އިންޑިއާގެ ވެކްސިން ޕްރޮގްރާމު ހަލުއި މިނެއްގައި ކުރިއަށް ގެންދިއުމަށްޓަކައި އެގައުމުމް އައު ފިޔަވަޅު ތަކެއް އަޅައިފިއެވެ. ކުރިން އޮތް ގޮތުން ވެކްސިން ޖެހެނީ، ކޯވިން ވެބްސައިޓްގައި ރަޖިސްޓްރީ ކޮށްގެން އެޕްއިންޓްމެންޓަށް އަންނަ ފަރާތްތަކަށެވެ. މިކަމާ ގުޅިގެން އިންޑިއާ ސަރުކާރަށް ފާޑު ކިޔުންތައް އަމާޒު ވެގެން މިހާރު ވަނީ އުމުރުން 18 އަހަރާ 45 އަހަރާ ދެމެދުގެ އެންމެނަށް ވެކްސިން ޖަހަން ހުޅުވާލާފައެވެ. އަދި ވެބްސައިޓްގައި ރެޖިސްޓްރީ ވެގެން އަންނަ މީހުންނަށް ފުރުސަތު އޮންނަ ފަދައިން ރަޖިސްޓްރީ ނުވެ އަންނަ އަންނަ މީހުންނަށް ވެކްސިން ދޭ މަރުކަޒުގައި ރަޖިސްޓްރީ ކޮށްގެން ވެކްސިން ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ގޮތަށް ވެސް ވެކްސިން ޖެހޭނީ، ސަރުކާރުގެ ވެކްސިން ދޭ މަރުކަޒު ތަކުންނެވެ. އަދި އެވެސް އެޕޮއިންޓްމެންޓަށް އަންނަ މީހުންނަށް ވެކްސިން ދީފައި ބާކީ ހުރި ނަމައެވެ.

މި މަހުން ފެށިގެން 18 އަހަރުން މަތީ އެންމެނަށް ވެކްސިން ދޭން ހުޅުވާލުމުން ގިނަ ބަޔަކު ވެކްސިން ޖެއްސުމަށް އަވަސް ވެގަތެވެ. ނަމަވެސް އެސާހިތަކުން ވެކްސިން ހުސްވެއްޖެއެވެ. ދިއްލީ ސަރުކާރުން ބުނިގޮތުގައި 400 މަރުކަޒު ވެކްސިން ދޭން ހުޅުވާލި އިރު ވެކްސިން ނުލިބިގެން އެތަންތަން ބަންދު ކުރަން ޖެހުނީއެވެ.

އިންޑިއާގެ ވެކްސިން ދިނުމުގެ ޕްރޮގްރާމް ވަނީ ވަރަށް ބޮޑުތަން ލަސްވެގެން ގޮސްފައެވެ.

އެޕްރީލްގެ ކުރީކޮޅު އިންޑިއާއިން ވަނީ ދުވާލެއްގެ މައްޗަށް އެއް ދުވަހު ހަތަރު މިލިއަން މީހުންނަށް ވެކްސިން ދީފައެވެ. މެއި 10އާ ހަމައަށް ދުވާލަކަށް 2.15 މިލިއަން ވެކްސިން ދެވުނެވެ. މިހާރު ވެކްސިން ދެވެނީ ދުވާލަކަށް 1.5 މިލިއަން މީހުންނަށެވެ.