އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ދިން އުދުވާނީ ހަމަލާތަކާ ގުޅިގެން އިޒްރޭލު ރައްޔިތުން ނަފްސާނީ އެހީތެރިކަން ގިނަ އަދަކަށް ހޯދި ކަމަށް އިބްރީ ނޫހަކުން ބުނެއެވެ. ޔަދީއޯތު އަހްރަނޯތު ނޫހުން ބުނިގޮތުގައި މިހަމަލާތަކާ ގުޅިގެން ދިހަ ހާސް މީހުން ފޯނުގެ ޒަރީއާއިން ނަފްސާނީ އެހީތެރިކަން ހޯދި ކަމަށެވެ. ނަފްސީ އެހީދޭ އިޒްރޭލުގެ އީރާން ޖަމުއިއްޔާއިން ބުނިގޮތުގައި މިއީ އާދަވެގެން އެހީހޯދާ ނިސްބަތަށް ވުރެން ދެ ގުނަ އިތުރު އަދެކެވެ.
ނޫހުން ބުނިގޮތުގައި 30 އިންސައްތަ މީހުން ކޮންސަލްޓޭޝަނަށް އެދުނީ ހަމާސްގެ ރޮކެޓް ހަމަލަތަކަށް، ބިރުވެރިކަމެއްގައި އުޅެން ޖެހުމުންނެވެ.
ފަލަސްތީނުން ދިން ހަމަލަތަކާ ގުޅިގެން އިޒްރޭލަށް ނޭދެވޭ ބޮޑެތި އަސަތުތަކެއް ކޮށްފައިވާ ކަމަށް މިޑިލްއީސްޓް އައި އިންވެސް ރިޕޯޓް ކޮށްފައި ވެއެވެ. އެމްއީ އިން ބުނިގޮތުގައި މިހަމަލާތަކާ ގުޅިގެން އިޒްރޭލު ބޮޑު ވަޒީރު ނަތަންޔާހޫއާ ދެކޮޅުވެރިކަން ވަނީ އިތުރު ވެފައެވެ.
އިޒްރޭލުގެ ހާރއާރޓްސް ނޫހުގެ އެޑިޓަރ އަލޫފް ބެން ބުނިގޮތުގައި މިފަހަރު އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާއަކީ އިޒްރޭލުގެ މިލިޓަރީ އޮޕަރޭޝަންގެ ތާރީޚްގައި ދިން އެންމެ ނުރަނގަޅު ހަމަލައެވެ. އޭނާ ބުނިގޮތުގައި އިޒްރޭލުން މިކަމަކަށް ތައްޔާރު ވެފައެއް ވެސް ނެތެވެ.
ހަމަލަތައް ހުއްޓާލުމާ ބެހޭ ގޮތުން އިޒްރޭލު މަސްއޫލުވެރިން ވާހަކަ ދެއްކުމުން ސިފައިން ވަނީ އިތުރު އަމާޒުތަކަށް ހަމަލަތައް ދިނުމަށް ހުއްދައަށް އެދިފައެވެ. މިއިންވެސް ދެފަރާތުގެ ވިލަރެސް ކުރުމުގައި ދެބަސްވުންތަކެއް އުޅޭކަން ހާމަވެގެން ގޮސްފައި ވެއެވެ.
މީގެ އިތުރުން އިޒްރޭލު ސަރުކާރާއި ފުލުހުންނާ ދޭތެރޭވެސް ދެބަސްވުންތަކެއް އުފެދިފައި ވެއެވެ. އިޒްރޭލު ޕޮލިސް ކޮމިޝަނަރ، ގޮވާލާފައި ވަނީ އިޒްރޭލާއި އަރަބިން އިޒްރޭލުގެ ސިޓީތަކުގައި ގުޅިގެން އުޅުމަށެވެ. އަދި އޭނާ ބުނެފައި ވަނީ "މިފަހަރު ސިޓީތަކުގައި ބަދަލުކޮށްފައިވާ ހަމަލަތަކުން ދެ ބައި މީހުންގެ ތެރޭގައިވެސް ޓެރަރިސްޓުން ތިބިކަން ފާހަގަ ވެއެވެ."
ޕޮލިސް ކޮމިޝަނަރގެ މިވާހަކަތަކާ ގުޅިގެން އިޒްރޭލުގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރ އަމީރް އޯހާނާ ވަނީ އެ ވާހަކަތައް ކުށްވެރިކޮށްފައެވެ.
ނަތަންޔާހޫއަށް ސަޕޯޓްކުރާ އިޒްރޭލް ހަޔޫން ނޫހުން ޕޮލިސް ކޮމިޝަނަރ ސިފަކޮށްފައި ވަނީ ވާތު ފިޔައިގެ މީހެއްގެ ގޮތުގައެވެ.
