ޗައިނާ ކުންފުނިތަކުން ކޮންގޯގައި މައުދަން ނެގުމަށް ހަދާފައިވާ އެއްބަސްވުންތަކަކީ ނުކިއްސަރު އެއްބަސްވުންތަކެއް ވިދާޅުވެ، އެ އެއްބަސްވުންތައް އަލުން މުރާޖައާ ކުރެއްވުމަށް އެގައުމުގެ ރައީސް ފެލިކްސް ޝީކެންޑީ ނިންމަވައިފިއެވެ. ސައުތު ޗައިނާ މޯނިންގ ޕޯސްޓަށް ދެއްވި އިންތަރވިއުގައި އޭނާ ވިދާޅުވީ މައުދަން ނެގުމަށް އަންނަ ބިދޭސީން ކޮންގޯއަށް އަންނަނީ ނިކަން ފަގީރު ބައެއްގެ ގޮތުގައެވެ، އެމީހުންނަ އަންނައިރު އަތުގައި އެއްވެސް އެއްޗެއް ނޯވެއެވެ. އެހެންނަމަވެސް އެނބުރި ދާނީ ބިލިއަނަރުންގެ ގޮތުގައެވެ.
ރައީސް ފެލިކްސްގެ މިނިންމުމާއެކު ޗައިނާގެ އިލެޓްރިކް ކާރު އުފެއްދުމުގެ ވިޔަފާރިއަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވެއެވެ. އިލެކްޓްރިކް ކާރާއި ފޯނާއި ލެޕްޓޮޕްގައި ބޭނުންކުރާ ބެޓެރީގައި ބޭނުންކުރާ ކޯބަލްޓް މައުދަން ކޮންގޯ ގައި ގިނަ އަދަދަކަށް ނަގައެވެ.
މޯނިންގ ޕޯސްޓުން ބުނިގޮތުގައި މައުދަން ނަގާ ކޮލްވޭޒީ އަވަށަށް ޒިޔާރަތް ކުރިއިރު އެތާނގައި މަސައްކަތް ކުރާ 40 ކުންފުނިން 30 ކުންފުންޏަކީ ޗައިނާ ކުންފުނިތައް ކަމަށެވެ.
ޗައިނާގެ ގިނަ އަދަދެއްގެ ކުންފުނިތަކުން ވަނީ ކުރީގެ ރައީސް ޖޯސެފް ކަބީލާގެ ވެރިކަމުގައި ގިނަ އެއްބަސްވުންތައް ހަދާފައެވެ. މިހުރިހައި އެއްބަސްވުންތަކުގައިވެސް ކޮންގޯގެ ރައްޔިތުންނަށް ފައިދާވާ ވުމުގެ ބަދަލުގައި ބޭރުން އަންނަ މީހާއަށް ފައިދާވާ ގޮތަށް ހިމަނާފައިވާ ކަމުގައި ފެލިކްސް ވިދާޅުވެއެވެ.
2008 ގައި ސޮއިކޮށްފައިވާ މި އެއްބަސްވުންތަކުގައި ހިމެނެނީ ޗައިނާގެ ސައިނޯހައިދްރޯ އާއި ޗައިނާ ރެއިލްވޭ އިންޖިނިއަރިން ކޯޕަރޭޝަންފަދަ ބޮޑެތި ކުންފުނިތަކެވެ. މި ކުންފުނިތަކުން ހަދާފައިވާ ކޮންސޮޓިއަމަށް ޗައިނާ އެގްޒިމް ބެންކުން ވަނީ 6.2 ބިލިއަން ޑޮލަރުގެ ލޯން ދީފައެވެ. މި ލޯން ކޮންގޯ ސަރުކާރުން ދައްކަން ޖެހެނީ މައިންތަކުން ނަގާ މައުދަންގެ ގޮތުގައި އެންމެ އަގު ކުޑަ ކޮށެވެ.
އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން މިދިޔަ އަހަރު ބުނެފައިވަނީ މި ދަރަނީގެ ސަބަބުން ކޮންގޯގެ ބޭރު ދަރަނީގެ 40 ޕަސެންޓް ދަރާފައި ވަނީ ޗައިނާ އަށެވެ.
ކޮންގޯގައި ހުންނަ ޗައިނާ އެމްބަސީން ބުނެފައިވަނީ ދެ ފަރާތަށް ފައިދާވާ ގޮތަށް އެއްބަސްވުންތައް ބަދަލު ކުރުމުގައި އިޢްތިރާޒެއް ނެތް ކަމަށެވެ.
ކޮންގޯއަކީ ދުނިޔޭގެ ކޯބަލްތް ރިޒާވްގެ 60 ޕަސެންޓް ހިމެނޭ ގައުމެވެ.