ދުނިޔޭގެ ކަންކޮޅުތަކުގައި އިޒްރޭލުގެ އަނިޔާވެރިކަން ކުށްވެރިކުރި ނަމަވެސް އިންޑިއާގައި އިންޑިއާ ސަރުކާރަށް ތާއީދުކުތާ އެކްޓިވިސްޓުން ވަނީ ފަލަސްތީނާ ދެކޮޅަށް، އިޒްރޭލާއެކު އެމީހުން ތިބިކަން ދައްކައި ދީފައެވެ. އިންޑިއާގެ ސޯޝަލް މީޑިއާގައި #ISupportIsrael, #IndiaWithIsrael, #IndiaStandsWithIsrael #IsrealUnderFire

ހޭޝްޓެގް ވަނީ ޓްރެންޑް ވެފައެވެ. ގިނަ ބަޔަކު ވަނީ ފަލަސްތީނު މީހުންނަށް ޓެރަރިސްޓުންނޭ ކިޔާފައެވެ. އިންޑިއާގައި ހޮނިހިރު ދުވަހުގެ ރޭ #PalestineTerrorists ވަނީ ޓްރެންޑް ވެފައެވެ.

އިންޑިއާގެ މީސްމީޑިއާގައި އިޒްރޭލްގެ ތާއީދު ބޮޑުވެފައި ވަނީ ވެރިކަން ކުރާ ބީޖޭޕީގެ ޕާލަމެންޓް މެމްބަރުންނާއި އެޕާޓީއަށް ތާއީދު ކުރާ ގާނޫނީ ވަކީލުންނާއި ނޫސްވެރިން މީސްމީޑިއާގައި ފަލަސްތީނާ ދެކޮޅަށް އިޒްރޭލްގެ ދިފާއުގައި ޓުއީޓް ކޮށް ހެދުމުންނެވެ.

މެއި 12 ވަނަ ދުވަހު ބީޖޭޕީގެ ޕާލަމެންޓް މެމްބަރު ތޭޖާސްވީ ސޫރްޔާ ވަނީ "'އަހަރަމެން މިތިބީ އިޒްރޭލާއެކު: ގަދަކޮށް ތިބޭތި" މިހން ބުނެ ޓުއީތް ކޮށްފައެވެ. ދެކުނު ބެންގަލޯރ އިން ހޮވިފައިވާ މި ޒުވާން އެމްޕީއަކީ އޭނާގެ މުސްލިމުންގެ އަދާވާތްތެރިކަމުގައި ހައްދު ފަހަނައަޅާފައިވާ ކަމަށް ފާހަގަ ކުރެވޭ މީހެކެވެ. ދެކުނު ބެންގަލޯރގެ ކޮވިޑް ކޮންޓްރޯލް ރޫމަށް މީގެ ހަފްތާއެއް ކުރިން އޭނާ ޒިޔާރަތް ކުރިއިރު އެތާގައި ހިލޭސާބަހަށް މަސައްކަތް ކުރަން ޒުވާން މުސްލިމުންތަކެއް ތިބި ތަން ފެނިގެން ލިސްޓް ހޯދައިގެން އެންމެންގެ ނަންތައް ކިޔައި މީހުންގެ ތެރޭގައި އެމީހުން ފަޟީހަތް ކުރިއެވެ. ބަޔަކު ވަނީ ދީނީގޮތުން ނަފްރަތު އުފެއްދުމުގެ މައްސަލަ ފުލުހަށްވެސް ހުށަހަޅާފައެވެ.

ސޫރްޔާގެ މި ޓުއީޓަކީ އިޒްރޭލުގެ ފޮރިން މިނިސްޓްރީގެ ޓުއީޓަކަށް ދިން ރައްދެކެވެ. ބައި ލައްކަ ފަހަރު މި ޓުއީޓް ލައިކް ކުރެވުނެވެ. އަދި 13 ހާސް ފަހަރު ރިޓުއީޓް ކުރެވުނެވެ.

އިންޑިއާގެ ޗަންދީގަޅްގައި ބީޖޭޕީގެ ތަރުޖަމާން އާދަކޮށް އިޒްރޭލްގެ ތާއީދުގހައި ޓުއީޓް ކުރަމުން ގެންދެއެވެ. ހުކުރު ދުވަހު އޭނާ ޓުއީޓް ކޮށްފައި ވަނީ އިޒްރޭލް ސިފައިންގެ ފޮޓޯއަކާ އެކު "ލޯބިވާ އިޒްރޭލު މީހުންނޭވެ. ތިޔަބައި މީހުން ތިބީ އެކންޏެއް ނޫނެވެ. އަހަރަމެން އިންޑިއާ މީހުންވެސް ގަދަކޮށް ތިބާ މެންނާއެކު ތިބީމެވެ!" މިއަށް 3600 ލައިކް ލިބުނެވެ.

އިންޑިއާގެ ބޮޑުވަޒީރާއި ހޯމް މިނިސްޓަރގެ ޓުއިޓަ ހެންޑްލް ފޮލޯކުރާ ހަރްޑިކް ބާވްސަރްގެ 134ހާސް ފޮލޯވަރުން ތިބެއެވެ. އަލްޖަޒީރާއާއި އެސޯސިއޭޓެޑް ޕްރެސް ހިންގި އިމާރާތަށް އިޒްރޭލް ސިފައިން ބޮން އެޅުމުން އެނާ ޓުއީޓް ކުރިއެވެ.

