ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅައި ދިނުމަށްއެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ ބުރާސްފަތި ދުވަހަށް ތާވަލްކޮށްފި އެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް އެވެ. މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ހަލީމް ވިދާޅުވީ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އަށް މައްސަލައިގެ ފުރަތަމަ އަޑުއެހުން ތަވާލް ކޮށްފައިވާ ކަމަށެވެ.

މެމްބަރު ޔައުގޫބްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހަޅާފައިވަނީ އޭނާ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލުގެ މެންބަރުކަމާ ހަވާލުވުމާ ގުޅިގެންނެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) ބުނާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެންބަރުން އަދާކޮށްގެން ނުވާނެއެވެ. ނަމަވެސް ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް މެމްބަރެއްގެ ގޮނޑި ގެއްލޭ ހަތަރު ހާލަތެއް ބަޔާން ކޮށްފައިވެއެވެ. ޤާނޫނީ ބޭފުޅުން ވިދާޅުވާގޮތުގައި މެމްބަރެއްގެ ގޮނޑި ގެއްލޭނެ ހާލަތްތައް ޤާނޫނު އަސާސީގައި ބުނެފައިވާއިރު، އެފަދަ ހާލަތެއް މެދުވެރިނުވާކަމުގައިވާނަމަ އެ މެމްބަރެއްގެ މެމްބަރުކަމެއް ނުގެއްލޭނެ އެވެ.

މައްސަލާގައި ޔައުޤޫބް ވިދާޅުވެފައިވަނީއިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާފައެވެ.