ޕާކިސްތާންގައި މީޑިއާއަށް ސަރުކާރުން ކުރިމަތި ވަމުންދާ ފިއްތުންތަކާ ދެކޮޅަށް ޕާކިސްތާންގެ ހުރިހައި ބާވަތެއްގެ މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކުން ނިކުމެ އިހުތިޖާޖް ކުރަން ފަށައިފިއެވެ. ނޫސްވެރިންނާ ދެކޮޅަށް މާއްދީ ޖިސްމާނީ އަދި ނަފްފަސާނީ އަނިޔާ ދިނުން އިތުރުވެފައިވާ މި ދަނޑިވަޅުގައި ޕާކިސްތާނު ސަރުކާރުން ވަނީ ޕާކިސްތާން މީޑިއާ ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނަމުގައި އައު އިދާރާއެއް އުފައްދަން ހުށަހަޅާފައެވެ.
ސަރުކާރުގެ މި ހުށަހެޅުމާ ދެކޮޅަށް އިއްޔެ އަޑު އުފުލި މީޑިއާގެ ފަރާތްތަކުގެ ތެރޭގައި އޯލް ޕާކިސްތާން ނިއުސްޕޭޕަރ ސޮސައިޓީއާއި ޕާކިސްތާން ބްރޯޑްކާސްޓާރޒް އެސޯސިއޭޝަންއާއި ކައުންސިލް އޮފް ޕާކިސްތާން ނިސުސްޕޭޕަރ އެޑިޓަރސްއާއި ޕާކިސްތާން ފެޑެރަލް ޔޫނިއަން އޮފް ޖަރނަލިސްޓްސްއާއި ބަރނާ ބްރޫޕާ ގްރޫޕާއި ދުސްތޫރު ގްރޫމް މީޑިއާއާއި އެސޯސިއޭޝަން އޮފް އިލެކްޓްރޯނިކް މީޑިއާ އެޑިޓަރޒް އެންޑް ނިއުސް ޑައިރެކްޓަރޒް ހިމެނެ އެވެ.
މިފަރާތްތަކުން ބުނެފައި ވާ ގޮތުގައި ތަފާތު ވައްތަރުގެ ޚާއްސަ ކަމެއް ލިބިގެންވާ މީޑިއާގެ ވަސީލަތްތައް އެއް ގާނޫނަކުން އެއް ފުރާޅެއްގެ ދަށަށް ގެނަސް ގަވާއިދު ހެދުމުގެ ބޭނުމަކީ މީޑިއާގެ ކޮންޓްރޯލް ސަރުކާރަށް ބޭއްވުމުގެ މަގްސަދުގައެވެ.
އެފަރާތްތަކުން ސިފަ ކޮށްފައިވާ ގޮތުގައި ސަރުކާރުން ގެންނަން އުޅޭ ގާނޫނަކީ އައްޔޫބް ޚާންގެ ސަރުކާރުން 1964 ގައި މީޑިއާ ކޮންޓްރޯލް ކުރަން ގެންގުޅު ގާނޫނެވެ.
ޕާކިސްތާންގެ ނޫސްވެރިންނާއި މީޑިއާއަކީ ޕާކިސްތާން ސިފައިންނާއި ޖާސުސީ އިދާރާ އިންޓަރ ސަރވިސްގެ އަމާޒުފަތްގަނޑެކެވެ. އިމްރާން ޚާންގެ ވެރިކަމުގައި ޕާކިސްތާންގެ މީޑިއާއަށާއި މީޑިއާގައި މަސައްކަތް ކުރާ މީހުންނަށް އަމާޒުވާ ހަމަލާތައް ވަނީ އިތުރު ވެފައެވެ.
ޕާކިސްތާންގައި މިދިޔަ ހަފްތާ ނިމުއިރު ސިފައިންނަށް ފާޑުކިޔާފައިވާ ނޫސްވެރިއަކު ހުށަހަޅަމުން ދިޔަ ޕްރޮގްރާމުން އޭނާ ބޭރުކޮށްލިއެވެ. އޭގެ ކުރީ ހަފްތާގައި ޔޫޓިއުބަރއަކަށް ހަލަދީފައި ވެއެވެ.
ޕާލަމެންޓްގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީގެ ޗއެއަރ، ޕާކިސްތާން ޕީޕަލްސް ޕާޓީގެ ރައީސް ބިލާވަލް ބުއްޓޫ ވިދާޅުވީ ގައުމުގައި މީޑިއާގެ ހާލަތު އޮތް ގޮތުން ނޫސްވެރިކަމުގެ މިނިވަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަން އިމްރާން ޚާން ލަދުވެތިވެ ވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.