ދަރިފުޅު އެންމެ ފުރަތަމަ ސުކޫލަށް ދިޔަ ދުވަހު ގޮވައިގެން ސުކޫލަށް ނުދެވުނީ ބައްޕަ ދާހިތް ނުވެގެނެން ނޫނެވެ. އެދުވަހު ބައްޕަ އެންދަމަން ދާންޖެހިގެނެވެ. ދަރިފުޅުގޮވައިގެން ޕާކަށް ދާއިރު މަންމަ އެކަނި ދާން ޖެހެނީ ބައްޕަ މަސްވެރިކަމުގައި ކަނޑުމަތީ އުޅޭތީއެވެ. ބައްޕަވެސް ދަރިފުޅުގޮވައިގެން ސުކޫލަށް ދާން ބޭނުމެވެ. ޕާކުތަކަށް ދާންބޭނުމެވެ. އެހެން ނަމަވެސް މަހަކު އެއްފަހަރުވެސް ދަރިފުޅުމެން ގާތަށް ރަށަށް ނާދެވެއެވެ. ދަރިފުޅު ދެކޭހިތް ނުވާތީއެއް ނޫނެވެ. ބައްޕަ ރަށުން ބޭރުގައި މަސައްކަތް މި ކުރަނީ ދަރިފުޅުގެ މުސްތަގުބަލު އުޖާލާ ކުރުމަށްޓަކައެވެ. ދަރިފުޅަށް ކިޔައިވައިދިނުމަށް ޓަކައެވެ. މޮޅު ކުއްޖަކަށް ހެދުމަށްޓަކައެވެ. ރީތި ހެދުން ހޯދައި ދިނުމަށްޓަކައެވެ. މީރު ކާނާ ކާން ދިނުމަށްޓަކައެވެ.
ބައްޕަ ބާވެފައިވާ ދެމުންޑާއި ދެ ގަންޖުފަރާސް ލާތީ ދަރިފުޅު ލަދުގަންނަކަން ބައްޕަ އަށް އެނގެއެވެ. ނަމަވެސް ބައްޕަ މި ބަލަނީ ބައްޕަ އަށް ލިބޭ ފައިސާއިން ދަރިފުޅަށް ރީތި ހެދުމާއި ދަބަސް ގަނެދެވޭތޯއެވެ. ބައްޕަ ފައިވާނަށް ނާރާ ރަށުތެރޭގައި ހުސްފަޔާއެކު ހިނގާތީ ދަރިފުޅު ބައްޕައާ އެކު ތަންތަނަށް ދާން ބޭނުން ނުވާކަން ބައްޕަ އަށް އެނގެއެވެ. ނަމަވެސް ދަރިފުޅު ސުކޫލަށް ދާން ރީތި ބޫޓެއް ގަނެ ދެވުމުން ބައްޕަ އުފާވެއެވެ.
ދަރިފުޅާއެވެ. ދަރިފުޅު ބޭނުންވާ ވައްތަރު ގޭމުކުޅޭ އެއްޗެއް ގަނެ ނުދެވޭތީ ދަރިފުޅު ރުޅިއައިސްފައި ހުރިވާހަކަ މަންމަ ބުންޏެވެ. ދަރިފުޅާއެވެ! ބައްޕަ ދެކެ ރުޅި ނާންނާށެވެ. ބައްޕަ ދުވާލަކު އެއްފަހަރު ކައި ގެން ހުންނަން ޖެހުނަސް ދަރިފުޅު ބަނޑުހައި ކަމުގައި ނުބަހައްޓާނަމަވެ. ބައްޕަ އަށް އެހާ ފައިސާ ލިބޭނަމަ ތިޔަ ގޭމު ކުޅޭ އެއްޗެއް ވެސް ގަނެދޭނަމަވެ. އެހެން ނަމަވެސް ބައްޕަ އަތުގައި މިއަދު އެހާ ފައިސާ ނެތީއެވެ. ނަމަވެސް ބައްޕަ މި ބުރަ މަސައްކަތުގައި ދުވާލާއި ރޭގަނޑު ހޭދަ ކުރަނީ ދަރިފުޅުމެނަށް ބޭނުންވާ ތަކެތި އުނިނުކޮށް ހޯދައިދިނުމަށެވެ.
