ޝިންޖިއާންގެ ވެރިރަށުގެ އެންމެ ބޮޑު މިސްކިތުގެ އިމާމް ޗައިނާއިން ޖަލަށް ލައިފިއެވެ. ޝިންޖިއާންގެ ވެރިރަށް ކަޝްގަރުގެ އެންމެ ބޮޑު މިސްކިތަކީ އީދްގާހް މިސްކިތެވެ. މި މިސްކިތުގެ އިމާމަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ހަރުކަށި ފިކުރު މީހުންގެ މެދުގައި ފަތުރާކަމަށް ތުހުމަތު ކޮށެވެ.
ޗައިނާއިން ގިނަ އަދަދެއްގެ އިމާމުންނާއި މުސްލިމު ލީޑަރުން ހައްޔަރުކޮށްގެން އުޅެއެވެ. އެމެރިކާއިން ބުނާ ގޮތުގައި ޝިންޖިއާންއަކީ ދުނިޔޭގެ އެންމެ ބޮޑު ހުޅުވާލާފައިވާ ޖަލެވެ. މިލިއަނެއްހާ މީހުން ޖަލު ބަންދުކޮށްގެން ގަދަކަމުން އެމީހުން ލައްވައި މަސައްކަތް ކުރުވާ ކަމަށާއި އަންހެނުންގެ އިއްފަތް ފޭރިގަތުމުގެ އަމަލުތައް ހިންގާކަމަށާއި ދަރިމައި ނުވާގޮތަށް ވެސް ހަދަމުންދާ ކަމަށް ތުހުމަތު ކުރެއެވެ.
ބައެއް ޑިމޮކްރެޓިކް ގައުމުތަކުން ވަނީ ޗައިނާއިން ޝިންޖިއާންގައި ގަތުލު އާންމު ހިންގާކަމަށްވެސް ތުހުމަތުކޮށްފައެވެ.
ޗައިނާގެ ރައީސަކަށް ޝީ ޖިންޕިންގ ވަޑައިގަތް ފަހުން ޝިންޖިއާންއާއި ޓިބެޓްގައި ޖަލުތައް ހަދައި ކޮމިއުނިސްޓް ޕާޓީން ނުރުހޭ މީހުން ޖަލަށް ލަމުން ދެއެވެ. ޗައިނާއިން ބުނަނީ ޝިންޖިއާންއާ ދޭތެރޭ ދައްކާ ވާހަކަ ތަކަކީ ޗައިނާގެ އަގު ވައްޓާލުމަށް ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި ޝިންޖިއާންއަކީ ޗައިނާގައި ތަރައްގީވަމުން އަންނަ ސަރަހައްދެއް ކަމަށެވެ.