ޔޫރަޕްގެ މަސްއޫލުވެރިންނާއި މުއައްސަސާތަކާ ދެކޮޅަށް އަޅާފައިވބާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާނުލައި، ޗައިނާއިން ބޭނުން ވަނީ ޔޫރަޕުން ޗައިނާއާއެކު މަޝްވަރާއަށް އިށީންނާށެވެ. ޔޫރަޕްގެ ޕާލަމެންޓުން ޝަރުތުކޮށްފައިވާ ގޮތުގައި ޗައިނާއާއެކު މިނިވަން ވިޔަފާރީގެ ވާހަކަ ދެއްކޭނީ ޗައިނާއިން ޔޫރަޕްގެ މުއައްސަސާތަކާއި މީހުންނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލައިގެންނެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ވިދާޅުވެފައި ވަނީ ޗައިނާއާއި ޔޫރަޕްގެ ގުޅުން ހީނަރުވުމުގެ އަސްލަކީ ޔޫރަޕް ކަމަށެވެ.

ޝިންޖިއާން ގައި ޗައިނާއިން ހިންގާ އަމަލުތައް ޔޫރަޕުން ވަނީ ކޮށްވެރިކޮށްފައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކާއި އދން ބުނާ ގޮތުގައި މިލިއަން މުސްލިމުން ޝިންޖިއާންގައި ޗައިނާއިން ބަންދުކޮށްގެން ގެންގުޅެއެވެ. އަންހެނުން ރޭޕް ކުރާ ކަމަށާއި މީހުން ލައްވައި ގަދަކަމުން މަސައްކަތް ކުރުވާ ކަމަށްވެސް ތުހުމަތު ކުރެއެވެ.

ޗައިނާއިން ދަނީ މި ވާހަކަތަކަށް ރައްދުދީ މިކަން ދޮގު ކުރަމުންނެވެ.

ޗައިނާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ޔޫރަޕްގެ މަސްއޫލުވެރިންނާއި މުއައްސަސާތަކަކީ މި ވާހަކަ ދެއްކައި ބަޔާން ދީފައިވާ ފަރާތްތަކެވެ.

ޗައިނާއިން ބުނާ ގޮތުގައި މިފަދަ ވާހަކަތަކުން ޗައިނާގެ ދާޚިލީ ކަންކަމާ ބެހެވެނީއެވެ. އަދި މިއީ ބައިނަލްއަގްވާމީ ގާނޫނު މަނާކުރާ ކަންކަން ކަމަށެވެ.

ޗައިނާގެ ފިޔަވަޅުތައް އުވައި ނުވިކަމުގައި ވިއަސް ޔޫރަޕުން ޗައިނާއާ ވާހަކަ ދެއްކުމާއި ވިޔަފާރީގެ ގުޅުން ރަނގަޅު ކުމަކީ ޗައިނާއިން ބޭނުންވާ ކަމެކެވެ.

ޝިންޖިއާންގައި ޗައިނާ އިން ގެންގުޅޭ ސިޔާސަތާއެކު ޝިންޖިއާންގެ ކަފައާއި ޝިންޖިއާންގެ ޓޮމާޓޯ ގަތުންވެސް ގައުމުތަކުން ވަނީ ހުއްޓާލާފައެވެ. މިއިން ކަމަކާ ގުޅިގެން ޗައިނާއަށް ފާޑުކިޔައިފި ކުންފުންޏެއް ނަމަ އެފަރާތަކާ މެދު ޗައިނާއިން މީސްމީޑިއާގައި މީހުން ލައްވައި ފިއްތުންތައް ކުރިމަތި ކުރުވައި ހަދައެވެ.