ޙަމާސްއާއި އިޒްރޭލާ ދެމެދު މިސްރު މެދުވެރިވެގެން ހަމަލާތައް ބަދަލު ކުރުން ހުއްޓުވުމަށް ކުރި މަސައްކަތުގައި ޓީވީ ސްކްރީންތަކުން ގެއްލުނީ އިޒްރޭލްގެ ބޮޑު ވަޒީރު ނަތަންޔާހޫއެވެ. ފެނިގެން ދިޔައީ ޙަމާސްގެ އަސްކަރީ ގޮފި އިއްޒުއްދީން ޤައްސާމް ބްރިގޭޑްގެ ތަރުޖަމާން އަބޫ ޢުބެއިދާއެވެ.
އދ. ގެ އާންމު މަޖިލީހުގައި ޕާކިސްތާންގެ އެދުމަށް ބާއްވާފައިވާ ޖަލްސާގައި ބަރިބަރިއަށް ގައުމުތަކުގެ ޚާރިޖީ ވަޒީރުން ވާހަކަ ދައްކަވައި އިޒްރޭލުގެ އިދިވާން ކުށްވެރިކޮށް، އަޕަރތައިޑާއި ޖެނޮސައިޑްގެ އަމަލުތަކެއް ކަމަށް ސިފަކޮށް ނިމުނުތަނާ އިރުކޮޅެއްގެ ތެރޭގައި ހަމަލަތައް ހުއްޓާލުމަށް އެއްބަސްވި ކަމަށް އިޒްރޭލުން ހާމަ ކުރިއެވެ.
އދ. ގެ އާންމު މަޖިލީހުގައި އިޒްރޭލްގެ އުދުވާނާ ދެކޮޅަށް ގައުމުތަކުން އަޑު އުފުލި އިރު އިޒްރޭލުގެ ދޯސްތު، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ހިލަމެއް ނުވާކަން ފާހަގަ ކޮށްލަން ޖެހެއެވެ.
މިވާހަކަ އަމަލީ ގޮތުން ތަންފީޒު ކުރުމަށް ނުފެށެނީސް އިޒްރޭލުގެ ކަނާތުފިޔައިގެ މީހުންގެ ފަރާތުން އިޒްރޭލުގެ ސަރުކާރުގެ ނިންމުމަށް ބަހުގެ ހަމަލަތައް އަމާޒު ކުރިއެވެ. ނަތަންޔާހޫއަށް ފާޑުކިޔަމުން ދިޔަ މީހުންގެ މައްސަލައަކީ ކާމިޔާބީއެއް ނެތި، "ޝަރުތަކާ ނުލައި" ހަމަލަތައް ހުއްޓާލުމެވެ. އަދި މިއީ ހަމާސަށް ލިބުނު ކާމިޔާބީއެއް ކަމަށާއި "ލަދުވެތި ކަމެއް" ކަމަށް ކަނާތުފިޔައިގެ ސިޔާސީ ޕާޓީތަކުން ސިފަ ކުރިއެވެ.
މިފާޑު ކިޔުންތަކާއެކު ނަތަންޔާހޫ ޓީވީ ސްކްރީންތަކުން ގެއްލުނެވެ. އިޒްރޭލުގެ 11 ދުވަހުގެ ހަމަލަތަކުގައި ކޮންމެ ދުވަހަކުހެން ޓީވީން އަބަދުވެސް ނަތަންޔާހޫ ފެނިގެން ދިޔައެވެ. އޭނާ ސިފަ ކުރަމުން ދިޔައީ ޙަމާސްއާ ދެކޮޅަށް އިޒްރޭލުން އަސްކަރީ ގޮތުން ކާމިޔާބީ ހޯދަމުންދާ ކަމަށެވެ.
ސުންގަޑި ކައިރިވަމުން ދިޔައިރު ޙަމާސްއިން ނުކިއްސަރު ގޮތަކަށް އަމަލުކޮށްފާނެ ކަމަށް ބަލައި ނަތަންޔާހޫ ހުރީ ދިފާއީ ވަޒީރު ބެނީ ގެންޓްސްއާއި އެހެން އަސްކަރީ ލީޑަރުންނާއެކު ޑިފެންސް މިނިސްޓްރީގެ ކޮންޓްރޯލް ރޯމްގައެވެ. ހަމަލަތައް ނިންމުމާއެކު ފަލަސްތީނު މީހުން އުފާފާޅުކުރުމަށް މަގުތަކަށް ނިކުތުމުން އިޒްރޭލަށް ލިބިގެން ދިޔައީ ސިހުމެކެވެ. ހިތްވަރު ބަލިކޮށް ނުލެވުމުންނެވެ.
ނަތަންޔާހޫ ބުނަމުން ދިޔަ "ހަމާސްގެ ރޮކެޓް ފޮނުވުމުގެ ކުޅަދާނަކަމަށް ވަރުގަދަ ހަމަލައެއް ދީފައިވާނެ" ކަމަށް ބުނާ ވާހަކަ އިޒްރޭލު މީހުންނަކަށް ގަބޫލެއް ނުކުރެވުނެވެ.
ނަތަންޔާހޫ އިސްކިރީންތަކުން ފިލައިގެން ގޮސް އަބޫއުބެއިދާ ފެނުމުން، އިޒްރޭލު ކަނާތު ފިޔައިން ބުނެފައިވަނީ ސަރުކާރެއް އެކުލަވާލުމަށް ނަތަންޔާހޫއަށް ތާއީދު ކުރުމާ ދޭތެރޭ ވިސްނަން ޖެހޭނެ ކަމަށެވެ. ޝަރުތަކާ ނުލައި ހަމާސްއާއެކު ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމުން ކަނާތުފިޔައިން ބަލަނީ ނަތަންޔާހޫ ހަމާސްއަށް ދޫތަކެއް ދިނީ ކަމަށެވެ.
އިޒްރޭލުގެ ކަނާތުފިޔައިގެ ޒަޔަނިސްޓް ބްލޮކްގެ ފަރާތުން ފޭސްބުކްގައި ބެޓްސްލީލް ސްމޯޗަރރް ލިޔެފައި ވަނީ "ގުދުސްއާއި ރޯން ޔަހޫދީން ތިބޭ ފާރުގެ މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކަން އޮތްނަމަ ސަރުކާރެއް އެކުލަވާލުމަށް ތާއީދު ލިބޭނެ ކަމާމެދު ނަތަންޔާހޫ ހަނދާން ނައްތާލަންވީ" ކަމަށެވެ. އަދި ހަމާސްއާއެކު ގުދުސްއާ ބެހޭ ގޮތުން ވާހަކަ ދައްކަނީނަމަ އެފަދަ ސަރުކާރަކާއެކު ނީށީންނާނެ ކަމަށްވެސް އޭނާ ލިޔުނެވެ.
އޭނާގެ ފިކުރު ހިއްސާކުރާ ކެނީސެޓްގެ މެމްބަރު އީޓްމާރް ބެން ޣާފިރް ބުނީ ހަމަލަތައް ބަދަލު ކުރުން ހުއްޓާލުމަކީ "އިޒްރޭލުގެ ދެކުނުގެ ރައްޔިތުންގެ މޫނަށް ކުޅުޖެހުން ފަދަ ކަމެއް" ކަމަށެވެ.
ނިއުހޯޕް ޕާޓީގެ ޖަދްއޫން ސާއިރް ވެސް ބުނެފައި ވަނީ ހަމާސްއާއެކު ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމަކީ އިޒްރޭލުގެ ދިފާއަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށެވެ.
އިޒްރޭލުގެ ދުވަހު ނޫސް ޔަދީއޯތު އަހުރަނޯތު އިން ބުނެފައި ވަނީ ހަމާސްއާއެކު ހަމަލާތައް ހުއްޓާލުމަށް ނިންމި ނިންމުމަކީ، ކުރިމަގުގައި ބޮޑު އަގެއް އިޒްރޭލުން ދައްކަން ޖެހޭނެ ކަމެއް ކަމަށެވެ. އަދި ޝަރުތަކާ ނުލައި ހަމަލަތައް ހުއްޓާލުމަށް އެއްބަސްވުމަކީ ލަދުގަންނަން ޖެހޭފަދަ ކަމެއް ކަމަށް ސާއިރު ބުންޏެވެ.
