އިޒްރޭލުން ބިރަކާ ނުލައި ފަލަސްތީނުގެ ގަތުލުއާންމުގައި ބޭނުންކުރާ ހަތިޔާރުތައް ސަޕްލައި ކޮށްދޭ ގައުމުތަކަކީ އިންސާނީ ހައްގަށް ވާހަކަ ދައްކާ ގައުމުތަކެވެ. މީޑިއާއިން އެއްކޮށްފައިވާ މައްލޫމާތުން އެނގޭ ގޮތުގައި މި ގައުމުތަކުން އިޒްރޭލަށް ހަތިޔާރު ދެނީ އެނގިޔިބެގެން ނެވެ. އަދި ކުރީގެ ތަހުގީގުތަކުން އެ ހަތިޔާރުތައް ހަނގުރާމައިގެ ޖަރީމާތައް ކަމަށް ބެލެވޭ ޖަރީމާތަކުގައި ބޭނުންކޮށްފައިވާ ކަން ސާބިތުވާ ހާލުއެވެ.
- ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ
މިލިސްޓްގެ އެންމެ ކުރީގައި ހިމެނެނީ، އިރާގާއި އަފްޣާނިސްތާންގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ އެމެރިކާއެވެ. ސްޓޮކްހޯމް އިންޓަރނޭޝަނަލް ޕީސް ރިސާޗް އިންޓިއުޓް (ސިޕްރީ) އިން ހަތިޔާރު ބަދަލު ކުރާ ގައުމުތަކާ ގުޅޭ ގޮތުން އެއްކޮށްފައިވާ ޑޭޓާބޭސްގައި ވާ ގޮތުން އިޒްރޭލުގެ ހަތިޔާރުގެ 70 އިންސައްތަ އަންނަނީ އެމެރިކާއިންނެވެ.
ޣައްޒާއަށް އަޅާފައިވާ ބޮންތަކަކީ އެމރިކާއިން ދީފައިވާ ބޮންތަކެވެ. ނޫސްވެރިން ވަނީ ފޮޓޯ ހެއްކާއެކު މިކަން ޑޮކިއުމެންޓްކޮށްފައެވެ. އިޒްރޭލް ސިފައިން ހަނގުރާމައިގެ ޖަރީމާތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ އިރުވެސް އެމެރިކާއިން ހުއްޓުމެއް ނެތި ހަތިޔާރު ސަޕްލައި ކޮށްދީފައި ވެއެވެ. ހަނގުރާމައިގެ ޖަރީމާއެއްކަމަށް ޑޮކިއުމެންޓްކޮށްފައިވާ ޣާއްޒާއަށް ދީފައިވާ މަނާ ހަތިޔާރު ފޮސްފަރަސް ބޮމަކީ އެމެރިކާއިން އިޒްރޭލަށް ދީފައިވާ ބޮންތަކެއް ކަމަށް ހިއުމަން ރައިޓްސްއިން ބުނެއެވެ. (2009)
އެމްނެސްޓީ އިންޓަރނޭޝަނަލް އިން ވަނީ ރަފަޙަށް ދިން ހަނގުރާމައިގެ ޖަރީމާ ކަމަށް ބެކެވޭ ހަމަލާގައި އެމެރިކާއިން ދީފައިވާ ހަތިޔާރު ބޭނުން ކޮށްފައި ވެއެވެ. (2014)
ސެނެޓްގެ ޑިމޮކްރޭޓުންގެ ފިއްތުންތަކާ ހެދި، އެމެރިކާގެ ރައީސް ޖޯ ބައިޑެން ހަމަލަތައް ހުއްޓާލުމަށް ގޮވާލި ދުވަހުގެ ކުރީ ދުވަހު 735 މިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން ރުހުން ދެއްވިކަމަށް ވޮޝިންޓަން ޕޯސްޓުން ރިޕޯޓް ކޮށްފައި ވެއެވެ.
ހަތިޔާރަށް ހޭދަކުރުމަށް އިޒްރޭލަށް ކޮންމެ އަހަރަކު އެމެރިކާއިން 3.8 ބިލިއަން ޑޮލަރު ހަދިޔާ ކުރެއެވެ.
- ޖަރުމަންވިލާތް
އިޒްރޭލުގެ ހަތިޔާރުގެ 24 އިންސައްތަ އަންނަނީ ޖަރުމަންވިލާތުންނެވެ. އިޒްރޭލުން ބޭނުން ކުރާ ސަބްމެރީންތަކަކީ ޖަރުމަންވިލާތުން އުފައްދައި ދީފައިވާ ތަކެއްޗެވެ. ޖަރުމަންވިލާތުގެ ޗާންސެލަރ އެންޖެލާ މަރކެލް ވަނީ ހޯމަދުވަހު ނަތަންޔާހޫއަށް ގުޅުއްވައި ގަދަކޮށް ހުންނެވުމަށް ހިތްވަރު ދެއްވައި އިޒްރޭލުގެ ދިފާއުގައި އަޅާ ފިޔަވަޅުތަކަށް ތާއީދު ކުރައްވާފައެވެ.
