އަޅުގަނޑުމެންގެ ދިވެހި ރާއްޖޭގެ މި ރީތި ޖަރީރާ ރަށްތަކަށް ލިބިފައިވާ ހިތްގައިމު ގޮނޑުދޮށްތަކާއި ތުނޑިތަކާއި ފަޅުތަކަކީ ގޮނޑަކަށް ހަދައިގެން ވާކަށްނެތެވެ.

މި ސާފު ހުދު ދޮންވެލިގަނޑާއި ރީތި ޗާލު މޫދަކީ އެތަންތަން ވިއްކައިގެން ދިވެހިން ނަން މަންފާ ލިބޭ ގުދުރަތީ ވަޞީލަތް ތަކެވެ. އެހެންކަމުން އެތަންތަން ސާފުތާހިރުކަންމަތީގައި ދެމެހެއްޓުމަކީ އެންމެންގެ މައްޗަށް އޮތް ކަމެކެވެ. މިތަންތަނުން އުފާ ހޯދުމަށް ކަރަކަރައިން މީހުން އަންނާތީ ތިމާވެއްޓާ ރައްޓެހި ތަންތަނަށް މިތަންތަން ހަދައިގެންނެވެ. ނަމަވެސް ކުރެވޭ ކަންތައް ތަކެއްގެ ސަބަބުން މި މުތެއްފަދަ އަގުހުރި ޖަވާހިރުގެ ރީތިކަން ގެއްލެމުން ދެއެވެ. ހުދު ދޮންވެލި ގޮންޑުދޮށްތަކުގެ ނަލަކަން ކުނި ގޮނޑަކަށް ބަދަލުވެގެންދާތަން އެބަފެނެއެވެ.

މިގޮތަށް މި ގޮނޑުދޮށްތައް ކިލަނބު ވުމުގައި ރައްޔިތުންގެ އެއްވެސް އިހުމާލެއް ނެތް ރަށްރަށްވެސް އެބަހުއްޓެވެ. ރައްޔިތުން ކިތަންމެ ވަރަކަށް ގޮނޑުދޮށާއި މޫދު ރީތިކޮށް ބާއްވަން ބޭނުންވިޔަސް އެކަން އެގޮތަށް ނުކުރެވޭ ރަށްރަށް އެބަހުއްޓެވެ.

ސަބަބަކަށް ވަނީ ފަތުރުވެރިކަމުގެ ސިނާއަތު ފުޅާވެފައިވާ ސަރަހައްދު ތަކުގެ މީހުން ދިރި އުޅޭ ރަށްރަށަށް ލައްގާ ކުނިބުނީގެ ގިނަކަމެވެ. މޭވާ އާއި ތަރުކާރީގެ ބާވަތް ތަކެވެ. ކަރާ ފަޅި ތަކާއި އަލަނާސި ބުރި ބުރިއެވެ. އޮރެންޖު ތޮށިތަކާއި ދޮންކެޔޮ ތޮށި ތަކެވެ. ހަލާކުވެފައިވާ ކެރެޓް ތަކާއި ކިއުކަންބާ، ކެބެޖު ފަދަ ތަކެއްޗެވެ. މިފަދަ ތަކެތި ކަނޑަށް އެޅުމުގެ ސަބަބުން ރަށްރަށުގެ ގޮންޑުދޮށްތައް ބަލާލަން ނުކެރޭފަދަ ހަޑި މަންޒިލަކަށް ބަދަލުވެއެވެ. މޫދު ތެރޭގައި މި ތަކެތި ގިނަވުމުގެ ސަބަބުން އެއީ ނުސާފު ތަނަކަށް ބަދަލުވެއެވެ. މޫދަށް އެރެންދާ ކުދިންވެސް މި މަންޒަރުތައް ފެނުމުން އެނބުރި ގެއަށް އަންނަން ޖެހެނީ އެ ތަޣައްޔަރުވެފައިވާ މޫދާމެދު ހިތް ކެނޑުމުންނެވެ.

