އިންޑިއާއިން އައު ގޮތަކަށް ހަނގުރާމަ މަތީ ފައުޖުތައް އެކުލަވާލައި ތައްޔާރުވާން ފަށައިފިއެވެ. އަލަށް އެކުލަވާލާ ފައުޖުތަކަކީ އަމިއްލަ ފުދުންތެރި މަދު އަދަދެއްގެ ސިފައިންގެ މައްޗަށް އެކުލެވިގެންވާ ފައުޖުތަކެއް ކަމުގައި ވާނެއެވެ.
އިންޑިއާއިން ސިފައިންގެ ފައުޖަށް އައު ބަދަލުތައް މި ގެންނަނީ އަހަރެއް ވަންދެން ޗައިނާއާއެކު ލަދާކްގައި ކުރިމަތި ލުމާއެކު، ކޮވިޑްގެ ހާލަތު ނިމުމަކަށް އައިސް ހޫނު މޫސުމާ ކުރިމަތިލާން ތައްޔާރު ވުމާއެކުއެވެ. ސިފައިންގެ ތެރޭން މީޑިއާއަށް މައުލޫމާތު ދިން ފަރާތްތަކުން ބުނަމުން ދާ ގޮތުގައި މިހާރު މިކަންކަމާ މެދު ބަހުސްކޮށް މިއަށް އަމަލީ ސިފައެއް ގެންނާނީ އަންނަ އަހަރުގެ ތެރޭގައެވެ.
އަލަށް އެކުލަވާލާ ފައުޖުގައި ހިމެނޭނީ އަމިއްލަ ފުދުންތެރި ފަސް ހާސް މީހުންގެ ފައުޖެކެވެ. މީގައި އިންފެންޓްރީއާއި ޓޭންކާއި ސިގްނަލް މަނުންނާއި ވައިގެ ސިފައިންގެ ބަޔެއްވެސް ހިމެނޭނެއެވެ.
އިންޑިއާ ސިފައިންގެ އާމީ ޖެނެރަލް އެމްއެމް ނަރަވާން ވިދާޅުވާ ގޮތުގައި މިގޮތަށް ސިފައިން ގެ ފައުޖު އެކުލަވާލުމުން ފަސޭހައިން ސިފައިން ރުކުރުވާލެވޭނެއެވެ. އަދި އިންޑިއާގެ ސަރަހައްދު ހިމާޔަތް ކުރުމަށް ސަމާލުކަން ދޭން ޖެހޭ، ޗައިނާ ސަރަހައްދާއި ޕާކިސްތާން ސަރަހައްދަށްވެސް ފަސޭހައިން ސިފައިންނަށް ހަރަކާތްތެރި ވެވޭނެއެވެ.
އިންޑިއާއިން ދަނީ އަސްކަރީ ހޭދަ އިތުރު ކުރަމުންނެވެ. އައު މަތިންދާ ބޯޓްތައް ގަނެ ސެބްމެރިންތައް އައު ކުރުމަށް މިދޔަ ހަފްތާގައި ވަނީ އައު ކޮންތްރެކްޓެއް ދީފައެވެ. އަދި ރަޝިޔާއިން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މިސައިލްގެ ނިޒާމު ގަތުމަށްވެސް އިންޑިއާއިން ވަނީ ފައިސާ ދީފައެވެ. ރަޝިޔާއިން ބުނާ ގޮތުން މިއަހަރު ނިމުމުގެ ކުރިން މި ނިޒާމު އިންޑިއާއާ ޙަވާލު ކުރެވޭނެއެވެ.