މުހައްލިލުން ބުނާ ގޮތުގައި މިހާރުގެ ހާލަތުން އިޒްރޭލުގެ ސިފައިންގެ ތެރޭގައި ހިތްހަމަ ނުޖެހުން އުފެދޭކަމަށް މާގިނަ ވަގުތެއް ނުނަގާނެއެވެ. އިޒްރޭލު ސިފައިންގެ ތެރޭގައި އުފެދޭ ހިތްހަމަ ނުޖެހުން ތަރުޖަމާ ވެގެންދާނީ ބިރަކާ ނުލައި އެމީހުން ފަލަސްތީން މީހުންނަށް ދޭ ހަމަލާތަކަށެވެ.
2016 ހާ ތާނގައި ޚަލީލް އަވަށުގައި އަބްދުލްފައްތާހް އައްޝަރީފް ދަންޖައްސާލި އިޒްރޭލު ސިފައިންގެ މީހާ، އީލޯން އަޒާރިއާއަށް އިއްވީ ހަ އަހަރުގެ ޖަލު ހުކުމެކެވެ. މިއިން އިޒްރޭލު ސިފައިންނަށް އަންގާދީފައި ވަނީ ފަލަސްތީން މީހަކު މަރާލައިގެން ބޮޑު ހުކުމެއް ނާންނާނެ ކަމެވެ.
އިޒްރޭލުގެ ސިޓީތަކުގައި މާޝައްލޯ އިއްލާން ކުރުމުން އެ ސިޓީތަކާއި ޣައްޒާއާއި ހުޅަނގު އައްސޭރީގައި ސިފައިން ވަނީ ބޭތިއްބިފައެވެ. ލުބުނާންއާ ކައިރި ސަރަހައްދުތަކުގައިވެސް އިތުރު ސިފައިން ބޭތިއްބިފައި ވެއެވެ. މާނައަކީ އިތުރު ގަޑިތަކުގައި މަދު ބަޔަކު ޑިއުޓީ ކުރަމުން ދިއުމެވެ.
އިޒްރޭލުގެ މޮބައިލް ކުންފުނި، ސެލްކޮމް އިން އިޒްރޭލުގެ އުދުވާނުގެ ސަބަބުން އަނިޔާ ލިބުނު މީހުންނާ ދެކޮޅަށް ހަމްދަރްދީ ފާޅު ކުރުމުން މީހުން ވަނީ އެކުންފުންޏާވެސް ޖައްސާލާފައެވެ. ހައްދުފަހަނައަޅާފައިވާ ކަނާތު ފިޔާގެ މީހުން ވަނީ ބޯއިކޮޓް ކުރަން ގޮވާލާފައެވެ. ސެލްކޮމްގެ ހިއްސާގެ އަގުވެސް ވަނީ ވެއްޓިފައެވެ.
އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ދިން ހަމަލަތަކުގައި އިޒްރޭލުގެ މުއައްސަސާތަކުގެ އަގު ވެއްޓިފައިވާ ކަމަށްވެސް މިނިވަން ޚިޔާލުގެ މީހުން ބުނެއެވެ. އޭގެތެރޭގައި ފުލުހާއި މީޑިއާއާއި ޖުޑިޝަރީ ސިވިލް ސޮސައިޓީ ހިމެނެއެވެ.
މި މީހުން ބުނާ ގޮތުގައި އިޒްރޭލުގެ އަމަލުތަކުން ސާބިތުވަމުން ދަނީ އިޒްރޭލްގެ ކުރީގެ ބޮޑު ވަޒީރު ޔަހޫދު އޯލްމާތު 2020 ޖުލައި ގައި ޖެރޫސަލަމް ޕޯސްޓްގައި ބުނެފައިވާ ވާހަކައިގެ ތެދުކަމެވެ. އޯލްމާތު ބުނެފައި ވަނީ އިޒްރޭލު މިހާރު ނަސްލީތަފާތު ކުރުމުގެ ސިޔާސަތު ގެންގުޅޭ އަޕަތައިޑް ޚުދު މުޚުތާރު ފެސިސްޓް ވެރިކަމަށް ބަދަލުވެފައިވާ ކަމަށެވެ.
ނަތަންޔާހޫ ވެރިކަމުގެ ބޭނުގައި ފަލަސްތީނާ ދެކޮޅަށް ހިންގި ހަމަލަތަކުން އަދި ދައްކަނީ ލިބުނު ފައިދާއަށް ވުރެން އިޒްރޭލަށް ލިބުނު ގެއްލުން މާބޮޑު ކަމަށެވެ.