މިގޮތަށް މޫދަށް ކުނި އެޅުމުގެ އުސޫލު އޮންނަ ގޮތް ބަލާލުމަށް އަޅުގަނޑު އީޕީއޭއަށް ގުޅާލީމެވެ. އެތަނުގެ ޑިރެކްޓަރ ޖެނެރަލް އިބުރާހިމް ނައީމު ވިދާޅުވީ އެއްވެސް ބާވަތެއްގެ ކުންޏެއް ކަނޑަށް، މޫދަށް ނުވަތަ ގޮނޑު ދޮށަށް އެޅުމަކީ ހުއްދަ ކުރައްވާ ކަމެއް ނޫންކަމެއްނޫނެވެ. އެހެންކަމުން ޓްވަރިޒަމް މިނިސްޓްރީން މިކަން އޮންނަގޮތް ބަލާލުމަށް އަޅުގަނޑު އެމިނިސްޓްރީގެ ފަރާތަކާވެސް ގުޅާލީމެވެ. އެބޭފުޅާވެސް ވިދާޅުވީ މޫދަށް ކުނި އެޅުމަކީ ހުއްދަ ކަމެއް ނޫންކަމަށެވެ.

ދެން އަޅުގަނޑު މަސައްކަތް ކުރީ ރިސޯޓެއްގައި މިކަން ކުރާގޮތް ހޯދުމަށެވެ. އެގޮތުން ރިސޯޓެއްގެ ރެސްޓޯރެންޓް މެނޭޖަރަކާ ވާހަކަ ދައްކާލުމުން ވިދާޅުވީ ބަދިގޭ ކުނި ކަނޑަށް އެޅުމުގެ ހުއްދަ އޮންނަ ކަމަށެވެ.

"ބަދިގޭ ކުނި" މިއީ ވަރަށް ގިނަ ބާވަތް ތަކެއްގެ ގޮތުގައި މާނަ ކުރެވިދާނެއެވެ.

މިގޮތަށް ބަދިގޭ ކުނި އެޅުމުން ދިމަވާ މައްސަލަތައް ހޯދާލުމަށް ރަށެއްގެ ކައުންސިލާ ގުޅާ ލީމެވެ. ކައުންސިލުން ވިދާޅުވަނީ ބަދިގޭ ކުނި، އެއީ ކައިފާ ބާކީވެފައި ހުންނަ (ކުނިވެފައި ހުންނަ) ބަތްކޮޅާއި ބާކީ ގަރުދިޔަ ފޮދާއި މަސްކޮޅު މޫދަށް، ކަނޑަށް އެޅުމަކުން ގޮނޑުދޮށްތައް ތަޣައްޔަރު ވާވަރެއް ނުވާނެއެވެ. އެއީ މޫދުގައި އުޅޭ މަސްތައް އައިސް މި ތަކެތި ކާނެތީއެވެ. ބައެއް ރިސޯޓްތަކުން ވަކި ސަރަޙައްދުތަކެއް ކަނޑައަޅައި މިފަދަ ކުނިވާ ޒާތުގެ ބަތާއި ނޫޑުލްސް، ކަރުގޮހޮރުފަދަ ތަކެތި އަޅައެވެ. އެއީ މިފަދަ ތަކެތި އެތަން ތަނަށް އެޅުމުން ބޮޑެތި މަސްތަކާއި މިޔަރުތައް އެމަންޒިލުތަކަށް ޖަމާވެ އެތަކެތި ކާތީއެވެ. މއީ ފަތުވެރިންނަށް ދައްކާލަން ރީތި މަންޒަރަކަށް ވާތީއެވެ. މިފަދަ ތަންތަނަށް ފަތުވެރިން ދާން ބޭނުންވެއެވެ. އެ މަސްތައް ކާތަން ބެލުމަށް ޝައުގު ވެރިވެއެވެ. ނަމަވެސް ކަނޑާއި ފަރުތަކުގައި ދިރިއުޅޭ މަސް މަހާމެހި ކައިބޮއި ހަދާނެ ތަކެތި ގުދުރަތުން ވަނީ މި ކަނޑުފަޅުތަކުގައި ލައްވާފައެވެ. އަދި ބަދިގޭ ކުނި ކަމުގައި އުކާލާ ތަރުކާރީ ތޮށި ތަކާއި ކުނިވެފައިވާ މޭވާތައް ކާނެ މަހެއް މޫދަކު ނޫޅޭނެ އެވެ. ވީމާ، މިތަކެތި އެހުރި ގޮތަށް އޮޔާ ވަޔަށް ގޮސް ލައްގަނީ ކައިރީގައިވާ ރަށްރަށަށެވެ. އެތަކެތި ގިނަވެފައި މި އޮންނަނީ އެ ރަށްރަށުގެ ފަޅު ތެރޭގައެވެ. ކަނޑިންމާ ގައެވެ. ގޮނޑު ދޮށް ތަކާއި އަތިރިމަތި ތަކުގައެވެ.

މިކަންތައް ހައްލުކުރުމަށް ރަށްރަށުގެ ކައުންސިލުތަކުން ހުށަ އަޅުއްވައެވެ. ނަމަވެސް ކައިރީގައިވާ ރިސޯޓް ތަކަށް މިކަންކަމާ ބޮޑަށް ވާހަކަ ދެއްކޭކަން ނެތެވެ. ސަބަބަކީ ރިސޯޓް ތަކަކީ ކައިރީގައިވާ ރަށްތަކަށް އެކި ގޮތްގޮތުން އެހީތެރިވެދޭ ފަރާތް ތަކެވެ. އެހެންވުމުން އެއްގޮތަކަށްވެސް އެ ރިސޯޓްތަކުގެ ވެރިން ރުޅި އަންނާނެ ވާހަކައެއް ދެއްކޭކަން ނެތެވެ. ނަމަވެސް ތިމާވެއްޓާބެހޭ މިނިސްޓްރީ އާއި ޓްވަރިޒަމް މިނިސްޓްރީއިން މިކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވައެވެ. މަޝްވަރާ ކުރައްވަމުން ގެންދަވައެވެ. މިއީ އެބޭފުޅުންވެސް ހައްލުކުރަން ބޭނުންވެފައިވާ ކަމެކެވެ.

މި ކުނިބުނީގެ މައްސަލައަކީ ދިވެހިރާއްޖޭގެ ތިމާވެއްޓަށް ދިމާވެފައިވާ ވަރަށް ނާޒުކު މައްސަލައެކެވެ. މިކަންތައް ހައްލުކުރުމަށް އެކިފެންވަރުފައި މަސައްކަތްތައް ކުރަމުން އެބަ ގެންދަވައެވެ. މިހާރުވެސް ޒޯން ތިނަކަށް އަމާޒުކޮށް "ގްރޭޓާ މާލޭ އެންވަޔަރމަންޓަލް އިންޕްރުވުމަންޓް އެންޑް ވޭސްޓް މެނޭޖް މަންޓް" ގެ ނަމުގައި ބޮޑު މަޝްރޫޢެއް ކުރިއަށް ގެންދެވުމަށް ފައްޓަވާފައި ވެއެވެ. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ކުރިއަށް ގެންދަވާ މި މަސްރޫޢަކީ ސަރުކާރާއި މަދަނީ ޖަމިއްޔާތަކާއި އޭޑީބީ ފަދަ އެހީދޭ އެކި ޖަމިއްޔާ ތަކާއި އެކު ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަސްރޫއުގެ އަމާޒަކީ މި ޒޯނުގައި ދިރިއުޅޭ ފަރާތްތަކަށް ކުނި މެނޭޖްކުރުމުގެ އިންގިލާބީ ހެޔޮ ބަދަލެއް ގެނެސް ދެއްވުމެވެ.

ސަރުކާރާއި ރައްޔިތުންގެވެސް އެދުމަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މިގޮތަށް ކުނި ނައްތާލުމަށް ހެޔޮ ބަދަލުތަކެއް ގެނައުމެވެ. މި ރީތި ގޮނޑުދޮށް ތަކުގެ ގުދުރަތީ ރީތިކަން ދެމެއްޓުމަށް ޓަކައެވެ. ތިމާވެށިގެ ނުރަނގަޅު އަސަރު މި ރައްތަކަށް ކުރާ މިންވަރު ކުޑަ ކުރުމަށްޓަކައެވެ. ކުނިބުނިން ސަލާމަތްވެފައިވާ ވެށްޓަކަށް މި ޖަޒީރާވުމަކީ މި ރަށްތަކުގައި ދިރިއުޅޭ އަހުލުވެރީންގެ އުއްމީދެވެ.