- އިޓަލީވިލާތް
އިޒްރޭލުގެ ހަތިޔާރުގެ 5.6 އިންސައްތަ ސާމާނު އަންނަނީ އިޓަލީވިލާތުންނެވެ. އިޓަލީން ތަމްރީނާއި ހަތިޔާރު ދޭއިރު އިޒްރޭލުގައި އުފައްދާފައިވާ ބައެއް ހަތިޔާރު އިޓަލީން ގަނެއެވެ.
ޝެއިޚް ޖައްރާހް އަވަށުން މީހުން ބޭރުކުރުމަށް އިޒްރޭލުން ކުރި މަސައްކަތަށް ފާޑުކިޔާފައިވާ ޔޫރަޕްގެ ގައުމުތަކުގެ ތެރޭގައި އިޓަލީ ހިމެނެއެވެ. ނަމަވެސް އިޓަލީން ހަތިޔރު ފޮނުވައި ދިނުން ހުއްޓައެއް ނުލައެވެ.
މިހާރު ހިނގަމުންދާ ހަމަނުޖެހުމުގެ ތެރޭގައި އިޓަލީގެ ލިވަރްނޯގައި އޮތް ބޯޓެއްގައި އިޒްރޭލަށް ހަތިޔާރު އުފުލާން އުޅޭކަމަށް ޕޯޓްގެ މަސައްކަތު މީހުންނަށް އެނގުމުން އެމީހުން ވަނީ އެބޯޓަށް ހަތިޔާރު ލޯޑް ނުކުރާނެ ކަމަށް ބުނެފައެވެ.
- އިނގިރޭސިވިލާތް
އިނގިރޭސި ސަރުކާރުން ހިންގާފައިވާ ތަހްގީގުތަކުން އެނގިފައި ވަނީ ހަނަގުރާމައިގެ ޖަރީމާތައް ކަމަށް ބެލެވޭ ޖަރީމާތައް ހިންގުމުގައި އިނގިރޭސިވިލާތުގެ ހަތިޔާރު އިޒްރޭލުން ބޭނުން ކޮށްފައިވާ ކަމަށެވެ. އިޒްރޭލުގެ ހަތިޔާރު އުފައްދާ ކުންފުނިތަކުން އިނގިރޭސިވިލާތުގައި ވެސް ހަތިޔާރު އުފައްދައެވެ.
2009އަދި 2010ގެ ތަހުގީގެއްގައި އެނގިފައި ވަނީ އިނގިރޭސިވިލާތުގެ 12 ލައިސަންސެއްގެ ދަށުން އުފައްދާފައިވާ ތަކެތި ފަލަސްތީނު މީހުންނާ ދެކޮޅަށް އިޒްރޭލުން ބޭނުން ކޮށްފައިވާ ކަމަށެވެ.
އިޒްރޭލުން ހަމަލާތަކުގައި ބޭނުން ކުރާ މަތިންދާ ބޯޓާއި ޑްރޯންއާއި ވަޒަން ތަކާއި ބޮމާއި މިސައިލް ތަކަކީ އިނގިރޭސިވިލާތުން އުފައްދައި ސަޕްލައިކޮށްދީފައިވާ ތަކެއްޗެވެ.
- ކެނެޑާ:
ކެނެޑާ އިން އިޒްރޭލަށް އެކްސްޕޯޓް ކުރަނީ އެގައުމުގެ ހަތިޔާރުގެ 0.3 އިންސައްތަ ހަތިޔާރެވެ. ކެނެޑާގެ ނިއު ޑިމޮކްރެޓިކް ޕާޓީގެ ޖަގްމީޓް ސިންގ ގޮވާލާފައި ވަނީ ކެނެޑާއިން އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށެވެ.
ދަ ގްލޯބް އެންޑް މެއިން ނޫހުން ބުނެފައިވާ ގޮތުގައި 2019އާ ހަމައަށް އިޒްރޭލަށް ކެނެޑާއިން 13 މިލއަން ޑޮލަރުގެ ހަތިޔާރު ވިއްކާފައި ވެއެވެ.
މި މަޢްލޫމާތުގެ އަލީގައި ދޭހަވަނީ، ހަތިޔާރު ވިއްކާ ގައުމުތަކުގެ މުދާ ހަނގުރާމައަށް ބޭނުން ކުރުމުން ވިޔަފާރި އިތުރުވެ ތިޔާގި ވާނެ ކަމެވެ. އެހެންވެ، އިޒްރޭލަށް ހަތިޔާރު ވިއްކާ މިއިން ގައުމަކުން ބޭނުންވާ ވަރުގެ ފައިދާއެއް ނުލިބެނީސް ހަމަލަތައް ހުއްޓާލުމަށް ގޮވާލާނެ ކަމަށް ބެލުމަކީ މޮޔަ ކަމެވެ. މި ގައުމުތަކަށް އިންސާނީ ހައްގަކީ ސިޔާސީ ހަތިޔާރެކެވެ. ޗައިނާއާ ދެކޮޅަށް މިހާރު އެ ބޭނުން ކުރަނީ މިހަތިޔާރެވެ.