އިއްޔެއަކީ ބޮލީވުޑްގެ އެކްޓަރެސް ކްރިތީ ސެނޮން ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރަން ފެށިތާ 7 އަހަރު ފުރިހަމަކުރި ދުވަހެވެ. އޭނާގެ އެންމެ ފުރަތަމަ ފިލްމް ހީރޯ ޕަންތީ ރިލީޒްވީ ވެސް އިއްޔެވެ.

އުމުރުން 30 އަހަރުގެ ކްރިތީ އަކީ މިވަގުތު މި އިންޑަސްޓްރީގެ ބަތަލާއިންގެ ތެރެއިން އެންމެ މަގުބޫލުއެއް ބަތަލާއެވެ. މިއިން ދައްކުވައިދެނީ ކުޑަ މުއްދަތެއް ތެރޭގައި ކްރިތީ މި އިންޑަސްޓްރީގައި ކުރިއަރާފައިވާ ވަރެވެ.

ކުރިއަށް ހުރި އޭނާގެ ފިލްމުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ކްރިތީ ބުނެފައިވަނީ އެކްޓަރެއްގެ ހައިސީއްޔަތުން ތަފާތު ރޯލްތައް ކުޅެ ތަޖުރިބާތައް ހޯދަން އޭނާ އަބަދުވެސް ވަރަށް ފޯރިހުންނަ ކަމަށެވެ. އޭނާއަށް މިހާރުވެސް ތަފާތު ރޯލްތައް ކުޅެން ފުރުސަތު ލިބޭތީ އޭނާއަކީ ވަރަށް ނަސީބުގަދަ މީހެއް ކަމަށްވެސް ކްރީތީ ބުނެއެވެ.

"މިއީ ވަރަށް ޗެލެންޖިން ކަމެއް އެކަމަކު ވަރަށް ހިތްހަމަވެސް ޖެހޭ. އަހަރެން އުއްމީދުކުރަނީ އެންމެންވެސް އަހަރެންގެ މަސައްކަތާއި މެދު ހިތްހަމަ ޖެހުން. އަހަރެން މިހާރު މިހިރީ އަހަރެންގެ ކެރިއަރުގެ ގެ އެންމެ އެކްސައިޓިން ފޭސްގައި ހަމަ ޔަގީނުންވެސް،" ކްރީތީ އިތުރަށް ބުނެފައިވެއެވެ.

ޑިމްޕީ، އިޝިތާ، ޕާރްވަތީ ބައި، ރަޝްމީ އަދި މީނޫން ވެސް ހަނދާނުން ފޮހެލަން ދަތި އެތަކެއް ކެރެކްޓާސް ތަކުގެ ރޯލު ކުޅޭ ކްރީތީވަނީ ބެލުންތެރިންގެ ހިތްއަތުލާފައިއެވެ.

ކްރީތީގެ ކުރިއަށް ހުރި ފިލްމުތަކުން ވެސް މިފަދަ އެތަކެއް ޝައުގުވެރި ކެރެކްޓަރސްގެ ރޯލް އަދާ ކުރާނެކަމަށް ގަބޫލު ކުރެވެއެވެ. މީގެ އިތުރުން ބިރުވެރި ފިލްމަކުން ފުރަތަމަ އޭނާ ފެނިގެންދާނީ ބެޑިޔާއިން ނެވެ. އެ ފިލްމުން ކްރިތީގެ އިތުރުން ވަރުން ދަވަންވެސް ފެނިގެންދާނެއެވެ.

މީގެ އިތުރުން މީމީ ކިޔާ ފިލްމަކުންވެސް ކްރިތީ ފެނިގެން ދާނެއެވެ. އެ ފިލްމުގައި އޭނާ އަދާކުރަނީ މަންމައެއްގެ ރޯލްއެވެ. ބައްޗަން ޕާންޑޭއިން އަކްޝޭ ކުމާރާއެކުވެސް ފެނިގެންދަނީ ކްރިތީ ސެނޯންއެވެ. އަދި ހަމައެހެންމެ ކޮމްޑީ ފިލްމު ހަމް ދޯ ހަމާރޭ ދޯ އިން ރާޖްކުމާރު ރާއު އާއެކީވެސް ފެނިގެންދަނީ ކްރިތީ ސެނޮން އެވެ.

ބޮލީވުޑްގައި 7 އަހަރު ފުރިހަމަކޮށްފައިވާއިރު އޭނާވަނީ ރާބްތާ ،ލުކާ ޗުޕީ ، ދިލްވާލޭ އަދި ހައުސްފުލް 4 ފަދަ ގިނަ ފިލްމުތަކުން ބެލުންތެރިންނަށް އޭނާގެއެކްޓިންގެ ހުނަރު ދައްކާލާފައިއެވެ.