުއާލުތަކާ ގުޅިގެން، އިޒްރޭލާއި ޣައްޒާ މަތިން ނަގާފައިވާ ފޮޓޯތައް ސާފު ނުވާ އެހެން ސަބަބެއްވެސް ވަނީ ސަމާލުކަމެއް އައިސްފައެވެ.

އިޒްރޭލިގެ ސަލާމަތީ ކަންތައްތަކާ ގުޅިގެން 1997ގައި އެމެރިކާއިން ފާސްކޮށްފައިވާ ކެއިލް-ބިންގަމަން ގާނޫނު (ކޭބީއޭ) އިން ވަނީ އިޒްރޭލު މަތިން ނަގާ ސެޓެލައިޓް ފޮޓޯއަށް މިންގަނޑެއް ކަނޑައަޅާފައެވެ. އޭގައި ވާ ގޮތުން އިޒްރޭލު މަތިން ނަގާ ފޮޓޯތައް ހުންނަން ވާނީ، ބަލާބެލުމަށް ކާރެއް އެއީ ކާރެއްކަން އެނގޭ ވަރަށް، އަދި އެއަށްވުރެން ކުޑަ އެއްޗެއް ބޮޑު ނުކުރެވޭ ވަރަށެވެ. މީގައި ފަލަސްތީނުގެ ސަރަހައްދު ހިމަނާފައި ނުވިނަމަވެސް ގޫގްލް އިން ވަނީ މި ގާނޫނު އިޒްރޭލާ ފަލަސްތީނަށް ތަންފީޒު ކޮށްފައެވެ.

އެމެރިކާ ކުންފުނިތައް ނޫން އެހެން ގައުމުތަކުގެ ކުންފުނިތަކުން ވަނީ މި ގާނޫނަށް ބަދަލު ގެނައުމަށް ގޮވާލާފައެވެ. އޭގެ ތެރޭގައި އެއަރބަސްވެސް ހިމެނެއެވެ. އެންމެ ފަހުން 2020 ޖުލައި އެމެރިކާ އިން ވަނީ މި ގާނޫނަށް ބަދަލު ގެނަސްފައެވެ. ނަމަވެސް އިޒްރޭލު ރުއްސުމަށްޓަކައި ގޫގްލްއިން އަދިވެސް ފޮޓޯތައް އަޕްޑޭޓް ކޮށްފައެއް ނުވެއެވެ.