މިއީ މަސްވެރި ބައްޕައެއްގެ ހިތުގެ އުދާސް ތަކެވެ. އަހަރެމެންގެ ތެރެއިން ކިތައް ދަރިން އެކުދިންގެ ބައްޕަ ސައިކަލުގައި ސުކޫލުދޮށަށް ބަލާ ނުދާތީ ރުޅި އާދޭހެއްޔެވެ؟ ކިތައް ކުދިން ކާރުދުއްވާލަން ނުގެންދާތީ ރުޅި އާދޭހެއްޔެވެ؟ ބާބީ އެއް ގަނެ ނުދީގެން ބައްޕަ އާ ވާހަކަ ނުދައްކާ ހުރޭ ހެއްޔެވެ؟ ބޭނުންވި ޑްރޯން ނުގަނެވުމުން ބޮޑާ ދައްކާ ބައްޕަ އާއެކު އެއްތަށިމަތިން ކާން ނީށީނދެ އުޅެން ހެއްޔެވެ؟
ވިސްނާލަ ބަލާށެވެ. އެ ބައްޕަމެން ގެއަށް ނުވަދެ މަސައްކަތް އެ ކުރަނީ ތިޔަ ދަރިންނަށް ބޭނުންވާ ތަކެތި ހޯދައި ދިނުމަށެވެ. އަތްވާ ހޫނުގައި ދުވާލުދާ ހަތަރު ދަމު ބުރަ މަސައްކަތުގައި ވަގުތުހޭދަ ކުރަނީ ތިއަދަރިންގެ މުސްތަގުބަލު އުޖާލާ ކުރުމަށްޓަކައެވެ.
އެބައްޕަވެސް ތިޔަ ދަރިފުޅާ އެކު ވަގުތު ހޭދަކުރަން ބޭނުންވެއެވެ. ގޭގައި ދަރިފުޅާއެކު ކުޅެން އިންނަން ބޭނުމެވެ. ނަމަވެސް އެގޮތަށް އެކަން ކޮށްފިނަމަ ތިޔަ ދަރިފުޅަށް ކާންދޭނީ ކިހިނެއް ހެއްޔެވެ؟ ރީތި ފައިވާނާއި ކުޅޭނެ ބޯޅަ ގަންނާނެ ފައިސާ ހޯދާނީ ކޮންތާކުން ހެއްޔެވެ؟
ދަރިންނޭވެ! ތިޔަކުދިންގެ މަންމަހެން "އައިލަވްޔޫ" އޭ ބުނެ ބައްދާ ނުލިޔަސް އެ ބައްޕަވެސް ތިޔަ ދަރިފުޅުދެކެ ލޯބި ވެއެވެ. މަންމަ ހެން ދަރިފުޅު ހުން އައުމުން ކައިރީގައި އިނދެ ރޮއި ރޮފައި ގައިގާ ފެން ނޫގުޅިޔަސް ދަރިފުޅު ބަލިވުމުން ބައްޕަވެސް ވަރަށް ދެރަ ވެއެވެ.
ދަރިންނޭވެ! ތިޔަ ކުދިންގެ ބައްޕަ އަށްޓަކައި ފަޚުރުވެރިވާށެވެ. ބައްޕަ ކުރަނީ ކޮންމެ މަސައްކަތެއް ކަމުގައި ވިޔަސް އެކަމާ ލަދު ނުގަންނާށެވެ. ބައްޕަ ހަލާލު މަސައްކަތް ކޮށްގެން ފައިސާ އެ ހޯދަނީ ތިޔަ ދަރިފުޅަށް ޓަކައެވެ. އެ ހަށިގަނޑުގެ ކުލަ ބަދަލުވެފައި ވަނީ ތިޔަ ދަރިފުޅަށްޓަކައި އަތްވާއި ހޫނުގައި މަސައްކަތް ކުރަން އުޅުމުގެ ސަބަބުންނެވެ. ތިޔަ ދަރިންނަށް ޓަކައި އެބައްޕައިން އޮހޮރުވާ ދަލަކީ ބޭކާރު އެއްޗަކަށް ނަހަދާށެވެ. އެ ބައްޕަ އުފަލުގައި ބެހެއްޓުމަށް މަސައްކަތް ކުރާށެވެ. ބައްޕަދެކެ ލޯބިވާކަން އަމަލާއި ބަހުން ދައްކާށެވެ. ވަގުތު ފާއިތު ނުވަނީސް އެވެ. އެބައްޕަ ދުނިޔޭގައި ހުއްޓާ އެ ބައްޕަ އެދެކޭ ހުވަފެން ހަގީގަތަށް ހަދައިދޭށެވެ. އެ އޮހުރުވާ ދަލުގެ އަގުވަޒަން ކުރާށެވެ. މަންމަ އެކޭ އެއްގޮތަށް ބައްޕަވެސް ތިޔަ ކުދިންނަށްޓަކައި އެވަނީ ވަރަށްބޮޑު ގުރުބާނީ އެކެވެ. އެކަން އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ.