ޗައިނާގެ އިންޓަރނެޓް ރެގިއުލޭޓް ކުރާ އިދާރާއިން ބުނިގޮތުގައި އެގައުމުގައި އޮޕަރޭޓް ކުރާ އެޕްތަކުގެ ތެރެއިން 102، ސިއްރުން ޑޭޓާ އެއްކުރާ ކަމަށާއި އަދި އިތުރު 105 އެޕަކުން މީހުންގެ މަޢްލޫމާތު އެއްކުރަމުން ދާކަމަށެވެ. އަދި މި ކުންފުނިތަކަށް އަންގާފައި ވަނީ އެކަން ރަނގަޅުކުރުމަށެވެ.

ސައިބަރ ސްޕޭސް އެޑްމިނިސްޓްރޭޝަން އިން މި އެންގުން އެންގި ކުންފުނިތަކުގެ ތެރޭގައި މައިކްރޯސޮފްޓާއި ޗައިނަގެ ބައިޓްޑާންސަ ހިމެނެއެވެ.

މައިކްރޯސޮފްޓްގެ ބިންގއާއި ލިންކްޑްއިން ލިސްޓްގައި ހިމެނެއެވެ.

ސައިބަރސްޕޭސް އެޑްމިނިސްޓްރޭޝަނުން ބުނިގޮތުގައި ކުންފުނިތަކުން މި މައްސަލަ 15 ދުވަސްތެރޭގައި ހައްލު ކުރަން ޖެހެއެވެ. ނޫންނަމަ ކުންފުނިތަކާ ދެކޮޅަށް ގާަނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

ޗައިނާއިން އަޅާ މިފިޔަވަޅާ ބެހޭ ގޮތުން ސައިބަރ އިދާރާއިން ވާހަކަ ދައްކާއިރު ޗައިނާ ސަރުކާރުންވެސް ދަނީ މީޙުންގެ ޒާތީ މަޢްލޫމާތު އެއްކުރަމުންނެވެ. އަދި ޝިންޖިއާންއާއި އެހެން ސިޓީތަކުގައި ފާރަވެރި ކެމެރާތައް ބަހައްޓައިގެން މީހުންގެ ބޯކޮޅު ބަލަމުންދާ ކަމަށް ތުހުމަތު ކުރެވެއެވެ.

އެޕްތަކުން މީހުންގެ ޒާތީ މަޢްލޫމާތު އެއްކުރާނެ ގޮތް ގާނޫނުގައި ބަޔާންކޮށްފައި ވަނީ މެއި މަހުގެ 1ވަނަ ދުވަހުން ފެށިގެންނެވެ.

މީގެ ކުރިން މި އިދާރާއިން އަލިބާބާއާއި ޓެންސްންޓަށް އަންގާފައިވަނީ މީހުންގެ ރުހުމާނުލައި އެކުންފުނިތަކުގެ އީކޮމާސް ސޮފްޓްވެއަރތަކުން މީހުންގެ މަޢްލޫމާތު އެއް ނުކުރުމަށެވެ.