އިޒްރޭލްގައި ސަރުކާރެއް އެކުލަވާލުމަށް ކުރަމުންދާ މަސައްކަތަށް ބެންޔަމީން ނަތަންޔާހޫ ދަނީ ހުރަސް އަޅަމުންނެވެ. އޭނާގެ 12 އަހަރުވީ ވެރިކަން ގެއްލިއްޖެނަމަ، ކޮރަޕްޝަނާއި މަގާމުގެ ނާޖާއިޒް ބޭނުން ހިފުމުގެ ކުށުގައި ޝަރީއަތުގައި އޭނާއާ ދެކޮޅަށް އޮތް މައްސަލަތައް އަވަސް ކުރެވެން ފަށާނެ ކަމަށް ބެލެވެއެވެ.
އިޒްރޭލުގެ އިދިކޮޅު ލީޑަރު ޔާއީރް ލެޕިޑް ވަނީ ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ އަދަދަށް ކެނެސެޓްގެ މެންބަރުންގެ ތާއީދު ލިބިފައިވާ ކަން އިޒްރޭލްގެ ރައީސް ރޯވެލް ރިވްލިންއަށް ދަންނަވާފައެވެ.
ލެޕިޑް މަސައްކަތް ކުރަމުން ދަނީ އިދިކޮޅު ލީޑަރު ނެފްތާލީން ބެނެޓްއާ ގުޅިގެން ބައި ބަހައިގެން ބޮޑު ވަޒީރުކަން ކުރާ ގޮތަށް ސަރުކާރެއް އެކުލަވާލާ ގޮތަށް އެއް ބަސްވެފައެވެ.
ކެނެސެޓްގައި ހިމެނޭ އަރަބި މެމްބަރުންވެސް ވަނީ ލެޕިޑާއި ބެނެޓަށް ތާއީދު ކުރުމަށް ނިންމާފައެވެ. އައު ސަރުކާރުން އިޒްރޭލްގެ އަރަބިންގެ ހާލަތު ރަނގަޅު ކުރުމަށް ޚާއްސަ ޕެކޭޖަކަށް ވައުދުވެ، އެގްރިމެންޓެއް އަރަބި މެމްބަރުންނާއެކު ހަދާފައިވާ ކަމަށް އަރަބިން ބުނެއެވެ.
ނަތަންޔާހޫ ވަނީ ރޭ ވެސް ގިނަ ބައްދަލުވުންތައް ބާއްވާފައެވެ. ދީނީ ހަރުކަށި ޕާޓީތަކައި ކަނާތު ފިޔާގެ ޕާޓީތަކާއެކު ބައްދަލުކޮށް އޭނާ ބުނެފައިވަނީ އީރާންގެ ނިއުކްލިއަރ ގާބިލްކަމާ ދެކޮޅަށް މަސައްކަތް ކޮށް، އެމެރިކާގެ ރައީސް ބައިޑެންއަށް ދުލެއް ނުދީ އިޒްރޭލުގެ ބާރުވެރިކަން ދެމެހެއްޓޭނީ ހަމައެކަނި އޭނާއަށް ކަމަށެވެ. ނަތަންޔާހޫ ބުނަމުން ދަނީ ލެޕިޑްއާއި ބެނެޓްގެ ސަރުކާރު ވެގެންދާނީ ވާތުފިޔައިގެ ސަރުކާރެއް ކަމަށެވެ.
ބެނެޓްގެ ސަރުކާރު އެކުލަވާލާނެ ކަމަށް އިޢްލާން ކުރުމުން ބުދަ ދުވަހާއި ބުރާސްފަތިދުވަހު މަގުތަކަށް ނިކުމެ ޒުވާނުންނާއި އާންމުން ވަނީ އުފާ ފާޅުކޮށްފައެވެ. ނަތަންޔާހޫގެ ޣައްޒާގެ ބޮމުގެ ހަމަލާތަކުން އިޒްރޭލަށް ގެއްލުމުން ލިބިފައިވާ ކަމަށް މި ފަރާތްތަކުން ދެކެއެވެ.
ކޮންމެވެސް ހިސާބަކުން ނަތަންޔާހޫއާއި ސިފައިންނާއި އޭނާގެ ސަރުކާރުގެ ދިހަ މަސްއޫލުވެރިންނާ ދެކޮޅަށް އިންތަރނޭޝަނަލް ކްރިމިނަލް ކޯޓުން ވޮރެންޓެއް ނެރުމަކީވެސް ގާތް ކަމެކެވެ. ވޮރެންޓެއް ނެރުނަސް ނަތަންޔޫއަށް އެއިން ސީދާ އަސަރެއް ކުރުމަކީ ދުރުކަމެކެވެ. ނަމަވެސް އޭނާއާއި އިޒްރޭލު މައުނަވީ ގޮތުން ބަލިކޮށްލުމަށް އެއީ ބާރެއްކަމުގައި ވެގެންދާނެ ކަމަށް ބެލެވެއެވެ.
އިޒްރޭލްގައި ހަތަރު އިންތިޚާބު ބާއްވައިގެންވެސް ސަރުކާރެއް އެކުލަވާލެވޭ ގޮތަށް ޕާޓީތަކަށް ގޮނޑި ލިބިފައެއް ނުވެއެވެ. ނަތަންޔާހޫގެ ލީކޫދާއި އެޕާޓީއަށް ތާއީދު ކުރާ ކޮންސަރވެޓިވް އަދި ކަނާތުފިޔައިގެ ޕާޓީތަކާއި ޒައެނިޒަމަށް ތާއީދުކުރާ ހަރުކަށި ދީނީ ޕާޓީތަކާއެކު ލިބިފައިވަނީ 54 ގޮނޑިއެވެ. ނަތަންޔާހޫގެ ލިކޫދުން ކޮންޓްރޯލް ކުރަނީ 29 ގޮނޑިއެވެ.
އިދިކޮޅު ޕާޓީތަކަށް ލިބިފައިވަނީ 60 ގޮނޑިއެވެ. ކުރީގެ އިދިކޮޅުން ނަގައި ކިޔައި އުޅުނު ލޭބަރއަށް ލިބިފައިވަނީ 7 ގޮނޑިއެވެ. އިދިކޮޅުގައި އެންމެ ގޮނޑި ގިނަ ޕާޓިއަކީ 17 ގޮނޑި ކޮންޓްރޯލް ކުރާ ލެޕިޑްގެ ޔާޝް އަޓިޑްއެވެ.
ކެނެސެޓްގެ ޖުމުލަ އަދަދަކީ 120 އެވެ.