އާންމު ގޮތެއްގައި ފޮޓޯ ސްޓޫޑިއޯ އަކުން ނަގާ ފޮޓައަކުން މަޝްހޫރުކަން ހޯދުމަކީ ވަރަށް ނާދިރުކަމެކެވެ. ނަމަވެސް އަވާ މެރީ އަދި ލިޔާރޯސް ކްލެމެންޓްސް އަށް 1.4 މިލިޔަން "ފޮލަވާސް" ލިބިފައި ވެއެވެ. އުމުރުން އަށް އަހަރުގައި މި ދެބެން މަޝްހޫރު މޮޑެލުންގެ ގޮތުގައި ފާހަގަ ވިއެވެ.
ނޫކުލައިގެ ދެ ލޮލާއި ރަންކުލައިގެ ރީތި އިސްތަށިގަނޑެއްގެ އިތުރުން ދޮން އޮމާން ހަންގަޑެއްގެ ލިބިފައި ވުމުން ރީތި ވުމަކަށް މާ ބޮޑު މޭކަޕްތަކެއް މިކުދިންނަކަށް ބޭނުމެއް ނުވެއެވެ. ދެބެންނަކީވެސް ވަރަށް ސާދާ އޮމާން ސިފަތަކެއް ލިބިފައިވާ ކުދިން ކަމަށްވުމުން މޫނުގައި ޖަހާލާ ކުޑަ ފުށް ކޮޅަކުން މިކުދިންގެ މޭކަޕު ފުރިހަމަވެއެވެ.
މި ދެބެންގެ މަންމަ ބުނާގޮތުން މިކުދިން މޮޑެލިންގެ ދާއިރާ ފެށުނީ އެކުދިންގެ މަންމަ ޖެކީ ކްލަމެންޓްސް ގެ އެކުވެރިން މި ކުދިންނަކީ މޮޑެލިންގެ ދާއިރާއަށް ވެއްދިދާނެ ކުދިން ކަމުގައި ބުނުމުންނެވެ.
މި ދެބެންގެ އުމުރުން އެންމެ ހަ މަހުގައި ލޮސްއެންޖެލިސްގެ އެޖެންސީއަކާ ގުޅިގެން ފޮޓޯ ނެގިއެވެ. ނަމަވެސް އެހާ ޅައުމުރުގައި ތުއްތު ދެކުދިން މޮޑެލް ކުރުވުމާއި އަދި އެކުދިންގެ ދޮށީބޭބެގެ ކަންތައް ކުރުމަކީ ޖެކީއަށް ބުރަ ކަމަކަށް ވިއެވެ. އެހެންކަމުން ޖެކީ ގަސްތުކުރީ ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަށެވެ. އަދި މޮޑެލިން ކުރުމަށް ރަނގަޅު ފުރުޞަތެއް ލިބިއްޖެނަމަ، އެކަމަށް ފަހުން މަސައްކަތް ކުރުމަށެވެ.
މި ދެބެންގެ އުމުރުން ހަތް އަހަރު ފުރުމުން އެކުދިން މޮޑެލް ކުރަން ބޭނުންތޯ ޖެކީ އެހިއެވެ. މި ދެބެން ވެސް އެކަމަށް ޝައުގުވެރިކަން ފާޅުކުރުމުން ގޭތެރޭގަޔާއި ގޯތި ތެރެ އަދި ކައިރި ސަރަހައްދުގެ ޕާކުތަކުގައި ފޮޓޯތައް ނަގާ އިންސަޓަރގްރާމަށް ލާންފެށިއެވެ. ގިނަ ފޮޓޯ ސެޝަންތައް ހެދުމުގެ ބަދަލުގައި އެ ފޮޓޯ ނަގާ ދުވަހު އެކި ތަންތަނުގައި ތަފާތު ހެދުން ތަކުގައި ތަފާތު ގޮތްގޮތަށް ފޮޓޯ ނެގިއެވެ. އެއީ މި ދެކުދިންނަކީ ފެތުމުގެ ކްލާސްތަކުގެ އިތުރަށް ނެށުމުގެ ކްލާސްތަކުގައި ވެސް ބައިވެރިވާ ކުދިން ކަމަށް ވުމުންނެވެ.
