އިންޑިއާއާއި ރަޝިއާއަކީ ވަރަށް ތޮބީއީ ދެ ބައިވެރިންނެވެ. ފިނިހަނގުރާމައިގެ ޒަމާނުގެ ވަރަށް ގާތް ދެގައުމެވެ. އަސްކަރީ ގޮތުން އެމެރިކާއަށް ވުރެން އިންޑިއާއާ އެއްމެ ގާތް ގައުމަކީ ރަޝިޔާއެވެ. ޗައިނާއިން އިންޑިއާއަށް ކުރިމަތިވާ ނުރައްކާތެރިކަމުގެ ސަބަބުން އިންޑިއާ ވަނީ އާދަޔާ ޚލާފް ގޮތަކަށް މިފަހަކަށް އައިސް އެމެރިކާއާ ގާތް ވެފައެވެ.
އިންޑިއާއާއި ރަޝިޔާގެ ގުޅުމުގެ މުސްތަގްބަލު އަދިވެސް އޮތީ ބައްޓަން ވުމެއްގައެވެ. ޗައިނާ ވަނީ ރަޝިޔާއާއެކު އާޔދާ ޚިލާފް ރަނގަޅު ގުޅުމެއް އުފައްދައި ގާތް ވެގެން ފައެވެ.
އިންޑިއާއިން އެމެރިކާއާ ގުޅިގެން ހަތަރު ގައުމުގެ އިއްތިހާދެއް ހެދުމަކީ ރަޝިޔާއިން އެންމެ ގަޔާވާ ކަމެއްވެސް ނޫނެވެ. އަދި ރަޝިޔާއިން ޗައިނާއާ ބަދަހި ގުޅުމެއް ބޭއްވުމަކީ ނިއުދިއްލީވެސް އެދޭ ކަމެއް ނޫނެވެ. ދެ ގައުމުން އެއްބަސްވާ ހަމައަކީ ދުނިޔެއަކީ ވަކި ދެ ބަޔަކަށް ބެހިފައި އޮވެގެން ނުވާނެ ކަމަށެވެ.
އިންޑިއާއިން އެމެރިކާއާ ބގާތްވިނަމަވެސް އަސްކަރީ ސާމާނަށް އިންޑިއާއިން އެންމެ ބޮޑަށް ބަރޯސާ ކުރަނީ ރަޝިޔާ އަށެވެ. ދެ ގައުމުން ގުޅިގެން އަސްކަރީ ދާއިރާގައި ރިސަރޗް އެނޑް ޑިވެލޮޕްމެންޓްގެ ދާއިރާގައި މަސައްކތަ ކުރެއެވެ. އަދި އިންޑިއާގެ މެދުތެރޭ އޭޝިއާގެ ސިޔާސަތު ވިލަރެސްކުރުމަށް ވެސް ރަޝިޔާއަކީ ބައިވެރިއެކެވެ.
އިންޑިއާއާއި އެމެރިކާގެ ގުޅުމަށް އެންމެ ބޮޑު އަސަރެއް ކުރާނެ ދާއިރާއަކީ، ރަޝިޔާއިން އިންޑިއާއަށް ވިއްކަން އުޅޭ އެސް400 ގެ ދިފާއީ ނިޒާމެވެ. މިއީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ވަރުގަދަ ދިފާއީ ނިޒާމެވެ. އެމެރިކާގެ ޕެޓްރިއޮޓް މިސައިލްގެ ނިޒާމަށް ވުރެންވެސް ކާމިޔާބު އަދި ވަރުގަދަ ނިޒާމެކެވެ.
ތުރުކީންވެސް މިނިޒާމު ގަތުމަށް މަސައްކަތް ކުރުމުން އެމެރިކާއިން ދެކޮޅު ހެއްޖެވެ. އެކމަކުވެސް ތުރުކީން އެކަމުގައި ކުރިއަށް ދިޔައީއެވެ. ޗައިނާގެ އުދުވާނާ ގުޅިގެން އިންޑިއާއިން ރަޝިޔާގައި އެދިފައި ވަނީ އެސް400ގެ ނިޒާމު އަވަހަށް ފޮނުވައި ދިނުމަށެވެ. ރަޝިޔާއިން ބުނާ ގޮތުން މިއަހަރުގެ ނިމުގެ ކުރިން މިނިޒާމު އިންޑިއާއަށް ލިބޭނެއެވެ.
އިންޑިއާއާއި ރަޝުޔާއާ ދެމެދު ކުރިއަށް ނުދާ ދާއިރާއަކީ ވިޔަފާރީގެ ދާއިރާއެވެ. އިންޑިއާއިން ގިނަ އަދަކަށް ހަތިޔާރު އެތެރެ ކުރިއަސް ވިޔަފާރީގައި އިންޑިއާއިން ރަޝިޔާއިން ގެންނަނީ ރޯ މެޓީރިއަލްއާއި މައުދަން ތަކެވެ.
ރަޝިޔާއާއި ޗައިނާގެ ދެމެދު އަހަރަކު 110 ބިލިއަން ޑޮލަރިގެ ވިޔަފާރި ކުރާއިރު އިންޑިއާ ރަޝިޔާގެ ދެމެދުގެ ވިޔަފާރި އުޅެނީ އެންމެ 12 ބިލިއަން ޑޮލަރުގައެވެ. މިއިން 7 ބިލިއަން ޑޮލަރަކީ ރަޝިޔާއިން އިންޑިއާ އެތެރެ ކުރާ މުދަލުގެ މިންވަރެވެ.
އިންޑިއާއާއި ރަޝިޔާގެ ދެމެދުގެ ވިޔަފާރި 25 ބިލިއަން ޑޮލަރަށް އިތުރުކުރުމަށް ދެގައުމުން އަމާޒު ހިފާފައި ވެއެވެ.