ފުރަތަމަ ފަހަރަށް ދޫންޏަކުން ދޫނި ރޯގާ އިންސާނެއްގެ ގަޔަށް އަރައިފިކަމުގައި ޗައިނާއިން ބުނެފިއެވެ. ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަންއިން މި ހާދިސާ ރިޕޯޓް ކޮށްފައި ވަނީ ޗައިނާގެ އިރުމަތީ ޖިއާންގސޫ ޕްރޮވިންސްގައެވެ.

ދޫނީ ރޯގާގެ އެތައް ވައްތަރެއް ޗައިނާ ގައި އުޅެއެވެ. މި މީހާއަށް ޖެހިފައި ވަނީ ދޫނި ރޯގާގެ H10N3 ވައްތަރެކެވެ.

ހެލްތު ކޮމިޝަންއިން ބުނިގޮތުގައި މިމީހާއަށް މި ރޯގާ ޖެހުނީ މިދިޔަ މަހުގެ 28 ގައެވެ. ހަސްފަތާލުގައި އެނދުމަތިކޮށް ފަރުވާ ދިނުމަށްފަހު އެމީހާ މިހާރު ދޫކޮށްލާފައިވާ ކަމަށް ބުނެއެވެ. އަދި މިމީހާއާ ކޮންޓެކްޓްވި އެއްވެސް މީހަކަށްވެސް މި ބަލިން އަސަރުކޮށްފައި ނުވާކަމަށް ބުންޏެވެ.

H10N3 އަކީ ދޫނިރޯގާގެ އާދައިގެ ވައްތަރެކެވެ. ޗައިނާ ހެލްތު ކޮމިޝަނުން ބުނާ ގޮތުން އާންމުކޮށް ވަބާއެއްގެ ގޮތުގައި މި ބަލި ފެތުރުން ނާދިރެވެ.

ފާއިތުވި 20 އަހަރުގެ ތެރޭގައި ޗައިނާއިން ދުނިޔެއަށް ފަސް ބާވަތެއްގެ ވަބާއާއި ކުރިމަތިލާން ޖެހުނުކަމަށް ވެއެވެ. އޭގެ ތެރޭގައި އޭވިއަން އިންފުލުއެންޒާއާއި ސާސްއާއި އޫރުރޯގާއާއި ކޮވިޑް19ވެސް ހިމެނެއެވެ.

ދޫނިރޯގާގެ އެހެން ވައްތަރެއްކަމަށްވާ އެޗް7އެން9 ހޯދުނުފަހުން އެބަލިން 2016އާއި 2017އާ ދެމެދު ޗައިނާގައި 300 މީހުން މަރުވެފައި ވެއެވެ.