"ހެޕީ ދިވާލީ ލިބަރަލްސް. #އިންޑިއާ ސްޓޭންޑްސް ވިތު އިޒްރޭލް" މިފަދައިންނެވެ. ތިން ހާސް މީހުން މިއަށް ލައިކް ކުރިއެވެ.

އިންޑިއާގެ ނޫސްވެރިޔާ، ރާނާ އައްޔޫބް ލިޔުނު ގޮތުގައި #IndiaStandWithIsrael ހެންޑްލް އަކީ މުސްލިމުންނާ ދެކޮޅަށް އޮންނަ ހަތުރުވެރިކަން ދައްކާ ކަމެކެވެ.

އިޒްރޭލްގެ ތާއީދުގައި ފަލަސްތީނާ ދެކޮޅަށް ޓުއީޓް ކުރިކޮންމެ ހެންޑްލްއަކީ އިންޑިއާގެ ބޮޑު ވަޒީރު ނުވަތަ އޭނާގެ ވެރިން ފޮލޯ ކުރާ ހެންޑްލްތަކެއް ކަމަށް ރާނާ ބުނެއެވެ.

ޑޭޓާއާއި ގަވަރނަންސް އަދި އިންޓަރނެޓާ ބެހޭ ގޮތުން ރިސަރޗް ހަދާ ސްރީނިވާސް ކޮޝަލީ އަލްޖަޒީރާއަށް ކިޔައިދިން ގޮތުގައި "މުސްލިމުންނާ ދެކޮޅަށް އިޒްރޭލަށް ހިތްވަރުދޭ މީހުން ހިތްވަރު ދެނީ އެމީހުންގެ ހިތުގައި މުސްލިމުންނަށް އޮންނަ ނަފްރަތަކުންނެވެ."

މިދިޔަ ތަނުގައި އިންޑިއާއަކީ އާދަވެގެން ފަލަސްތީނުގެ ތާރީޚީ ހައްގަށް ތާއީދުކޮށްފައިވާ ގައުމެކެވެ. އިންޑިއާ އަކީ އަރަބި ނޫން ގައުމަކަށް ޕީއެލްއޯ ބަލައިގަތް ފުރަތަމަ ގައުމެވެ. 1975 ގައި ޕީއެލްއޯގެ އޮފީހެއް ދިއްލީގައި ހުޅުވިއެވެ. 1981 ނޮވެމްބަރު 29 ގައި ފަލަސްތީންގެ ސޮލިޑެރިޓީ ދުވަސް ފާހަގަ ކުރުމަށް އިންޑިއާއިން ހަނދާނީ ސްޓޭމްޕެއްވެސް ނެރުނެވެ. އިންޑިއާގެ ފަލަސްތީނަށް ތާއީދު ކުރާ ޕޮލިސީއަކީ އިންޑިއާ މިނިވަންވުމުގެ ކުރިންވެސް އިންޑިއާގެ މިނިވަންކަމަށް މަސައްކަތް ކުރި ލީޑަރުން ގެންގުޅުނު ޕޮލިސީއެކެވެ.

1938 ގައި މަހާތުމާ ގާނދީ ވިދާޅުވިއެވެ."އިނގިރޭސިވިލާތް އިނގިރޭސިންނަށް އޮންނަ ހެން އަދި ފަރަނސްސޭސިވިލާތް ފަރަންސޭސިންނަށް އޮންނަ ހެން، ފަލަސްތީނަކީ އަރަބިންގެ ތަނެކެވެ."

އިންޑިއާއިން އިޒްރޭލް ދައުލަތަކށް ބަލައި ގަތީ 1950 ގައެވެ. އަދި ސިޔާސީ ގުޅުން ގާއިމް ކުރީ 1992 ގައެވެ. ފަހުން ދިފާއީ ގުޅުން ވަނީ ދެ ގައުމު ދެމެދު ބަދަހި ވެފައެވެ. އިންޑިއާ އަކީ އިޒްރޭލުން އެންމެ ގިނައިން ހަތިޔާރު ގަންނަ ގައުމެވެ. އިޒްރޭލުގެ އުފައްދާ ހަތިޔާރުގެ 46 އިންސައްތަ ބޭރު ވަނީ އިންޑިއާ އަށެވެ.

މޯދީ ވެރިކަމަށް އިސްވެވަޑައިގަތް ފަހުން އިޒްރޭލާ ގުޅުން ވަނީ ބަދަހި ވެގެން ގޮސްފައެވެ. ޖުލައި 2017 ގައި މޮދީ ވިދާޅުވީ ނަތަންޔާހޫއަކީ އޭނާގެ ރަހުމަތްތެރިއެއް ކަމަށެވެ. އިޒްރޭލަށް ވަޑައިގަތް އިންޑިއާގެ ފުރަތަމަ ބޮޑު ވަޒީރަކީވެސް މޮދީއެވެ.

އެތައް ފޮތެއް ލިޔުއްވާފައިވާ ގީތާ ހަރީހަރަން ވިދާޅުވާ ގޮތުގައި ޒައެނިޒަމް އާއި ހިދުތުވާއިން ދުނިޔެ ދެކޭ ގޮތް އެއް ގޮތެވެ. އަދި ބްރޭންޑް އިޒްރޭލަކީ މކިހާރުގެ އިންޑިއާއަށް ފެތޭ އެއްޗެއް ކަމަށް ފެނެއެވެ. އަލްޖަޒީރާ