ޖެކީ މި ފޮޓޯތައް ޕޯސްޓު ކުރަންފެށުމުން އެކުދިން މޮޑެލް ކުރުވުމަށް އެކި ފަރާތްތަކުން ދިން ހިތްވަރާއެކު ތަފާތު ގިނަ އެޖެންސީތަކަށް އެކުދިންގެ ފޮޓޯތައް ފޮނުވިއެވެ. އަދި ތަފާތު އެކި ފަރާތްތަކުން ގިނަ ހުށައެޅުންތައް ލިބެން ފެށިއެވެ. ނަމަވެސް ޖެކީ އާއި އެ ދެބެންވެސް ނިންމީ ދެ އެޖެންސީއަކުން އެ ދެކުދިން ތަމްސީލު ކުރާށެވެ.
ދެން ޖެކީ މިދެކުދިންގެ ފޮޓޯތަކަށް ވަކި އިންސްޓަރގުރާމް އެކައުންޓެއް ހަދައި އޭގައި ފޮޓޯތައް ޕޯސްޓް ކުރަން ފެށިއެވެ. މިއާއެކު ފުރަތަމަ މަހުގައި 1000 މީހުން ފޮލޯ ކުރަން ފެށިއެވެ. ދެން ވިދިގެން އައި ދެމަހު މި އަދަދު 3000 އިތުރު ވިއެވެ. މި ލިބުނު ހިތްވަރާއެކު ފޮޓޯތައް އިތުރުކޮށް އަޖުމަ ބަލާލަން ޖެކީ ނިންމިއެވެ. އަދި ވިދިގެން އައި ދެތިން ދުވަހު މި އަދަދު 15000 އިތުރު ވިއެވެ. ހަމަ އެހެންމެ ވިދި ގެން އައި މަސްތަކުގައި 9 މިލިޔަން ފޮލަވާސް އިތުރުވިއެވެ.
މިހާ ބޮޑަށް ތަރުޙީބު ލިބެން ފެށުމުން އަޖުމަ ބަލާލުމަށްޓަކައި ދެކުދިންގެ ފޮޓޯ ވަކިން އިސްޓަރގުރާމުގައި ޕޯސްޓު ކުރިއެވެ. ނަމަވެސް ދެކުދިން ވަކިން ލާ ފޮޓޯ ތަކަކަށް މާބޮޑު ތަރުޙީބެއް ނުލިބުނެވެ. އެހެންކަމުން މި ދެކުދިން އެކުގައި މޮޑެލިން ކުރުވުމަށް ޖެކީ ނިންމިއެވެ.
މި ނިބޫ ދެބެންގެ ބައްޕަ އަކީ އެމެރިކާގެ ގައުމީ ޓީމުގެ ފެތުން ތެރިއެއްގެ އިތުރަށް މެރީ ލޭންޑުގައި ފަތަން ދަސްކޮށްދޭ ކޯޗެއް ކަމުން އޭނާގެ ހަށިގަނޑުވެސް ރީއްޗެވެ. އެހެންކަމުން އޭނާވެސް މި މޮޑެލިންގައި ބައިވެރި ވިއެވެ. އަދި އެކުދިންގެ ބޭބެ އާއި ޖެކީވެސް މި ދެބެންނާއެކު މޮޑެލް ކުރަން ފެށިއެވެ. މިހާރު މި އާއިލާ އެންމެންވެސް މޮޑެލް ކުރެއެވެ. އަދި ގިނަ ފަރާތްތަކެއްގެ ތަރުޙީބުވެސް މިކަމުގައި މި އާއިލާއަށް ލިބެމުންދެއެވެ.