އަވަރ ރައިޓް ޕާޓީގެ ނަފްޓާލީ ބެނެޓް ޓުއިޓާގައި ބުނިގޮތުގައި ސީދްރޯތަށް ޖެހުނީ ޓެލްއަވީވަށް ޖެހުނު ހާލު ކަމަށެވެ. ހަމަލަތައް ނިންމާލި އިރު ހާނީއްކަވި ސިފައިންނާއި (ޔަހޫދީ) މަދަނީން އަދިވެސް ތިބީ ޣައްޒާގައެވެ. އަދި ގެއްލިފައިވާ (ޔަހޫދީ) މީހުންގެ ވީނުވީއެއް އަދިވެސް ނޭނގޭ ކަމަށެވެ.
ސީދްރޯތުގެ މޭޔަރ ނަތަންޔާހޫގެ ލިކޫދް ޕާޓީގެ އޭލޯން ޑޭވިޑް ބުނިގޮތުގައި ނަތަންޔާހޫގެ ނިންމުމުން ދޭހަވަނީ ހަމާސް ނައްތާލާކަށް ބޭނުމެއް ނުވާކަމަށެވެ.
އިޒްރޭލުގެ ޗެނަލް 12އާ ވާހަކަ ދައްކަމުން ރިޒާވް ފޯސްގެ މީހަކު ބުނީ ވަގުތުން ހަމަލަތައް ހުއްޓިދާނެ ކަމަށެވެ. އެކަމަކު މި ހާލަތު ދެމިއޮންނާނީ ކިހާ ވަގުތަކުކަން ނޭނގޭ ކަމަށެވެ.
ހަމާސްއިން ބުނެފައިވަނީ އިސްތިއުމާރީ ބާރުން އެއްވެސް ފިޔަވަޅެއް ފަލަސްތީނު މީހުންނާ ދެކޮޅަށް އަޅައިފިނަމަ ވަގުތުން ހަމަލަތައް ފަށާނެ ކަމަށެވެ.
ރިޒާވް ފޯސްގެ މީހާ ބުނިގޮތުގައި ކޮންމެ ހަނގުރާމައެއް ނިމޭއިރުވެސް ހަމާސް އޮންނަނީ ކުރިއަށް ވުރެން މަގްބޫލުވެ، ބާރުގަދަ ވެފައެވެ.
އިޒްރޭލްގެ ޗެނަލް 13 އާ ވާހަކަ ދައްކަމުން މިލިޓަރީ ކޮރެސްޕޮންޑެންޓް އޯރް ހީލަރ ބުނީ، އިޒްރޭލަކަށް ހަމާސް ބަލި ނުކުރެވުނު ކަމަށެވެ. އަދިވެސް ހަމާސްގެ އަތުގައި ދިހަ ހާސް ރޮކެޓް އޮންނާނެ ކަމަށް އޭނާ ބުންޏެވެ. އަދި ފަލަސްތީން މީހުންގެ އުފާފާޅުކުރުމާއި އިޒްރޭލު މީހުން ބޮނދައިގެން ތިބުމުން އެނގިގެން ދަނީ މި ހަނގުރާމައިގައި ކާމިޔާބުވީ ކާކަށްކަން ސާފު ކޮށް އެނގޭ ކަމަށެވެ.
އޭނާ ބުނެފައި ވަނީ ހަމާސް ބަލި ކުރެވުނުކަމަށް އިޒްރޭލުން ބުނާ އިރު ހަމާސްއިން ވަނީ ޓެލްއަވީވްއާ އަދި އެއަށްވުރެން ދުރަށް ވެސް އެމީހުންގެ ރޮކެޓް ހަމަލަތައް ފޮނުވާފައެވެ.