ގަސް ހެއްދުމަކީ ބައެއް މީހުން، ހުސްވަގުތު ފުރާލުމަށާއި ގޯއްޗާއި ގޭތެރެ ޒީނަތްތެރި ކުރުމަށް ކުރާ ކަމެއް ނަމަވެސް މިއީ ޞިއްޙަތަށް ވެސް ފައިދާ ހުރިކަމެކެވެ.

ސައިންސުގެ ހޯދުން ތަކުން ދައްކާގޮތުގައި ގަސްހެއްދުމުގެ މަސައްކަތުގައި ވަގުތު ހޭދަކުރުމުން ދުޅަހެޔޮ ޞިއްޞަތެއްގައި ދެމިހުރެއެވެ. އެގޮތުން ބަރުދަން ލުއިކޮށްދިނުމާއި ލޭގެ ޕްރެޝަރ ރަނގަޅުކޮށްނުން ހިމެނެއެވެ. އަދި މީހާ ނުތަވަނަވަސްވެ، ހާސްވެ، ކަންބޮޑުވުން ތަކުން ސަލާމަތްކޮށްދީ ނަފުސާނީ ގޮތުންވެސް ދުޅުހެޔޮ ޞިއްޙަތެއް ލިބިދެއެވެ.

ބަރުދަން ލުއިކުރުން

އިސްކޮޅާ އެކަށީގެންވާ ބަރުދަނެއްގައި މީހާ ހުރުމަށް ކޮންމެ މީހަކުވެސް އެދޭނެއެވެ. ގަސް ހެއްދުމުގެ މަސައްކަތުގައި ވަގުތު ހޭދަ ކުރުމަކީ ބަރުދަން ލުއިކޮށްދޭ ކަމެކެވެ. އެމެރިކާގައި ހެދި ދިރާސާއެއް ދައްކާގޮތުގައި ދުވާލަކު 30 މިނެޓު ގަސް ހެއްދުމުގެ މަސައްކަތްތަކުގައި ޙަރަކާތްތެރި ވުމުން މީހާގެ ހަށިގަނޑުން 165 ކެލެރީ އަންދާލަދެއެވެ. އެއީ އާންމު ލުއި ކަސްރަތު ކޮށްލުމުން އަނދާ ކެލެރީއަށްވުރެ ވެސް ގިނަ އަދަދެކެވެ.

ހާސްކަމާއި ނުތަނަވަސްކަމުން ދުރުވުން

ވަށައިގެންވާ ގުދުރަތީ ދިރުންތައް އިހުސާސް ވުމަކީ ހާސްކަމާއި ނުތަނަވަސްކަން ފިލައިދާ ކަމެކެވެ. އެގޮތުން ގަސްގަހާގެހި ގިނަ މާހައުލެއްގައި ވަގުތު ހޭދަކުރުމަކީ މީހާގެ ހިތަށް އުފާވެރިކަން ގެނެސްދޭ ކަމެކެވެ. މި ސަބަބަށްޓަކައި ހޮސްޕިޓަލުތަކާއި ޞިއްޙީ ފަރުވާދޭތަންތާނގައި ވަރަށް ގިނައިން ގަސްހައްދާފައި ހުރެއެވެ. އަދި އެތަންތާނގައި ބަލިމީހުން އިށީންދެ ހިނގާލެވޭނެ އިންތިޒާމުވެސް ހަމަޖައްސައިފައި ވެއެވެ.

ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުން ދުރުކޮށްދޭ

އިރުގެ ހޫނުކަން ލިބުމުން ހަށިގަނޑަށް ވިޓަމިން ޑީ ލިބެއެވެ. މިއީ ކަށްޓަށް ލިބޭ ފައިދާ އެކެވެ. އެހެންކަމުން އިރުގެ ހޫނުކަން ލިބޭ ހިސާބުގައި މަސައްކަތް ކުރުން ރަނގަޅެވެ. ނަމަވެސް ސަންސްކްރީނެއް ބޭނުން ކުރަންވާނެއެވެ. އެއީ ހަމުގެ ކެންސަރު ޖެހުމުން ދުރުކުރުމަށްޓަކައެވެ. ބްރިޓިޝް ޖޯނަލް އޮފް ސްޕޯޓްސް މެޑިސިން އިން ކުރި ދިރާސާ އަކުން ހާމަވާ ގޮތުގައި ގަސްހެއްދުމުގެ މަސައްކަތުގައި ޙަރަކާތްތެރިވުމުން ހާޓްއެޓޭކް ޖެހުމަށް 30 ޕަސެންޓަށް ކުޑަކޮށްދެއެވެ. އަދި ސްޓޮރޯކް ޖެހުންވެސް ކުޑަކޮށްދެއެވެ. އެއީ މި މަސައްކަތުން ލިބޭ ހިތްހަމަޖެހުމުގެ ސަބަބުން ނެވެ.

އަތަށް ކަސްރަތު ލިބުން

އަތުގެ ޙަރަކާތް އިތުރުވުމާއި ބާރުގަދަވުމަކީވެސް ގަސް ހެއްދުމުން ލިބޭ ފައިދާއެކެވެ. ގާތްގަޑަކަށް ދުވާލަކު 30 މިނެޓެއްހާއިރު ވަޅު ކޮނެ، ގަސް އިންދާ، ގަސް އުފުރުގެ މަސައްކަތުގައި ޙަރަކާތް ތެރި ވުމުން އަތަށް ކަސްރަތު ލިބި އަތް ހަރަކާތް ކުރަން ފަސޭހަވެއެވެ.

ގަސް ހެއްދުމަކީ ގޯތިތެރެ ރީތިކުރުމާއި "ހޮބީ" އެއްގެ ގޮތުގައި ކުރާކަމެއް ނަމަވެސް މިއީ ވަރަށް ގިނަ ފައިދާތަކެއް ލިބޭ މަސައްކަތެކެވެ. ތިމާގެ އަމިއްލަ ނަފުސަށާއި ދިރިއުޅޭ ވެއްޓަށް ފައިދާތަކެއް ލިބޭ ކަމެކެވެ. ނަފުސާނީ ދުޅަހެޔޮކޮމާއި ޖިސްމާނީ ދުޅަހެކަން ލިބިދޭ މަސައްކަތެކެވެ.

ގަސް ހެއްދުމަށް ޝައުގުވެރިވާ ފަރާތް ތަކުން މުށީގައި މާގަސް ހެއްދުމުންވެސް މި މަސައްކަތް ފެށިދާނެއެވެ.